ވިޔަފާރި

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު މިފްކޯއިން ހެޔޮކޮށްފި

Mar 23, 2016
1
  • ކުރިން ޑީސަލް ލިިޓަރެއް ވިއްކީ 10.50ރ. އަށް
  • މިހާރު ވިއްކަނީ 7.30ރ. އަށް
  • ބާޒާރުގައި އާއްމުކޮށް ވިއްކަނީ 10ރ. އަށް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ވަރަށް ބޮޑުތަން ހެޔޮކޮށްފި އެވެ.

މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮ ކުރުމާއެކު ކުރިން 10.50ރ. އަށް ވިއްކަމުން ދިޔަ ތެޔޮ ލިޓަރަކުން 3.20ރ. ހެޔޮކޮށް މިއަދުން ފެށިގެން ވިއްކަމުން ގެންދާނީ 7.30ރ. އަށެވެ.

ރާއްޖޭގެ އެންމެ ބޮޑު މަސް ކުންފުނި ކަމަށްވާ މިފްކޯއިން ބުނި ގޮތުގައި މިފްކޯއިން ޑީސަލްގެ އަގު ހެޔޮކުރީ މި ދުވަސްވަރު މަސްވެރިކަން އިންތިހާއަަށް ދަށަށް ގޮސްފައިވުމާއެކު މަސްވެރިނަށް ލުއި ފަސޭހަ ހޯދައި ދިނުމަށް ކަމަށެވެ.

".. މަސްވެރިންނަށް ނަފާވެރިކަން އިތުރު ކުރުމަށް މަސްވެރިން އިތުރަށް މަސް ކަނޑުތަކަށް ނުކުތުމަށް ހިތްވަރު ދިނުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އެސްޓީއޯގެ އެހީތެރިކަމާއެކު މިފްކޯއިން ގެނައި ބަދަލެކެވެ،" މިފްކޯއިން ބުނެފައިވެ އެވެ.

މިފްކޯ އިން ބުނީ އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަމުންދަނީ މަސްވެރިންގެ ކުރިއެރުމަށް ކަމަށެވެ.

"ތެލުގެ އަގަށް މި ގެނެވުނު ބަދަލަކީ މަސްވެރިންނަށް ފައިދާތަކެއް ލިބިގެންދާނެ ބަދަލެއް ކަމަށް މިފްކޯއިން ދެކެމެވެ،" މިފްކޯއިން ބުނެފައިވެ އެވެ.

މަސްވެރިންނަށް ވިއްކާ ތެލުގެ އަގު މިފްކޯއިން ހެޔޮ ކުރިއިރު ރާއްޖޭގެ ބާޒާރުގައި ޑީސަލް ލިޓަރެއް ވިއްކަނީ 10.ރ އަށެވެ.