އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރެއްގެވެސް ރޯދަ މަހުގެ ކެމްޕޭން ގެނެސްދެނީ ތަފާތު ޝައުގުވެރި ގޮތަކަށެވެ.
އެ ގޮތުން އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ ރޯދަ މަހުގެ ކެމްޕޭން -- "ރޯދައިގެ ނޫރު" ގައި ފެނިގެންދާނީ ނޫރު ކިޔާ ކުޑަކުއްޖަކު އަލަށް 30 ރޯދަ ހިފަން މަސައްކަތްކުރާ ގޮތެވެ.
ނޫރު ރޯދަ ހިފުމުގެ ތެރެއިން އެކިއެކި އިބްރަތްތެރި ވާހަކަތަކުގެ ތެރެއިން ރޯދަ މަހަކީ ކޮބާކަން ނޫރުގެ ޕޮއިންޓް އޮފް ވިއުއިން މި ކެމްޕޭންގައި ގެނެސްދޭނެ ކަމަށް އުރީދޫގެ އެސިސްޓަންޓް މެނޭޖާ، ޕީއާރް، ޝިއުނާ ހަމީދު އަވަސް އަށް ވިދާޅުވި އެވެ.
"ރޯދަ މަހަކީ ހަމައެކަނި ރޯދަ ހިފުން ނޫންކަން. މީގެ ތެރޭގައި ދީލަތިކަމާއި އޯގާތެރިކަމާއި އެހެން މީހުންނަށް ބަހައްޓަންޖެހޭ ގާތްކަމާއި މިކަހަލަ ކަންކަން އޭނާ ދަސްކުރުމާއި ރިވެތި ބައެއް މިސާލުތަކާއެއްކޮށް މި ކެމްޕޭން ގެނެސްދީފައިވާނީ،" ޝިއުނާ ވިދާޅުވި އެވެ.
ޝިއުނާ ވިދާޅުވި ގޮތުގައި މި ކެމްޕޭން ގެނެސްދީފައިވާނީ ކުޑަކުދިންނަށް ވަރަށް ފަސޭހައިން ނަގައި ގަނެވޭ ގޮތަށް އަދި ކުދިބޮޑު އެންމެންނަށްވެސް އިބުރަތެއް ހާސިލުކުރެވޭނެ ގޮތަށެވެ.
ކަރާ ފެޅުން: އެއް ނަސީބުވެރިއަކަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި 10 އިނާމު
އުރީދޫ މޯލްޑިވްސް އިން މި ރޯދަމަހު އެންމެ ހާއްސަކަމަކަށް ދެން ގެނެސްދޭ އެއް ކަމަކީ ކަރާ ފެޅުމެވެ.
އެ ގޮތުން އުރީދޫ އިން ފާއިތުވި ދެ އަހަރު ސުޕައެޕް މެދުވެރިކޮށް ގެނެސްދިން ހަދިޔާ ފޮށި އެންހެންސްކޮށް މި ފަހަރު ގެނެސްދީފައިވަނީ ކަރައެއް ފަޅަންޖެހޭ ގޮތަށެވެ.
"ސުޕައެޕަށް ވަންނަ އެންމެން އެއްކޮށް ކޮންމެ ދުވަހަކުވެސް އެއް ކަރާ މިޖެހެނީ ފަޅާލަން. ވަރަށް ގިނަ މީހުން ޓެޕްކޮށްގެން މި ކަރާ ފަޅާލީމަ ކޮންމެ ދުވަހަކުވެސް ލިބޭނެ ބޮޑު އިނާމެއް،" ޝިއުނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ސްކްރީނުން ފެނިގެންދާ ދެ ހަދިޔާ ފޮށީގެ ތެރެއިން ކޮންމެވެސް އެއް ހަދިޔާ ފޮއްޓަކުން ވަގުތުން ހަދިޔާއެއް ލިބޭނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
ކަރާ ފެޅުމުގައި 30 ދުވަހު ބައިވެރިވާ މީހުންގެ ތެރެއިން އެއް ނަސީބުވެރިއަކަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި 10 އިނާމު ލިބޭނެ އެވެ.
މި ގްރޭންޑް ޕްރައިޒްގައި ހިމެނެނީ 65 އިންޗީގެ ޓީވީއަކާއެކު އެޕަލްގެ ނުވަ ޕްރޮޑަކްޓެކެވެ.
"މީގެ ތެރޭގައި މެކްބުކް، އައިފޯން، އެއާ ޕޮޑްސް، އެއާޕޮޑް މެކްސް، އައިޕެޑް، އައިޕެޑް ޕެންސިލް ފަދަ ގެއަކަށް ބޭނުންވާނެ މީހަކަށް ބޭނުންވާނެ ހުރިހާ އެޕަލް ޕްރޮޑަކްސް ހިމެނިގެންދާނެ،" ޝިއުނާ ވިދާޅުވި އެވެ.
އެޕް މެދުވެރިކޮށް ކަރާ ފެޅުމަކީ އެކަކު އެކަނި ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް ޝިއުނާ ވަނީ ކަރާ ފެޅުމުގައި އެންމެން ޝާމިލުވާނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު އުންމީދުކުރަނީ ކަރާ ފެޅުމުގައި ހުރިހާ ބޭފުޅުންވެސް ހަދިޔާ ފޮއްޓެކޭ އެއްފަދައިން ޝާމިލުވެގެންދާނެ ކަމަށް. ކަރާ އެކަކު އެކަންޏެއް ނުފެޅޭނެ. އެޕަަށް ވަންނަ ހުރިހާ އެންމެން އެއްކޮށް ކަރާ ފެޅުމުގައި މި އުޅެންޖެހޭނީ،" ޝިއުނާ ވިދާޅުވި އެވެ.