( 25 ފެބްރުއަރީ 2025 އާ ގުޅޭ )
"ވޮލްވޯ" ކާރެއް އައިސް ކުލިނިކު ދޮރުމައްޗަށް ވާހެން މަޑުކޮށްލައިފި އެވެ. އެ ދިމާއަށް ބަލަން ދެން ވެސް ރަހާ ހުރީ މިވަނީ ކިހިނެއްބާއޭ ހިތައް އަރާފަ އެވެ.
"ކީއްވެފަ ތިހުންނަނީ؟. އަވަހަށް އަރާ." ދޮރުފަތުގެ ބިއްލޫރިގަނޑު ކުޑަކޮށް ތިރިކޮށްލާފައި ޒަރަކް ގޮވާލި އެވެ. އަދި ޒަރަކްއާ ޖެހިގެން ހުރި ކުރީ ސީޓަށް އެރުމަށް ޓަކައި ރަހާއަށް ދޮރުފަތް އޭނާ ހުޅުވާލަ ދީފި އެވެ.
ދެވަނަ ފަހަރަށް ޒަރަކް ގޮވާލުމާއެކު ރަހާ އައިސް ކާރުގެ ކުރީ ސީޓަށް އަރައި ދޮރުފަތް ލައްޕާލައިފި އެވެ. ކާރު ދުއްވާލަމުން ދާންވީ ކޮންހިސާބަކަށްކަން ޒަރަކް އަހާލި އެވެ. މެޑިކަލް ރިޕޯޓް ތަކުން ރަހާގެ އެޑްރެސްގެ ގޮތުގައި ފެންނަނީ ހުޅުމާލޭގެ އެޑްރެހެއްކަން ޒަރަކް ހަނދާން ހުއްޓެވެ. ރަހާގެ ޒާތީ ބައެއް މަޢުލޫމާތުތައް ޒަރަކްއަށް އެނގެފައި އޮތީ ކުލިނިކުގެ ރިކޯޑްސްތަކުންނެވެ. ރަހާ ވިސްނަން އިނދެފައި ޒަރަކްއަށް ދައްކާލީ އޭނާގެ ފޯނެވެ. ގެއަށް ދާންވީ ގޮތުގެ މިސްރާބު ފޯނުން ފެންނަން ހުއްޓެވެ.
"އެއްވެސް ކަމެއްގައި ޚިޔާލެއް ހޯދަން ބޭނުންވެއްޖެނަމަ އަހަރެންނާ ކޮންޓެކްޓް ކުރެވޭނީ ނަންބަރު އޮތީމަ ދޯ. ކޮންމެ ފަހަރަކު ކުލިނިކަށް އައުން ފަސޭހަކަމަކަށް ނުވާނެ. އެހެންވެ ނަންބަރު ނޯޓުކޮށްލަ ދިނީ." ރަހާގެ ފޯނުގައި ޒަރަކްގެ ނަންބަރު ޖަހާލަ ދީފައި އަނބުރާ ފޯނު ދިއްކޮށްލަމުން އޭނާ ބުންޏެވެ. އެކަން ރަހާ ބޮޑުކަމަކަށް ނުހެދި އެވެ. އޭނާ ވެސް ދުށީ ފަސޭހައެއްގެ ގޮތުގަ އެވެ. ބަލިހާލަތާއި ގުޅޭ ގޮތުން ލަފައެއް އަހާލާނެ މީހަކު ވެސް މިވަގުތު ރަހާގެ ނެތީމައާ ވެސް އެކީ އެވެ.
"އަހަރެން ދުއްވިޔަސް މި ކާރުގެ ވެރިމީހަކީ އަހަރެންގެ ބޭބެ. މިދުވަސްކޮޅު ވިއްސާރަވީމަ ކާރުގައި މިއުޅެނީ. އަހަރެމެން ޑަކްޓަރުންނަށް ނޯންނާނެ ދޯ މޫސުން ގޯސްވިޔަސް ބަލި މީހުން ދޫކޮށްލެވޭކަށް." ދަތުރުމަތީގައި ރަހާ ހިމޭންވެފައި އިންނާތީ ޒަރަކް ކޮންމެވެސް ވާހަކައެއް ދެމެދުގައި ފެށުމުގެ ގޮތުން ބުންޏެވެ.
"އަހަރެން ވެސް މެޑިސިން ދާއިރާއަށް ވަނުމުގެ ހުވަފެން ދުށީން." ރަހާއަށް ބުނެވުނެވެ.
