ދުނިޔެ

ބްރަސެލްސްއަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

ބެލްޖިއަމްގެ ވެރި ރަށް ބްރަސެލްސްއަށް އިއްޔެ ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައިވާ މީހާ ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ ނާޖިމް ލަޝްރާއީ ކިޔާ މީހެކެވެ.

ބެލްޖިއަމްގެ ސަރުކާރުން ވަނީ ހަމަލާދިން ކަމަށް ބުނާ ތިން މީހުންގެ ފޮޓޯ އާންމުކޮށް އެކަކު ހޯދުމަށް އިއުލާން ކޮށްފަ އެވެ. ހޯދުމަށް އިއުލާން ކުރީ ނާޖިމް އެވެ. އާންމުކޮށްފައިވަނީ، ބްރަސެލްސްގެ ޒަވެންޓެމް އެއާޕޯޓަށް ހަމަލާދިން ތިން މީހުންގެ ފޮޓޯ އެވެ. އެ ފޮޓޯގައި ހުދު ކުލައިގެ ޖެކެޓެއް ލައިގެން ހުރި މީހާއަކީ ނާޖިމް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޝޫމަން އަދި މަލްބީކް މެޓްރޯ ސްޓޭޝަނަށް ދިން ހަމަލާތަކުގެ ފަހަތުގައި ތިބި މީހުން އަދި ސާފެއް ނުވެ އެވެ.

އައިއެސްއިން މި ހަމަލާތަކުގެ ޒިންމާ ނަގާފައިވާއިރު ބެލްޖިއަމްގެ ފުލުހުން އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖްގެ ފޮޓޯއިން ފެންނަނީ ކަޅު ކުލައިގެ ޖެކެޓެއް ލައިގެން ތިބި ދެ މީހުންނާއި ހުދު ކުލައިގެ ޖެކެޓެއް ލައިގެން ހުރި މީހެކެވެ. މީގެ ތެރެއިން ކަޅު ކުލައިގެ ޖެކެޓް ލައިގެން ތިބި ދެ މީހުން ވަނީ ޖާނުން ފިދާވެ، އެއާޕޯޓްގައި ހަމަލާދީފައި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އެއާޕޯޓްގައި ދެ ގޮވުމެއް ގޮވާފައިވާއިރު، ދެ ގޮވުމުގެ ދެމެދުގައި ހުރީ 20 އަކަށް ސިކުންތެވެ. ޖާނުންފިދާވެ ހަމަލާ ދިނީ ދެ ބެއިން ކަމަށްވާ ހާލިދް އަލް ބަކްރޫއީ އާއި އިބްރާހިމް އަލް ބަކްރޫއީ އެވެ.

މި ހަމަލާތަކުގައި އެތައް ބަޔަކު ޒަހަމްވެފައިވާއިރު މަރުވި މީހުންގެ އަދަދު ޔަގީނެއް ނުވެ އެވެ. ބައެއް މީޑިއާތައް ރިޕޯޓްކުރާ ގޮތުގައި މަރުވެފައިވަނީ 34 މީހުންނެެވެ.

މި ހަމަލާތަކާ ގުޅިގެން ބެލްޖިއަމް އެންމެ މަތީ ޓެރަރިޒަމް އެލާޓް ނެރެފައިވާއިރު އެއާޕޯޓާއި މެޓްރޯ ސްޓޭޝަން ވަނީ މިހާރު ބަންދުކޮށްފަ އެވެ.