ދުނިޔެ

އެޕަލުން އެމެރިކާގައި 500 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

އެމެރިކާގައި ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި 500 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް މަޝްހޫރު އެޕަލް ކުންފުނިން ބުނެފި އެވެ. މިއީ އެޕަލްގެ ހަޔާތުގައި ވެސް މިވަރުގެ ބިޔަ އިންވެސްޓްމެންޓަކަށް ކުންފުނި މިސްރާބުޖަހާ ފުރަތަމަ ފަހަރެވެ.

އެޕަލްގެ އިންވެސްޓްމަންޓް ޕްލޭންގައި އޮތް ގޮތުން އެޕަލްގެ އުފެއްދުންތަކަށް ޚާއްސަ ފެކްޓަރީއެއް 2026 ގައި ހިއުސްޓަންގައި ހުޅުވާނެ އެވެ. އަދި އެ މަރުކަޒު މެނޭޖްކޮށް ހިންގަން އެމެރިކާގެ ރައްޔިތުންނަށް އެތައް ހާސް ވަޒީފާ ހުޅުވާލާނެ އެވެ.

އެމެރިކާގެ ޑިޓްރޮއިޓްގައި އެޕަލްގެ އުފެއްދުންތައް އުފައްދަން ޚާއްސަ އެކަޑަމީއެއް ވެސް ހުޅުވަން ވަނީ އިންވެސްޓްމަންޓް ޕްލޭންގައި ހިމަނާފަ އެވެ. މިއީ ދިރާސާކުރުމާއި އާޓިފިޝަލް އިންޓެލިޖެންސް ހިމެނޭ ގޮތުން އާ އުފެއްދުންތައް ތައާރަފުކުރާ މަރުކަޒެއް ކަމަށް އެޕަލުން ބުންޏެވެ.

އެޕަލްގެ ވިސްނުމުގައި އޮތް ގޮތުން އެމެރިކާގައި ޗިޕް އުފެއްދުން އިތުރުކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅުން ހުރި އުފެއްދުންތައް އެމެރިކާގައި ތަރައްގީކޮށް، އެމެރިކާގެ މުޖުތަމައުއަށް ތައާރަފުކުރުން ހިމެނެ އެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވި ގޮތުން އެމެރިކާގައި އުފައްދާ ތަކެތި އިތުރުކޮށް އެމެރިކާގެ އުފެއްދުމެއް ގޮތަށް އުފެއްދުންތައް މަޝްހޫރުކުރުމަށް ރައީސް ޓްރަމްޕް ސަރުކާރަށް އެޕަލުން އެހީތެރިވާނެ އެވެ.

އަދި ޓްރަމްޕް ގެންގުޅުއްވާ ތަރައްގީގެ ސިޔާސަތުތަކަށް އެޕަލުން ފުރިހަމަށް ތާއީދުކުރާނެ އެވެ.