"އެހެންތަ. ޑަކްޓަރަކަށް ވާންތަ ބޭނުންވީ؟. އެއްވެސް ވަރަކަށް އެ ފީލްޑްގައި މަސައްކަތް ކުރީންތަ؟." ޒަރަކް އަޑުގައި ޝައުގުވެރިކަންވި އެވެ.
"ކިޔެވުން ނިންމާލި ގޮތަށް ދިރިއުޅުމެއް ފެށީ. އެހެންވެ އިތުރަށް ކިޔަވާކަށް ނޫޅެވުނު. ވަކި ފީލްޑެއްނެތި މަސައްކަތް ކުރަމުން އައީ." ރަހާ ބުންޏެވެ.
"ހުވަފެން ހާޞިލު ކުރެވުނުނަމައޭ މިހާރު ހިތަށް އަރަނީތަ؟." ޒަރަކް އަހާލި އެވެ.
"ދެރައެއްނުވޭ. އަހަރެން އަމިއްލައަށް ނިންމި ނިންމުންތަކެއް. އެހެންވެ އެކަމާ ރިގްރެޓް ވުމަކީ ބޭކާރުކަމެއް. އެކަމަކު ނޭނގެ ކީއްވެކަމެއް... ބައެއް ފަހަރު އެ ޚިޔާލުތަކުން އަހަރެންނަށް އުނދަގޫވޭ. ހާޞިލުކުރާން ބޭނުންވީ ކަންތައްތައް ހިތަށް އަރާފައި ފެންކަޅިވާގޮތްވޭ." ރަހާގެ ހިތުގައި ފޮރުވަމުން އަންނަ ހަޤީޤަތެއް ހާމަކޮށްލެވުނެވެ. ޒަރަކްއަށް ވަގުތުން ރަހާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގަ އެވެ. އެ އަންހެންކުއްޖާގެ ދިރިއުޅުމާމެދު ޒަރަކްއަށް ވިސްނާލެވުނެވެ. ހިތާއި ސިކުނޑީގައި އެތައް ސުވާލު މާކުތަކެއް ޖެހިގެން ދިޔަ އެވެ. ޑަކްޓަރަކާއި ބަލިމީހަކާއި ދެމެދު އޮންނަން ޖެހޭ ގުޅުމަށްވުރެ ގާތްކޮށް ރަހާއާ މެދު ޒަރަކްގެ ޢަމަލުތައް ބެހެއްޓޭކަން ޚުދު ޒަރަކްގެ ޟަމީރު ވެސް އެއްބަސްވެ އެވެ. އޭނާއަށް ރަހާއާމެދު ހަމްދަރުދީވެވެނީ ކީއްވެކަމެއް ނޭނގެ އެވެ. ފަހަރެއްގައި ރަހާގެ ފުށުން ފާޅުވާ އެކަނިވެރިކަމާއި ދިރިހުރުމުގެ އުންމީދު ގެއްލިފައިވާތަން ފެންނާތީ ކަމަށް ވެދާނެ އެވެ.
"އަހަރެންނަށް ޑަކްޓަރަކަށް ވެވުނީ ބައްޕަގެ ސަބަބުން. ފެމެލީ ތެރޭގައި ގިނައީ އެކި ގޮތްގޮތުން މެޑިކަލް ފީލްޑްގައި މަސައްކަތް ކުރާ މީހުން. ބައްޕަ ވަރަށް ކުރީއްސުރެ އަހަރެން ޑަކްޓަރަކަށް ހެދުމަށް ޓަކައި މަސައްކަތް ފަށައިފި. ބައްޕައަށް ހުރިހާ ޝުކުރެއް އޮތީ. އަހަރެންނަށް ހުރިހާ މަގެއް ފަހިކޮށްދިން މީހަކީ އެއީ. މިހާރު އުފާވޭ ޑަކްޓަރަކަށް ވެވުނީމަ. އެތައް ބަޔަކަށް އެހީތެރިވެވޭތީ." ޒަރަކް ބުންޏެވެ.
"މިހިސާބަށް މަޑުކޮށްލިޔަސް އޯކޭ." ކުއްލިއަކަށް ރަހާ ބުންޏެވެ.
