ޣައްޒާ އާރާސްތުކުރަން އަރަބި ގައުމުތަކުން ގެންގުޅޭ ވިސްނުމަށް އިޒުރޭލުން ފާޑުކިޔައިފި އެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި އަރަބި ގައުމުތަކުން ކުރި މަޝްވަރާއަށްފަހު، ސަމިޓުގެ ނިންމުން ރަސްމީކޮށް އިއުލާންކުރުމުގެ ކުރިން އިޒުރޭލުގެ ހާރިޖީ ވުޒާރާއިން ވަނީ ގާހިރާ އަރަބި ސަމިޓް އެއްކޮޅަށް ބުރަވެފައި އޮތް ކަމަށް ބުނެފަ އެވެ.
އިޒުރޭލުގެ ހާރިޖީ ވުޒާރާއިން ރަސްމީ ބަޔާނެއްގައި ބުނެފައިވާ ގޮތުން އޮކްޓޯބަރު 7 ގައި ޣައްޒާ ހަނގުރާމަ ފެށެން މެދުރިވި ސަބަބާ ބެހޭ ގޮތުން ގާހިރާ ސަމިޓުގައި ބަހުސްކޮށްފައެއް ނުވެ އެވެ.
ޣައްޒާ ހަނގުރާމަ އަކީ ހަމާސްއިން އަމިއްލައަށް ލިބިގަތް ހަނގުރާމައެއް ކަމަށްވެސް އިޒުރޭލުން ބުންޏެވެ.
ހަމާސްގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ޔަހޫދީންގެ އެތައްހާސް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އިޒުރޭލުން ބުންޏެވެ. ޔަހޫދީންނަށް ބިރުދެއްކުމާއި ވަގަށް ނެގުމުގެ ސަބަބުން ނަފުސާނީ ބިރުވެރިކަމެއްގައި އެތައް ހާސް ޔަހޫދީން ތިބި ކަމަށްވެސް އިޒުރޭލުގެ ބަޔާނުގައިވެ އެވެ.
ހަމާސް އަކީ މީހުން މަރާ ގުރޫޕެއް ކަމަށާއި، ހަމާސްއަށް އިނާޔަތްތަކެއް ލިބިދިނުމުގެ ވިސްނުމުގައި ބާއްވާ އަރަބި ސަމިޓެއް ބަލައިނުގަންނާނެ ކަމަށްވެސް އިޒުރޭލުގެ ހާރިޖީ ވުޒާރާއިން ބުންޏެވެ.
މިސްރުގެ ކައިރޯގައި އަރަބި ގައުމުތަކުގެ ވެރިން އަންގާރަ ދުވަހު ބައްދަލުކޮށް ވަނީ ޣައްޒާ އަލުން ބިނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. މި ބައްދަލުވުމުގައި ހުރިހާ ގައުމެއްހެން ވަނީ މިސްރުން ހުށަހަޅާފައި އޮތް ގޮތަށް ޣައްޒާ އާރާސްތުކުރަން ތާއީދުކޮށްފަ އެވެ.
ޣައްޒާ މިހާރު އޮތް ގޮތް މުޅިން ބަދަލުކޮށްލާނެ ރޭވުމެއް ކަމަށް ބުނެ ހުށަހަޅާފައި އޮތް ތަރައްގިގެ ޕްލޭނަށް 53 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ފަލަސްތީން މީހުން ދިރުއުޅޭ ގޮތަށް ޣައްޒާ އާރާސްތުކުރުމުގެ ބަދަލުގައި، އެމެރިކާއާއި އިޒުރޭލުން ގެންގުޅެނީ ޣައްޒާއިން އާންމު ރައްޔިތުން ބޭރުކުރުމުގެ ވިސްނުމެކެވެ.
އެމެރިކާގެ ރޭވުމަކީ ޣައްޒާއިން މީހުން ބޭލުމަށްފަހު އަވައްޓެރި އުރުދުން އަދި މިސްރުގައި އެ މީހުން އާބާދުކުރުމެވެ. މިއީ އަރަބި ހުރިހާ ގައުމަކުން ދެކޮޅު ވިސްނުމެކެވެ.