ލައިފްސްޓައިލް

ހިކެން ކޮންމެހެން ދުވަން ދާނެ ކަމެއް ނެތް!

" އޭ ހިނގާބަ ދުވަން ދާން، ކޮން އިރަކުންތަ ފަށާނީ" ނިދާ ހޭލެވުނީ ރައްޓެއްސަކު އަހަރެންގެ ފޭސްބުކް ވޯލްގައި މިހެން ލިޔެލުމުންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. މިއީ ކޮންމެ ދެ ދިވެއްސެއް ދިމާވި ނަމަވެސް ދައްކާނޭ ވާހަކަ އެވެ. ދުވަންދާ ވާހަކަ އެވެ. ހިކޭ ވާހަކަ އެވެ.

މިއީ އެއްކަލަ ވާހަކަ އެވެ. ދައްކާ ދައްކާ ކޮޅުން ނުލާ ވާހަކަ އެވެ. ދެމީހަކު އެއްތަން ވެއްޖެޔާ ދައްކާނީ މިވާހަކަ އެވެ. މިހާރު މިދައްކާ ވާހަކަ އެނގިއްޖެ ކަމަށް ހީކުރަމެވެ. އާ އެކެވެ. މިދައްކަނީ ހިކެން ނޫނީ ބަރުދަން ލުއި ކުރަން އުޅޭ މީހެއްގެ ވާހަކަ އެވެ. އަހަރެން ދުވަންދާން ކިޔަނީ ކޮންމެހެން ބަރުދަން ލުއި ކުރާކަށް ނޫނެވެ. ހަށިގަނޑުގައި އިތުރަށް ވިރުވާނެ މަހެއް ނުވެސް ނެތެވެ. އަހަރެން ދުވަން ދާން އުޅެނީ ކީއްވެކަން އަސްލު އަހަންނަކަށްވެސް ނޭނގެ އެވެ. އެހެން މީހުންވެސް ދާތީ ތޯއްޗެކެވެ.

ބަރުދަން ލުއި ކުރަން ދުވަންދާ ވާހަކަ ދައްކަމާ ހިނގާށެވެ. އެބޭނުމުގައި އެއްގޮތަކަށްވެސް ދުވަން ދާނެ ކަމެއް ނެތެވެ. ހިކެން ނުވަތަ ބަރުދަން ލުއި ކުރަން ބޭނުންވެގެން އުޅޭއިރު ދާންވީ ހިނގާށެވެ. މި ބުނީ ހަވީރު ފިންޏަށް މޫނު ހުދުވަންދެން ފުށް ޖަހައިގެން ތިއްތި ދައްކަން ހިނގާށެކޭ ނޫނެވެ. ތަޖުރިބާ ކާރުންގެ އެހީގައި ހަށިގަނޑަށް ކަސްރަތު ލިބޭ ގޮތަށް ހިނގާ ވާހަކަ އެވެ.

އެހެން ހަދަންވީ ކީއްވެ ހެއްޔެވެ؟ އެތައް އަހަރެއްގެ ދިރާސާތަކަށް ފަހު މަޝްހޫރު ސައިންޓިސްޓް ތޯމަސް ޖެފަސަން ބުނަނީ ހިކެން ދުވަން ނުދާންވީ ސަބަބުތައް ގިނަ ކަމަށެވެ. ތިރީގައި މި އޮތީ އެ ސަބަބުތަކެވެ.

ފުރަތަމަ ކަމަކަށް ހިނގައިގެން ލިބޭ އަނިޔާތައް މަދުވާނެ އެވެ. ގައިގައި ރިއްސުން ފަދަ ކަންކަން މެދުވެރިވާލެއްވެސް ކުޑަވާނެ އެވެ. އެންމެ ފަސޭހަ ކަމަކަށް ވާނެ އެއް ކަމަކީ ބިޒީ ޝެޑިއުލަށްވެސް މާ ބޮޑު ބަދަލެއް ގެންނަން ނުޖެހުމެވެ. ކޮންމެ ހެދުމެއްގައި ހުރެވެސް ހިނގަން ދާންވީ އެވެ. ހަމައެކަނި ބޭނުންވާނީ ފަޔަށް ފަސޭހަ ބޫޓެއް ނުވަތަ ފައިވާނެކެވެ. ދާހިއްލާ މިންވަރު މަދުވުމުގެ ސަބަބުން ހަށިގަނޑަށް އިތުރު ލުޔެއް ގެނެސްދޭނެވެސް މެ އެވެ. އަދި ހިނގާފައި ދާއިރު ވަށައިގެންވާ މަންޒަރަށް ވެސް ލޯ ހުޅުވޭނެވެސް މެ އެވެ.

ދެން އޮތީ ފައިދާތަކެވެ. ހިނގަންދާކަށް ހާއްސަ އިކުއިޕްމެންޓްތަކެއް ބޭނުމެއް ނުވާނެ އެވެ. ހަށިގަނޑުން ހަކަތަ ބޭރުވާ މިންވަރު މަދުވެގެންދާއިރު ލޭގެ ޕްރެޝަރު ދަށްކޮށްދެ އެވެ. މޫޑު ރަނގަޅުކޮށްދީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަ ކޮށްދެ އެވެ. އެންޒައިޓީ އާއި ޑިޕްރެޝަން ދަށްކޮންދޭން އެހީތެރިވެދޭއިރު ކަށިތައް ބިނދުން ފަދަ ކަންކަމުންވެސް ރައްކާތެރިކޮށްދެ އެވެ. އަދި ހާޓް އެޓޭކް ތަކާއި ސްޓްރޯކް ޖެހުމުން ދުރުކޮށްދޭއިރު ނިދަންވެސް އެހީ އަކަށް ވެދެ އެވެ. ދެން އެންމެ މުހިއްމު ކަންތަކެވެ. އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނީ ބަރުދަން ލުއި ކުރާށެވެ.

އެހެންވީމާ ދުވަންދާ ހިޔާލު ދޫކޮށްލާފައި ހިނގަންދާން ވިސްނާށެވެ. ފަސޭހައެއް ނޫން ހެއްޔެވެ؟ ބަރުދަން ލުއި ކުރަންޖެހޭ ދުވަހަކުން އަހަރެންވެސް ދާނީ ހިނގާށެވެ.