ޒަރަކް ކާރު މަޑުކުރީ ރަހާ އުޅޭ ގެ ހުރީ އެ މަގުގައި ކަމަށް އެނގޭތީ އެވެ. ސީދާ ގޭ ދޮރުމައްޗަށް ރަހާ މަޑުކުރަން ބޭނުންނުވީތީ އެކަމާ ޒަރަކް ސުވާލު ވެސް އުފެދުނެވެ.
"ތޭންކްސް ޑަކްޓަރ." ކާރުން ފައިބަން އުޅެފައި ރަހާ ބުންޏެވެ.
"އަހަރެންނަށް ޝުކުރު އަދާކުރަންޏާ ނިކަން ރަހާއަށް ރަނގަޅު ފަރުވާދޭނޭ ފުރުޞަތެއް އަހަރެންނަށް ދީބަލަ. ކީމޯ ފެށުމާމެދު ރަހާ ވިސްނާލާފައި އެކަމާ އެއްބަސްވެދީ. އަހަރެން އެދެނީ ރަހާ ތި ބަލިން އިންޝާﷲ ރަނގަޅުވުން." ޒަރަކް ބުންޏެވެ.
ރަހާ ޖަވާބެއް ދިނުމުގެ ބަދަލުގައި ޒަރަކްއާ ބަދަލުކޮށްލީ ފަނޑު ހިނިތުންވުމެކެވެ. އޭނާ ކާރުން ފައިބާފައި ދަނީ ކަމުގައި ބުނެލި އެވެ. އަދި ކާރުގެ ދޮރުފަތް ލައްޕާލާފައި އަސްކަނިތައް ދަށުން ހިނގައިގަތީ ގެއަށް ވަންނާށެވެ. ޒަރަކް ވެސް މަޑުނުކޮށް ކާރު ދުއްވާލީ އެވެ.
ގެއަށް ވަދެ ރަހާއަށް ހެދުން ބަދަލުކޮށް ނުލެވިގެން އުޅެނިކޮށް ނިދާކޮޓަރިއަށް ވަންތަން ފެނުނީ ވާކިފް އެވެ. އޭނާގެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ.
"ކޮންތާކުން ތިއައީ؟." ވާކިފް ވަގުތުން ސުވާލުކުރި އެވެ. ރަހާ އަނގައިން ބަހެއް ނުބުނެ ބަލަން ހުރީ ސުވާލުގެ ނަޒަރަކުންނެވެ. އޭނާ ހަވީރު ކުލިނިކަށް ދާން ނުކުތްއިރު ވާކިފް ގެއަކު ނެތެވެ.
"ކާކުގެ ކާރެއްގައި ތިއައީ؟. ތީތަ އަހަރެންދެކެ އައިސްފައި ހުރި ރުޅިގަނޑު މަޑުކުރާން ގަސްދުކުރި ގޮތަކީ." ވާކިފް ބުންޏެވެ. އެހިނދުން ރަހާއަށް ނަގައިގަނެވިއްޖެ އެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލުމާއެކު ދެފަރާތަށް ބޯހޫރާލީ އެވެ.
"އެއީ ފްރެންޑެއް." ރަހާ ބުނެލި އެވެ.
"ގަސް ދިނީ ވެސް އޭނާތަ؟. ކޮންތާކުން ދެ މީހުން ދިމާވީ؟. އަހަރެންނަށް އިންޓްރޮޑިއުސް ކޮންދޭނީ ކޮންއިރަކުން؟." ވާކިފް ޝައުގުވެރިކަން ފާޅުކުރި އެވެ. އިރެއްގައި ރަހާގެ ރައްޓެހިންތަކެއް ތިއްބަސް މިހާރު ރަހާގެ ރަޙުމަތްތެރިއަކު ނެތްކަން ވާކިފް ދެނަހުއްޓެވެ. އެހާ ދުވަސްފަހުން ކުއްލިއަކަށް ރަހާގެ ރަޙުމަތްތެރިއަކު ހޯދުމުން އެއީ ކާކުތޯ ބަލަން ވާކިފް ޝައުގު އުފެދުނީ އެވެ.
"އެއީ ޑަކްޓަރެއް. ބޭސް ނަގަން އަހަރެން ދިޔައީ." ފަރުވާކުޑަ ގޮތަކަށް ރަހާ ބުންޏެވެ.
"ޑަކްޓަރެކޭ. ކޮންކަހަލަ ޑަކްޓަރެއް. ޑަކްޓަރުން މާގަސް ވެސް ދޭންފެށީތަ؟. ދެން މައްސަލައެއްނެތް. ކޮބާ ތިނެގި ބޭހަކީ؟." ދެއަތް އުރާލަމުން ވާކިފް އަހާލި އެވެ.
