ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދޭ ގޮތަށް ކަންކަން މިހާރު ވަނީ ފަހިކުރެވިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ދ. ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްފަހު ވައުދުތައް ފުއްދުމަށްޓަކައި ފާއިތުވި އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތުން ވައުދުތައް ފުއްދޭ ގޮތަށް ކަންކަން ހަމަޖެހިގެން ގޮސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ވެެރިކަމަށް ވަޑައިގެންނެވިއިރު އިގްތިސާދީ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްކޮށް ކަމަށްވާތީ އެންމެ ފުރަތަމަ ޖެހުނީ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށެވެ. އިގްތިސާދީ ހާލަތު މިހާރު ރަނގަޅު ކުރެވި ރާއްޖެއިން އެތެރެއާއި ބޭރުން ދައްކަން ހުރި ދަރަނިތައް ދެއްކުން މިހާރު ހަމައަކަށް އެޅުވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ކުރެވިފައިވާ މަސައްކަތުގެ ނަތީޖާވެސް މިއަދު އެބަފެނޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގެން ތަންފީޒު ކުރަންޖެހުނީ އެމްޑީޕީގެ ސަރުކާރުން ހަދާފައިވާ ބަޖެޓެއް ކަމަށްވާތީ ވައުދުތައް ފުއްދުމަށް ދަތިތަކެއް ދިމާވި ކަމަށެވެ. ނަމަވެސް މިހާރު އޮތީ މިއަދުގެ ސަރުކާރުން އެކުލަވާލި ބަޖެޓެއް ކަމަށްވާތީ ކުރިއަށް އޮތް ދުވަސްތަކުގައި ނަތީޖާ ފެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ކަންކަން ފަހިކޮށްދެއްވީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދޭނެ ގޮތަށް" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ވައުދުތައް ފުއްދުމަށް އަމަލީ މަސައްކަތްތައް ފަށައިގެން މިއަހަރު ކުރިއަށްދާ މަންޒަރު ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ.