ސަރުކާރުގެ އެކި އިދާރާތަކުން ތަކުރާރުކޮށް ވައްކަން ކުރުމުގެ ރެކޯޑް އޮންނަ މީހަކު، އިސްކަންދަރު ސްކޫލުން ވައްކަންކޮށްގެން ޖަލަށްލާން ހުކުމްކޮށްފި އެވެ.
މި ހުކުމްކޮށްފައިވަނީ ސ. ހިތަދޫ، ދެކުލައަރާގެ، މުހައްމަދު އަސްލަމްގެ މައްޗަށެވެ.
މުހައްމަދު އަސްލަމް އިސްކަންދަރު ސްކޫލުން ވައްކަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މިމައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއާއި، އެނގިހުރެ ހުއްދަ ނޫން ތަނަކަށްވަނުމުގެ ކުށުގެ ދައުވާ އެވެ.
މުހައްމަދު އަސްލަމްގެ މައްޗަށް ދެ ދައުވާވެސް ސާބިތުވާތީ ވައްކަމުގެ ކުށުގައި އެއް މަހާއި 24 ދުވަހަށް އަދި ދެވަނަ ދައުވާގެ ކުށުގައި ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައިވެ އެވެ
މުހައްމަދު އަސްލަމުގެ މައްޗަށް މީގެ ކުރިން ކަލާފާނު ސްކޫލަށް ހުއްދަނެތި ވަދެފައިވާ މައްސަލައެއްގައި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމަކާއި ލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި 25 ރުފިޔާ ނެގި މައްސަލައެއް ސާބިތުވެ ހުކުމެއް އިއްވާފައިވެއެވެ.
މީގެ އިތުރުން ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އަށް ވަދެ 500 ރުފިޔާއާއި ފޯނެއް ނެގި މައްސަލައިގައިވެސް އޭނާގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އަދި ޖުވެނައިލް ކޯޓުން 3 ލެޕްޓޮޕް ވަގަށް ނެގި މައްސަލައިގައިވެސް މުހައްމަދު އަސްލަމްގެ މައްޗަށް ހުކުމެއް އިއްވާފައިވެ އެވެ.