ކާށިދޫ

ފުޓްސަލް ކިންގަކަށް ކާށިދޫގެ ގޯލްކީޕަރު ސަލީލް

ކ. ކާށިދޫ ޓީމުގެ ގޯލްކީޕަރު މުހައްމަދު ސަލީލް --
0%
0%
0%

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ "ކިންގް އޮފް ފުޓްސަލް"ގެ މަގާމު މުޅި މުބާރާތުގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ގޯލްކީޕަރަކަށް ލިބިއްޖެ އެވެ.

މި ޝަރަފްވެރި މަގާމަށް މިއަހަރު ހޮވިފައިވަނީ ކާށިދޫގެ ޗެމްޕިއަން ޓީމުގެ ގޯލްކީޕަރު މުހައްމަދު ސަލީލް އެވެ.

މުބާރާތުގެ ފައިނަލްގައި ހދ. ނައިވާދޫގެ މައްޗަށް 4-1 އިން މޮޅުވި ކާށިދޫއަށް ޗެމްޕިއަންކަން ލިބުމުގައި ސަލީލްގެ މޮޅު ކުޅުން މުހިއްމު ދައުރެއް އަދާކުރި އެވެ.

މުޅި މުބާރާތުގައިވެސް ހާއްސަ ކުޅުމެއް ދެއްކި ސަލީލްގެ ފަރާތުން މުހިންމު ވަގުތުތަކުގައި ގިނަ ސޭވްތަކެއް ފެނިގެންދިޔަ އެވެ.

ރޭގެ މެޗަށްފަހު "ކިންގް އޮފް ފުޓްސަލް"ގެ ތާޖު ސަލީލްގެ ބޮލުގައި އަޅުވައިދެއްވީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.

ލިބުނު މަގާމާ އެކު ސަލީލް ބުނީ އޭނާއަށް ލިބުނު މަގާމަކީ މުޅި ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ.

"އަސްލު ހިޔެއްވެސް ނުކުރަން މީތި ލިބޭނެ ކަމަކަށް. މިހާތަނަކަށް ގޯލްކީޕަރަކަށް މި މަގާމު ލިބިފައެއް ނެތް. އެހެންވީމާ އުންމީދެއްވެސް ނުކުރަން." ސަލީލް ބުންޏެވެ.

ކާށިދޫ ޓީމުން މި މުބާރާތުގައި ވަރުގަދަ ޓީމުތައް ބަލިކުރުމުގައި ސަލީލްގެ މުހިއްމު ދައުރެއް ފެނިގެންދިޔަ އެވެ. ހާއްސަކޮށް ގަދަ 16 ޓީމުގެ ބުރުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމުގައިވާ ތ. ތިމަރަފުށި އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވުމުގައި ސަލީލްގެ ތަފާތު ފެނިގެންދިޔަ އެވެ.

ސަލީލް ބުނީ ކ. އަތޮޅު ފައިނަލް އަދި ޒޯން ފައިނަލުން ބަލިވުމަށްފަހުވެސް ޓީމުން ހިތްވަރު ދޫނުކޮށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި ކާމިޔާބީ ހޯދުނީ ކަމަށެވެ.

"މި ފަހަރުގެ މުބާރާތުގައި އަޅުގަނޑުމެންގެ އަސްލު އަމާޒަކީ ކ. އަތޮޅު ތަށި ނެގުން. އެކަމަކު އެ ތަށި ނުލިބި، ޒޯން ތަށިވެސް ގެއްލުމުން ހިތްވަރު ދޫނުކޮށް މަސައްކަތް ކުރުމުން މި ނަތީޖާ ލިބުނީ" ސަލީލް ބުންޏެވެ.

މިއަހަރުގެ މުބާރާތުގައި އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ކާށިދޫގެ އިސްމާއިލް ރަޔާނަށް ލިބުނުއިރު މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކާށިދޫގެ އަލީ ހައިޝަމް (ޗުމްޕު) އެވެ. އަދި ފެއާޕްލޭ ޓީމަކަށްވެސް ހޮވުނީ ކާށިދޫ އެވެ. މުބާރާތުގައި އެންމެ ރަނގަޅު ސަޕޯޓެއް ދިން ޓީމަކަށް ހޮވުނީ ނައިވާދޫ އެވެ.

މީގެ އިތުރުން މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު މުހައްމަދު ޝާއިން (ޝާއިންޓެ) އަށް ލިބުނެވެ. ޝާއިން ވަނީ މުޅި މުބާރާތުގައި 14 ގޯލު ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ ގޮތުގައި ހޮވާފައިވަނީ ކާށިދޫގެ އަބްދުﷲ ސުޒެއިރާއި އަޖުލާން އަބްދުލް ހަންނާން، ނައިވާދޫގެ އަހްމަދު ހަމީދު (އައްމަޑޭ) އާއި ޔާމިން މުހައްމަދު (ޔާންޓެ) އަދި ވާދޫގެ އަޔާޒް އަހްމަދު (އަޔާ) އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910