ޔޫކްރޭނުގެ އަގުބޮޑު މައުދަނުތަކާ ގުޅޭ ގޮތުން އެމެރިކާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޔޫކްރޭނުގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ރަޝިއާ އާއި ދެކޮޅަށް ޔޫކްރޭނުން ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން ފޯރުކޮށްދެމުންގެންދާ އަސްކަރީ އެހީގެ އަގު އަދާކުރުމަށްޓަކައި، ޔޫކްރޭނުގެ އަގުބޮޑު މައުދަނުތައް ބޭނުންކުރުމަށް އެމެރިކާއިން ޔޫކްރޭނަށް ބާރުއަޅަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މިކަމަށް ބާރުއެޅުން އިތުރަށް ވަރުގަދަ ކުރެއްވި އެވެ.
ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔަ ޒެލެންސްކީ އަކީ "ޑިކްޓޭޓަރެއް"ގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވުމަކީ، މި އެއްބަސްވުމަށް އަވަސް ހައްލެއް ހޯދުމަށް ބާރު އެޅުއްވުމަށް ގެންގުޅުއްވި ސިޔާސަތެއް ކަމަށް ބެލެވެ އެވެ.
ނަން ހާމަކުރަން ބޭނުން ނުވާ ޔޫކްރޭނުގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި އެމެރިކާއާއި ޔޫކްރޭނުން އެއްބަސްވެފައިވަނީ، ޔޫކްރޭނުގެ މައުދަންތަކުން ލިބޭ އާމްދަނީ ދެ ގައުމު ގުޅިގެން ގާއިމުކުރާ ފަންޑަކަށް ޖަމާކުރުމަށެވެ.
ކުރިން އެމެރިކާއިން މިފަދަ އެއްބަސްވުމަކަށް ބާރުއެޅި ނަމަވެސް ޔޫކްރޭނުން އިންކާރުކޮށްފައިވަނީ އެމެރިކާއިން ސަލާމަތީ ގޮތުން އެހީތެރިވާނެކަމުގެ ޔަގީންކަން ނެތުމުންނެވެ. ނަމަވެސް އަލަށް އެކުލަވާލާފައިވާ އެއްބަސްވުމުގައި ސަލާމަތީ އެހީތެރިކަމުގެ މާއްދާއެއް ހިމަނާފައިވާކަން އޮފިޝަލް ޔަގީންކޮށްދެއްވި އެވެ. އެކަމަކު އެހީތެރިކަމުގެ ތަފްސީލް އަދި ބަޔާންކޮށްފައި ނުވާ ކަމަށްވެ އެެވެ.
ޒެލެންސްކީ އަންނަ ހުކުރު ދުވަހު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި އާ އެއްބަސްވުމުގައި ސޮއި ކުރައްވާނެ ކަމަށް ބެލެވެ އެވެ. މިވާހަކަތައް ޓްރަމްޕް ޔަގީންކޮށްދެއްވަ އެވެ.
"އަޅުގަނޑަށް އެނގޭ ގޮތުގައި އޭނާ [ޒެލެންސްކީ] އެބަވަޑައިގަންނަވާ ހުކުރު ދުވަހު. މިއީ ވަރަށް ބޮޑު އެއްބަސްވުމެއް،" ޓްރަމްޕް ވިދާޅުވި އެވެ.
ކުރީގެ އެއްބަސްވުމުގެ ޑްރާފްޓުގައި 500 ބިލިއަން ޑޮލަރުގެ މައުދަނު ދޭ ގޮތަށް ހިމަނާފައި އޮތް ނަމަވެސް ޔޫކްރޭނުގެ އިއުތިރާޒާ ގުޅިގެން އަލަށް އެކުލަވާލެވުނު އެއްބަސްވުމުގައި ވަކި އަދަދެއް ބަޔާންކޮށްފައެއް ނުވެ އެވެ.
މަތިންދާބޯޓު، ބެޓެރި، ހަތިޔާރު އަދި އިލެކްޓްރޯނިކް އާލާތްތައް އުފެއްދުމުގައި ބޭނުންކުރާ ގްރެފައިޓް، ލިތިއަމް އަދި ޓައިޓޭނިއަމް ފަދަ އަގުބޮޑެތި މައުދަންތައް ޔުކްރެއިންގައި ހުރި ކަމަށްވެ އެވެ.