މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމްކުރާ ދިވެހި ސާފް ލީގަށް "ކެރަންޑޫ"ގެ ނަމުގައި އާ އިވެންޓެއް އިތުރުކޮށް ލ. މާބައިދޫގައި ބޭއްވުމަށް ނިންމައިފި އެވެ.
މި އިވެންޓް ބޭއްވުމަށް އެމްއެސްއޭ އާއި ލ. މާބައިދޫ ކައުންސިލާ ދެމެދު މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފަ އެވެ. މިއީ ލ. އަތޮޅުގައި ދިވެހި ސާފް ލީގުގެ ބޮޑު އިވެންޓެއް ބާއްވާ ފުރަތަމަ ފަހަރެވެ.
މިއަހަރު ދިވެހި ސާފް ލީގުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ" ގދ. ގައްދޫގައި ބޭއްވުމަށް ރޭވި ނަމަވެސް، އެ ރަށު ކައުންސިލްގެ މާލީ ހާލަތު ހުރިގޮތުން އެ އިވެންޓް ކުރިއަށް ގެންދެވޭ ގޮތް ނުވުމާއެކު، އެމްއެސްއޭ އިން މިހާރު ވަނީ އެ އިވެންޓް ކެންސަލްކޮށްފަ އެވެ.
"މެޗިން"ގެ ނަމުން މަޝްހޫރުވެފައިވާ މާބައިދޫގެ ރާޅު ޕޮއިންޓަކީ ސާފަރުންގެ މެދުގައި މަގުބޫލު ތަނެކެވެ. އެމްއެސްއޭ އިން ފާހަގަކުރި ގޮތުގައި މިއީ އަވަސް ރާޅުތަކެއް ހުންނަ ހާއްސަ ރާޅު ޕޮއިންޓެކެވެ.
މާބައިދޫ ކައުންސިލާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކެރަންޑޫ އިވެންޓް އެ ރަށުގައި ބޭއްވުމުގެ އިތުރުން ހުނަރުވެރި ސާފަރުން ހޯދުމަށާއި ޒުވާނުންގެ ތަރައްގީއަށް އަމާޒުކޮށްގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކެއްވެސް އެ ރަށުގައި ކުރިއަށް ގެންދާނެ އެވެ.
މިއަހަރުގެ ދިވެހި ސާފް ލީގުގައި ކެރަންޑޫގެ އިތުރުން އިވެންޓްތަކުގެ ގޮތުގައި މ. މުލީގައި ޖުލައި މަހު "މުލިކޮޅު" އަދި މާލޭގައި "ރަންނަމާރި" އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. މީގެތެރެއިން މާލޭގައި ބާއްވާ ރަންނަމާރި އިވެންޓް ބޭއްވުމަށް ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.