ކާށިދޫ

ކާށިދޫން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައިފި

ކާށިދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ
0%
0%
0%

ކ. ކާށިދޫން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލްގައި ހދ. ނައިވާދޫ އަތުން 4-1 އިން މޮޅުވެ، ފުޓްސަލް ޗެމްޕިއަންކަން ހޯދައިފި އެވެ.

މި ކާމިޔާބީއަކީ ކާށިދޫއަށް ލިބުނު ތާރީހީ ކާމިޔާބެކެވެ. އެއީ ކ. އަތޮޅު ފައިނަލާއި ޒޯން ތިނެއްގެ ފައިނަލުން ބަލިވުމަށްފަހު މުބާރާތުގެ ތާރީހުގައި ޗެމްޕިއަންކަން ހޯދި ފުރަތަމަ ޓީމަށް ވާތީ އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.

ރޭގެ މެޗުގައި ކާށިދޫން އަވަހަށް ލީޑު ނެގީ ކިކްއިންއެއްގައި ލިބުނު ފުރުސަތެއްގައި އަޖުލާން އަބްދުލް ހަންނާން ޖެހި ލަނޑުންނެވެ. ނައިވާދޫން މެޗު އެއްވަރުކުރީ ޔާމިން މުހައްމަދު (ޔާންޓެ) ދިން ހިލޭ ޖެހުމަކުން އަހްމަދު ހަމީދު (އައްމަޑޭ) ޖެހި ގޯލުންނެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކާށިދޫން އަނެއްކާވެސް ލީޑު ނެގީ އަބްދުﷲ ސުޒޭރު ހިލޭ ޖެހުމަކުން ޖެހި ގޯލުންނެވެ. އަޖުލާން ވަނީ ސުޒޭރު ފެށި އެޓޭކަކަށް އަރައި، ރަނގަޅު ޕޮޒިޝަނަކުން ލަނޑެއް ޖަހައި ކާށިދޫގެ ލީޑު ފުޅާވެސް ކޮށްދީފަ އެވެ.

ދެވަނަ ހާފުގައި ނައިވާދޫން ކުރިއަށް ޖެހިގެން ކުޅެ، ލަނޑެއް ޖެހޭތޯ މަސައްކަތްކުރި އެވެ. ނަމަވެސް މުޅި މުބާރާތުގައި ފާހަގަކޮށްލެވޭ ގޮތަށް ކުޅުނު ކާށިދޫގެ ގޯލްކީޕަރު މުހައްމަދު ސަލީލް ނައިވާދޫން ފޮނުވި ހުރިހާ ބޯޅައެއް ހުއްޓުވި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ހޮވުނު ސުޒޭރު ވަނީ ކާށިދޫގެ ހަތަރުވަނަ ލަނޑު ޖަހައި ކާމިޔާބީ ޔަގީންކޮށްދީފަ އެވެ.

ކާށިދޫއަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރި ހަތްވަނަ ޓީމެވެ. މީގެ ކުރިން، ތ. ތިމަރަފުށިން ތިން ފަހަރު މި ތަށި ހޯދާފައިވާއިރު، މާފަންނު، ހެންވޭރު، ބ. ހިތާދޫ، ބ. އޭދަފުށި އަދި ލ. ގަމުން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން އެއްފަހަރު ހޯދާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910