ރަހާއަށް ވާކިފްއާ ދިމާއަށް ބަލަން ހުރެވުނީ އެވެ. އޭރު އޭނާގެ ހިތާއި ސިކުނޑިއަށް އެތައް ވާހަކައެއް އަރާ ފައިބަމުން ދިޔަ އެވެ. ވާކިފް އޭނާގެ ބަހަށް އިތުބާރު ކުރޭބާ އެވެ. ގައިމު ވެސް އޭނާ ވާކިފްގެ އިތުބާރު ގެއްލޭ ފަދަ ކަމެއް މިހާތަނަށް ކޮށްފައެއް ނޯންނާނެ އެވެ.
"ބޭސް ނަގަންށޭ ބުނީމާ ވާކިފް ހިތަށް ނޭރި އަހަރެން ބަލީބާއޭ. މިހެން ބަލިކޮށް އުޅޭތާ ކިހާ ދުވަހެއްވެއްޖެތޯ އަހާލަން ވެސް. އޭގެ ބަދަލުގައި އޭނާ އެ އެހީ ބޭސްތައް ކޮބާހޭ... ހީވީ އަހަރެން ދޮގުހަދައި ކަމެއް އޮޅުވާލިއްޔޭ." ރަހާގެ ހިތަށް ތަދުވި އެވެ.
"ތިނެގި ބޭހެއް ދައްކަބަލަ." ވާކިފް އަނެއްކާ ވެސް ބުންޏެވެ.
"ވާކިފް ހާސްވާކަށް ނުޖެހޭނެ. ހުރިހާ ގޮތަކަށް ބެލިޔަސް އެއީ މޮޅު ޑަކްޓަރެއްގެ އިތުރުން އަޚްލާޤު ވެސް ރަނގަޅު މީހެއް. ޒުވާންވެފައި ތަނަވަސް ޢާއިލާއަކުން އައިސްފައިވާ ހިތްހެޔޮ އޯގާތެރި މިޒާޖެއްގެ މީހެއް. އޭނާ އަހަރެން ކަހަލަ މީހަކު ބަލައެއް ނުގަންނާނެ. ކަމަކު ވެސް ނުދާނެ." ރަހާ ބުންޏެވެ.
"އަހަރެން ގޭގައި އަބަދު އައިސް ނޯންނާތީއޭ ކިޔާފައި ރަހާ ތިހާ ލަދުކުޑަވާކަށް އަދި ނުވޭ. ވައި ޑިޑިންޓް އައި ނޯ ދެޓް ޔޫ ވާ އަންހެޕީ އެންޑް ލޯންލީ ބިފޯ." ދަތްކުނޑިވިކާލައިގެން ހުރެ ވާކިފްއަށް ބުނެވުނެވެ.
"ކޮންއިރަކުތަ ވާކިފަށް އެއްވެސް ކަމެއް ނޯޓިސްވަނީ... ކިހިނެއްވީ؟. އަހަރެން ގެއްލިދާނެތީ ބިރުގަންނަނީތަ؟." ކުޑަކޮށް ހިނިއައިސްފައި ރަހާ ބުންޏެވެ. ނަމަވެސް އޭނާގެ އަޑުގައި ސަމާސާގެ އަސަރެއް އެއްގޮތަކަށް ވެސް ނެތެވެ. ވާކިފްއަށް މިފަހަރު އަމިއްލަ ނަފްސު ނުހުއްޓުވުނެވެ. އޭނާ ހިއްލާލި ކަނާއަތްތިލައި ހޫނުކަމާއެކު ބީހިލީ ރަހާގެ ކޯތާފަތްމަތީ އެވެ. ވަގުތުން ރަހާގެ ކޯތާފަތްމަތި ރަތްވެގެން ހިނގައްޖެ އެވެ.
"ތިވައްތަރަށް އަހަރެންނާ ވާހަކަދައްކާނެ ކަމެއްނެތް." ވާކިފް ބުންޏެވެ.
"ބުނަން. ޑަކްޓަރަކަށް ވިޔަސް ވަރިހަމަ. އޭނާއާ ރައްޓެހިކަން ބާއްވަން އަހަރެން ޤަބޫލެއްނޫން. ރަނގަޅު މީހަކަށް އޭނާ ވާނޭހެން ހީނުވަނީ." ވާކިފް ބުންޏެވެ. އެއާއެކު ރަހާ ހީނލިއަޑު އިވުނެވެ.
