އެމެރިކާގައި މިހާރު އޮތް ޑޮނަލްޑް ޓްރަމްޕް ސަރުކާރަށް ބައިނާޅާ ކުންފުނިތަކަށް، އެ ގައުމުގައި އިންވެސްޓްކުރުމާއި ވިޔަފާރިކުރުން، ކުރިއަށް އޮތް ހަތަރު އަހަރު ފަސޭހައެއް ނުވާނެ އެވެ. ޓްރަމްޕް ވަނީ ތަކުރާރުކޮށް މި މޭރުމުން ވާހަކަދައްކަވައި ކުންފުނިތަކުގެ ވެރިންނަށް އިންޒާރުދެއްވާފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން އެމެރިކާގައި އިންވެސްޓްކުރެވޭނީ ސަރުކާރަށް ބައިއަތުހިފައިގެންނެވެ. އެމެރިކާ ސަރުކާރުގެ ސިޔާސަތު ދެމެހެއްޓުމަށްޓަކައި އެއްބާރުލުން ނުދޭ ކުންފުނިތަކަށް އޮތީ ބޮޑެތި އަދަދަތުތަކުން ޓެކްސް ދެއްކުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސްގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް ހޮވިވަޑައިގަތުމާ އެކު، އެޕަލް، މޭޓާ (ފޭސްބުކާއި އިންސްޓާގްރާމް އަދި ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި) އަދި މައިކްރޮސޮފްޓް ފަދަ ދުނިޔެއަށް މަޝްހޫރު ކުންފުނިތަކުން ވަނީ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.
އަދި މީގެ ތެރެއިން ބައެއް ކުންފުނިތަކުން ވަނީ ޓްރަމްޕާ ގުޅުހުން ހުރި ފައުންޑޭޝަންތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ހޭދަކޮށްފަ އެވެ.
ސެމްސަންގުން ޓްރަމްޕް ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުތުރު އެމެރިކާގައި ހުންނަ ސެމްސަންގެ އޮފީސްތަކަށް -- އެމެރިކާ ސަރުކާރާ ގުޅުން ރަނގަޅު އޮފިޝަލުން އައްޔަންކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
ސެމްސަންގް ކުންފުނި ތެރޭގައި ހިނގާ ކަންތައްތައް އެނގޭ މީހުން ބުނާ ގޮތުން، ޓްރަމްޕް ސަރުކާރަށް އެއްބާރުލުންދިނުމަށްޓަކައި، ވަކި މަގާމަކަށް ވަކި މީހަކު އައްޔަންކުރަން ވައިޓް ހައުސްއިން އިރުޝާދުދީފި ނަމަ، އެ އިރުޝާދަށް އަމަލުކުރާނެ އެވެ.
އެމެރިކާގައި ވިޔަފާރިކުރާ ވަރަށް ގިނަ ކުންފުނިތަކުން އެ މީހުންގެ އުފެއްދުންތައް އަދިވެސް އުފައްދަނީ ޗައިނާގަ އެވެ. ޗައިނާގައި އުފައްދާ ތަކެތި އެމެރިކާއަށް އެތެރެކުރާ ނަމަ އެ ތަކެތިން ވަރަށް ބޮޑު ޓެކުހެއް މިހާރުވެސް ނަގަ އެވެ.
މި ޓެކުހުން ސަލާމަތްވެ އިސްތިސްނާ ކުންފުންޏެއް ގޮތުގައި އޮތުމަށް، ޓްރަމްޕް ސަރުކާރަށް ހިފެހެއްޓުމެއް ނެތް އެއްބާރުލުން ދޭން ޖެހެ އެވެ. އެމެރިކާ ސަރުކާރުން އެމެރިކާގައި -- އެމެރިކާ ރައްޔިތުންނަށް ޚާއްސަކޮށް ހިންގާ ބޮޑެތި ޕްރޮގްރާމްތަކަށް އެހީތެރިވާން ވެސް ޖެހެ އެވެ.
އެމެރިކާ ނޫން ގައުމެއްގައި އުފައްދާ ތަކެތިން ނަގާ ޓެކުހަށް ވުރެ، ސަރުކާރުގެ ޕްރޮގްރާމްތަކަށް އެހީވާން ކުރަން ޖެހޭ ހޭދަ ކުޑަކަން އެޕަލް ފަދަ ކުންފުނިތަކަށް އެނގެ އެވެ.
މިހެން ކަން އޮތުމުން އެޕަލް އަދި މެޓާއިން ވެސް ވިސްނަނީ ސަރުކާރުން ރާވާފައި ހުރި ޕްރޮގްރާމްތަކަށް މާލީ ގޮތުން އެހީތެރިވެ -- ސަރުކާރަށް ކޮށްދޭ ކަމެއްގެ ގޮތުގައި މިފަދަ ޕްރޮޖެކްޓްތައް ހިންގައިދިނުމަށެވެ.