ރ. ފައިނުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ އެމްޓީސީސީއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް އެވެ.
އެމްއޭސީއެލް މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފައިނު އެއާޕޯޓްގެ މަސައްކަތް ނިމުމުން އެ އެއާޕޯޓް ހިންގާނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ކަމަށްވާތީ އެވެ. ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއަކީ މިވަގުތު އެމްއޭސީއެލްގެ ދަށުން ހިންގާ ކުންފުންޏެކެވެ.
ފައިނުގައި އެއާޕޯޓެއް އެޅުމަށް ނިންމާ އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ފައިނަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
ރައީސް މުއިއްޒު އެ ދުވަހު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ކުރާނީ އެ ދުވަހު އެރަށުގައި އިފްތިތާހު ކުރެވުނު ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތަށް ހުއްޓުމެއް ނާންނާނޭ ގޮތަށް އެއާޕޯޓް އެޅުމަށް ބޭނުންވާ ޖާގަ ހޯދައިގެން ކަމަށެވެ.
"މިއީ [އެއާޕޯޓުގެ މަސައްކަތަކީ] ފައިނާއި އެ ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް އޮތް ފުރުސަތެއް. މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެވޭ އިންވެސްޓްމަންޓަކަށް ވެގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ދެން އެރަށަށް ވަޑައިގަންނަވަން އުއްމީދު ކުރައްވަނީ އެއާޕޯޓު ހުޅުވުމަށް ކަމަށެވެ.
ފައިނުގައި އެއާޕޯޓެއް އެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ ފައިނުގައި އެއާޕޯޓެއް އަޅައިފިނަމަ އެ ރަށުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބުނެ ބަޔަކު އެކަމާ ދެކޮޅަށް މުޒާހަރާ ކުރުމުން އޭރު އެ މަސައްކަތް އޮތީ ހުއްޓާލާފަ އެވެ.
ރ. އަތޮޅު އިފުރުގައި މިހާރުވެސް އެއާޕޯޓެއް އެބައޮތެވެ. އަދި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރ. އަލިފުށީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އޮތީ ފަށާފަ އެވެ.