ރާއްޖެ ކުޅިވަރު

ސާބާ ޗެމްޕިއަންޝިޕްގެ ފައިނަލުން ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ޖާގަ ހޯދައިފި

ސާބާ ވުމަން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމް -- ފޮޓޯ: ބާސްކެޓްބޯޅަ ފެޑެރޭޝަން އޮފް އިންޑިއާ
0%
0%
0%

އިންޑިއާގެ ނިއުދިއްލީގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ވިމެންސް ޗެމްޕިއަންޝިޕްގައި ނޭޕާލް 53-46 އިން ބަލިކޮށް ދިވެހިރާއްޖޭގެ އަންހެން ގައުމީ ބާސްކެޓްބޯޅަ ޓީމުން ފުރަތަމަ ފަހަރަށް ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި މުބާރާތުގައި ވާދަކުރަނީ އިންޑިއާ، ދިވެހިރާއްޖެ އަދި ނޭޕާލް އެވެ. މިދިޔަ ދެ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްރީލަންކާ އިން ވަނީ މުބާރާތް ބާއްވަން ގާތްވެފައި ވަނިކޮށް މުބާރާތުން ވަކިވެފަ އެވެ.

މި މުބާރާތުގެ ކުރީ އަހަރުތަކުގައި ދިވެހިރާއްޖެއަށް ހޯދިފައިވަނީ ހަމައެކަނި ތިންވަނައެވެ. އެގޮތުން 2016 ގައި ނޭޕާލްގައި އޮތް މުބާރާތާއި 2022 ގައި ރާއްޖޭގައި އޮތް މުބާރާތުން ރާއްޖެއިން ހޯދީ ބްރޯންޒް މެޑަލް އެވެ.

ނޭޕާލް އަތުން ރާއްޖެ މޮޅުވި މެޗްގެ ފުރަތަމަ ދެ ކުއާޓަރުގައި ރާއްޖެއިން މޮޅަށް ކުޅެ 26-15 އިން ނުވަ ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް ތިންވަނަ ކުއާޓަރުގައި ނޭޕާލުން ވަނީ ނަތީޖާ އެ ޓީމުގެ ކޮޅަށް އަނބުރާލާފަ އެވެ. 34-35 އިން ރާއްޖެ ބަލިވެފައި އޮއްވާ، ރައިފާ އިބްރާހިމް، އާމިނަތު އިސްރާއު އަދި ޓީމްގެ ކެޕްޓަން އާމިނަތު ޝިއުރާގެ ފާހަގަކޮށްލެވޭ ޕަފޯމަންސާއެކު ރާއްޖެއިން ތަފާތު ދައްކައި 53-46 އިން މެޗް ކާމިޔާބުކުރި އެވެ.

މި މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ފާހަގަކޮށްލެވުނީ ގިނަ ތްރީ ޕޮއިންޓްތަކެއް ސްކޯކުރި ރައިފާ އިބްރާހިމް އެވެ. އޭނާ ވަނީ ޖުމްލަ 19 ޕޮއިންޓް ސްކޯކޮށްދީފަ އެވެ. ޑިފެންސްގައި މޮޅަށް ކުޅުނު އިސްރާއު ވަނީ 11 ރީބައުންޑް ނަގައި، 9 ސްޓީލްކޮށް، 15 ޕޮއިންޓް ސްކޯކޮށްދީފަ އެވެ.

އުމުރުން 37 އަހަރުގެ ކެޕްޓަން ޝިއުރާ މި މެޗް ފެށުނީއްސުރެ ނިމެންދެން ޓީމަށް ހިތްވަރުދީ ލީޑްކުރި އެވެ. އޭނާއަކީ މުޅި މެޗްގެ 40 މިނެޓު ހަމަކުރި ހަމައެކަނި ކުޅުންތެރިޔާ އެވެ. ޝިއުރާ ވަނީ 14 ރީބައުންޑް ނަގައި 11 ޕޮއިންޓް ޓީމަށް ހޯދައިދީފަ އެވެ.

ތިންވަނަ ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ދިވެހިރާއްޖެ ނިކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އިންޑިއާއިން ވަނީ ލީގު ބުރުގައި ނޭޕާލްގެ މައްޗަށް 113-32 އިން ބޮޑު ތަފާތަކުން ކުރި ހޯދާފަ އެވެ. ލީގު ބުރުގައި ދިވެހިރާއްޖެއާ ދެކޮޅަށްވެސް މިއަދު އިންޑިއާ ނުކުންނާނެ އެވެ. ފައިނަލް މެޗު އޮންނާނީ ފެބްރުއަރީ 28ވާ ބުދަ ދުވަހު އެވެ.

ސާބާ ވިމެންސް ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕް ފުރަތަމަ ބޭއްވީ 2016 ވަނަ އަހަރު އެވެ. ދެވަނަ މުބާރާތް ރާއްޖޭގައި ބޭއްވީ 2022 ގައެވެ. ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މިފަހަރު މުބާރާތް ބާއްވަނީ އިންޑިއާ ގައެވެ. ކުރިން އޮތް ދެ މުބާރާތުގައި އިންޑިއާއިން ވާދައެއް ނުކުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910