"ތީކީ ވަކި ރަނގަޅު މީހެއްނޫން. އެހެންވީމަ އަހަރެމެން ދެ މީހުން ވަކިވުން މާ ރަނގަޅުވާނެ." ފެންކަޅިވެފައި ވިޔަސް ހެވިފައި ހުރެ ރަހާ ބުންޏެވެ. ވާކިފަށް ލިބުނީ ހައިރާންކަމެވެ. ބުނާނީ ކީކޭކަމެއް ނޭނގިފައި ހުއްޓާ ރަހާ އަނެއްކާ ވެސް ވާހަކަދެއްކި އެވެ.
"އަހަރެން ހީކުރީ އަހަރެންނަށް ކޮންމެ ކަމަކަށް ވެސް ކެތްކުރެވޭނެޔޭ ވާކިފްއާއެކީގައި ހުރީ ވިއްޔާ. ކައިވެނީ ކުރީކޮޅު ހޭދަކުރަންޖެހުނީ ކިތަންމެ ދަތިކޮށް ވިޔަސް އޭރު އަހަރެމެންގެ ދެމެދުގައި އޮތް ލޯބި ވަރުގަދަ. އުޅެންޖެހުނީ ބުރަ ދިރިއުޅުމަކަށް ވިޔަސް އެއީ އުފާވެރި ދުވަސްތަކެއް. އެކަމަކު އެއްކަމެއްވެސް އަބަދު އެއްގޮތަކަށް ނޯންނާނޭކަން މިހާރު އެނގިއްޖެ. ދެމީހުން އެކުގައި އުޅެ އެކަކުއަނެކަކަށް އާދަވުމާއެކު އާކަންކެނޑިއްޖެ. ދެއާޒް ނޯ ޕެޝަން ނައު... އެހެންވިޔަސް އެކުގައި މިހާ ދުވަހު އުޅުނީތީ ވަކިވުމަކީ ހައްލެއްކަމުގައި ނުވޭ. ދުނިޔެއަކީ އެދުންވެރިކަން ބޮޑު ރީތި އެތައް މަންޒަރެއް ކުލަކޮށްދޭ ތަނެއް. ސާބިތު ހިތެއްގެ ވެރިއަކަށްނޫނީ ހަވާނަފްސުގެ މައްޗަށް ގަދަވެއެއް ނުގަނެވޭނެ. ގިނަފަހަރަށް އެ ރީތި މަންޒަރުތަކުގައި ޖައްސާ މީހާ ޤައިދުވެގެންދާއިރު ނުވެސް އެނގޭނެ... އަހަރެން ވާކިފްއަށް ވީ ވަޢުދުގައި ހިފަހެއްޓިން. އަހަރެން ވާކިފްއާއެކު ހުރީ. ހިތަކަށް ނާރާ ކަންކަން ބަދަލުވާނޭ. މީހަކު ބަދަލުވަނީ އޭނާ އަމިއްލައަށް ކަންކަން ބަދަލުވާން ބޭނުންވެގެން... ވާކިފް. އަހަރެމެންނަށް މިހެން އުޅެވިއްޖެއެއްނު. އަހަރެމެން އެކުގައި އެޅި ބިންގަލުގައި ރެނދުލައި ބާވެއްޖެ. ދިރިއުޅުމުގެ ބާގަނޑުތަކުގައި ފޮތިއަޅައި ބައްދާކަށް އަހަރެން ބޭނުމެއްނޫން. އެޔަށްވުރެ ދެ މީހުން ވަކިވިއްޔާ ދެން އެންމެ ރަނގަޅުވާނީ." ރަހާ ބުންޏެވެ. ވާކިފްއަށް ލިބުނު ސިހުމުގައި އޭނާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.
