ހަބަރު

ހުޅުމާލެ އާއި ހުޅުލޭ ގުޅުވައިދޭ ހައިވޭ ހަދައިދޭނެ ބަޔަކު ހޯދަނީ

ހުޅުމާލެއާއި މާލެ/ހުޅުލެ ބުރިޖާ ގުޅިގެންދާ ގޮތަށް މިޒަމާނުގެ ހައިވޭއެއް ހަދައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ބްރިޖާއެކު ހުޅުވިގެންދާ މި ހައިވޭ އަޅާނެ ކަމަށް މީގެކުރިން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވެ އެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ، މާލެ ހުޅުލެ ގުޅުވައިދޭ ބުރިޖުން ހުޅުމާލެއަށް ދާ މަގަކީ ހުރިހާ ވެހިކަލަށް ދެވޭ ގޮތަށް އޮންނަ ފުޅާ، އިންޓަނޭޝަނަލް ސްޓޭންޑަޑްގެ މަގެއް ކަމަށާއި އެއީ ތިން ކިލޯ މީޓަރުގެ ދިގު މަގެއް ކަމަށެވެ.

"ފުޅާ މިން ބޮޑު ރޭމްްޕްތައް ވެސް ހިމެނޭ ގޮތަށް ތަނަވަސް މަގެއް ހަދަން ޖެހޭ. އެއީ ގާތްގަނޑަކަށް ތިން ކިލޯ މީޓަރުގެ ދިގު މަގެއް،" ހައުސިން މިިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާންގައިވާ ގޮތުން، ހައިވޭ ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެސަރަހައްދުގެ ސާވޭއެއް ހަދައި ފީސިބިލިޓީ ބަލަން ޖެހެނޭ އެވެ. އަދި މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ވެސް ރާވަން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ޒަމާނީ ހައިވޭއެއްގެ ގޮތުގައި އަޅާ މަގުގައި ފެން ހިއްދާނެ ނިޒާމެއް ގާއިމުކޮށް، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތަށް ވަކިން ސަރަހައްދެއް ހާއްސަކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތަކުން އަންނަ އޭޕްރީލު މަހުގެ 12 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯޒަލްތައް ހުށަހެޅުމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.