އިއްޒުއްދީން ފާލަން މަރާމާތު ކުރުމަށްފަހު އަލުން މިރޭ ހުޅުވައިފި އެވެ.
އިއްޒުންދީން ފާލަން ހުންނަ ސަރަހައްދުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފާލަން ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މިރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އިއްޒުންދީން ފާލަން ރަމްޒުކޮށްދެނީ ދިވެހިވަންތަކަމާއި، ދިވެހި ފަންނުވެރިކަމާއި، ދިވެހި މާޒީ އާއި މުސްތަގުބަލް ކަމަށެވެ.
ރައީސް ވިދާޅުވީ އިއްޒުއްދީން ފާލަމަކީ ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، މި ސަރުކާރުގެ ގައުމީ ތަރައްގީގެ ސިޔާސަތާ ގުޅިލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ފާލަމެއް ކަމަށެވެ.
ފާލަން ފަރުމާކުރުމުގައި ދިވެހި ސަގާފަތާއި، ދިވެހީންގެ އަމިއްލަވަންތަކަން ދައްކުވައިދިނުމަށް ވަނީ ހާއްސަ އިސްކަމެއް ދީފަ އެވެ. އެގޮތުން ފާލަން ފަރުމާކޮށްފައިވަނީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ބޭނުންކުރި ރަސްމީ ފާލަމާއި، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޭނުންކުރި ރަސްމީ ފާލަމުގެ ފަރުމާއަށް ރިއާޔަތްކޮށްގެންނެވެ. ރާއްޖޭގައި އެންމެ ފަހުން ރަސްކަން ކުރެއްވި މުހައްމަދު ފަރީދު ދީދީގެ ތޮފިކޮޅު ސިފަވާފަދަ ނިޝާނެއްވެސް ފަރުމާގައި ހިމަނާފައިވެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން އިއްޒުއްދީން ފާލަން މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން ފާލަމުގެ މައި ސްޓްރަކްޗާ އަލުން ފަރުމާކޮށް، އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އިއްޒުންދީން ފާލަން މަރާމާތު ކޮށްފައިވަނީ 11 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.