"ނޫން. އަދި ވަކިވާކަށް ނުވޭ. ތީ ރަހާ ރުޅިއައިސްފައި ހުރިވަރުން ބުނާ އެއްޗެއް. ސޮރީ... އަހަރެންނަށް މަޢާފްކުރޭ. ރަހާ ގައިގަ ޖެހުނީމަ. އެއީ ގަސްދުގައި ކުރިކަމެއްނޫން. ރަހާއަށް އެނގެއެއްނު އަހަރެންނަކީ ރުޅިގަދަ މީހެއްކަން. ސޮރީ ޑިއަރ... ރުޅި ކޮންޓްރޯލުނުވީ. ދެން އެހެނެއްނުވާނެ." ވާކިފް ކުރީން އައިސްފައި ހުރި ރުޅި ވަގުތުން ފިލާ ދިޔައީ އެވެ. އޭނާ އަވަސްއަވަހަށް ރަހާގެ ދެ ކޮނޑުގައި ހިފަހައްޓާލި އެވެ. ލޯތްބާއެކު ކަނާއަތް ހިއްލާލާފައި ރަހާގެ ކަނާއަތް ކޯތާފަތުގައި ފިރުމައިލި އެވެ.
"އަހަރެން ވަރަށް ވިސްނާފައި ބުނި އެއްޗެއް އެއީ... ލެޓްސް ގެޓް ޑިވޯސް." ކޯތާފަތުން ވާކިފްގެ އަތް ދުރުކޮށްލާފައި ރަހާ ބުންޏެވެ.
"ޕްލީޒް... ސްޓޮޕް ޖޯކިން ވިތް މީ. އަހަރެން ބުނެފީމެންނު ދެ މީހުން ވަކިވާކަށް ބޭނުމެއްނޫނޭ." ވާކިފްއަށް އެއްގޮތަކަށް ވެސް ރަހާގެ ވާހަކަ ކަމަކުނުދިޔަކަން ހާމަކުރި އެވެ.
"އަހަރެން ވެސް ސީރިއަސްކޮށޭ ބުނީ. އަހަރެން ގޮތެއް ނިންމައިފިނަމަ އެގޮތުގައި ހުންނާނެކަން ވާކިފަށް އެނގޭނެ." ރަހާ ބުންޏެވެ.
"ނޫން. ޤަބޫލެއްނުކުރާނަން." ވާކިފް ކުއްލިއަކަށް ރަހާގެ ކަނާއަތުގެ ކުޑަހުޅާ ހިސާބުގައި ހިފި އެވެ. ހީވީ ރަހާ ދުރަށް ހިނގައިދާނޭތީ ހިފެހެއްޓީ ހެންނެވެ.
"އަހަރެން ދޯ އިސްވެ ވަކިވާން މިއެދުނީ. ދެން ކީއްވެ ހިފަހައްޓަނީ." ރަހާ މިހެންބުނިއިރު އޭނާގެ ދެ ލޮލުން އެއްވެސް އަސަރެއް ފާޅުނުވެ އެވެ. ވާކިފްއަށް އަނބިމީހާދެކެ އަނެއްކާ ވެސް ރުޅި އާދެވުނީ އެވެ.
"ތި ވާހަކަދައްކަން ނުކުމޭ މިތަނުން. ނުކުމޭ!." ވާކިފް ހަޅޭލަވައިގަތެވެ.
މަޑު ހިނގުމެއްގައި ރަހާ ކޮޓަރިން ނުކުތީ އެވެ. އޭނާގެ ފަހަތުން ވާކިފް ދޮރުލެއްޕީ ނުހަނު ބާރަށެވެ. އަދި ތަޅުލީ އަޑު ވެސް އިވުނެވެ. ރަހާ އައިސް މަޑުކޮށްލީ ބެލްކަންޏާ ދިމާގަ އެވެ. ވާރޭ ވެހޭތީ ބެލްކަންޏަށް ނުކުމެވެން ހުރި ދޮރުވަނީ ދަމާލާފަ އެވެ. ރަހާގެ ދެ ލޯ ފެންކަޅިވާންފެށީ ދެނެވެ. މީގެ ކުރީން އަސަރެއްފާޅުނުވި މޫނުން ހިތްދަތިކަމުގެ އިންތިހާ ފާޅުވެގެން އައެވެ. ދެ ލޮލައި މޫނު ފުހެލާފައި އޭނާ ފޯނު ހޯދާލި އެވެ. ގެއަށް ވަންގޮތަށް ސޯފާކައިރީ ކޮފީމޭޒުމަތީގައި އޭނާ ފޯނު ބޭއްވިގޮތަށް އޮތެވެ. ރަހާ އައިސް ފޯނު ނަގައި ޑަކްޓަރ ޒަރަކްގެ ނަންބަރު ހޯދާލި އެވެ. އަދި އެ ނަންބަރަށް އޭނާ މެސެޖު ލިޔަންފެށި އެވެ.
(ނުނިމޭ)