ދ. އަތޮޅުގެ ރައްޔިތުން ދަތުރު ދާނެ ރަށެއްގެ ގޮތުގައި ދ. އުއްދޫ ކަނޑައަޅުއްވައި، އެ ރަށަށް ދަތުރު ދިއުމަށް ހުޅުވާލާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދ. މީދޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ދ. އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރީގެ އުސޫލުން ބޭނުންކުރުމަށްފަހު، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރަށް އަނބުރާ ލިބިފައިވާ ރަށެއް ކަމަށެވެ.
ދ. އުއްދޫ މިހާރު ހަވާލުކޮށްފައި އޮތީ ލޯކަލް ގަވަރުމަންޓް މިނިސްޓްރީއަށް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރަށް ބަލަހައްޓާނީ އެ ވުޒާރާއިން ކަމަށްވާތީ އުއްދޫއަށް ދަތުރުގޮސް އުޅުމުގެ ކަންކަން އެ މިނިސްޓްރީ ތެރެއިން ފަހިވެގެން ދާނެ ކަމަށެވެ.
"މިކަމާ ގުޅުން ހުރި ތަފްސީލްތައް އެ މިނިސްޓްރީން ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާންކުރާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަހަރާއި އަންނަ އަހަރަކީ، ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް އަމަލީ ގޮތުން ފުރިހަމަކޮށްދެއްވާ ނިންމަވައި ދެއްވުން، ރައްޔިތުން ތަޖުރިބާ ކުރާނެ ދުވަސްތަކެއް ކަމަށެވެ.