ޣައްޒާ އަލުން އާރާސްތު ކުރުމަށް މިސްރުން މުހިއްމު ހުށަހެޅުމެއް ހުށަހަޅައިފި އެވެ.
މި ހުށަހެޅުމަކީ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދީ، އެ ސަރަހައްދު އަލުން އިމާރާތް ކުރުމަށް ތައްޔާރުކޮށްފައިވާ ފުޅާ ޕްލޭނެކެވެ.
މިސްރުގެ ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ ޣައްޒާގެ ރައްޔިތުންނަށް ދާއިމީ ހިޔާވަހިކަން ފޯރުކޮށްދީ، ސުލްހައާއި ހަމަޖެހުން ގާއިމުކުރުމެވެ.
މި މަޝްރޫއު އެކުލެވިގެންވަނީ މައިގަނޑު ތިން މަރުޙަލާއަކަށެވެ. އެއީ އިންތިގާލީ ފިޔަވަޅުތައް، އަލުން އާރާސްތު ކުރުން އަދި ވެރިކަން ހިންގާނެ ގޮތް ކަނޑައެޅުމެވެ.
ފުރަތަމަ މަރުޙަލާގައި މިސްރުގެ ހުށަހެޅުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ޣައްޒާގައި ވެރިކަން ކުރާނެ ކޮމިޓީއެއް އެކުލަވާލާނެ އެވެ. މީގެ އިތުރުން 200,000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފަށައި، ގެއްލުން ލިބިފައިވާ ބައެއް އިމާރާތްތައް މަރާމާތު ކުރެވޭނެ އެވެ. މި މަރުހަލާގައި 1.2 މިލިއަން މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް މިސްރުން އަންދާޒާ ކުރެ އެވެ.
ދެވަނަ އަދި ތިންވަނަ މަރުހަލާގައި ޣައްޒާގެ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ އެވެ. މީގެ ތެރޭގައި އިތުރު 400,000 ގެދޮރު ބިނާކުރުން، ވިޔަފާރި ބަނދަރާއި ވައިގެ ބަނދަރު އަލުން ތަރައްގީ ކުރުން އަދި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން ހިމެނެ އެވެ.
މި މަޝްރޫއަށް ޖުމްލަ 53 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށް މިސްރުން ލަފާކުރެ އެވެ. ފުރަތަމަ މަރުހަލާއަށް ތިން ބިލިއަން ޑޮލަރު، ދެވަނަ މަރުހަލާއަށް 20 ބިލިއަން ޑޮލަރު އަދި ތިންވަނަ މަރުހަލާއަށް 30 ބިލިއަން ޑޮލަރު ބޭނުންވާނެ އެވެ.
ހުށަހެޅުމުގެ އެންމެ މުހިއްމު ކަމަކީ ޣައްޒާގައި ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީ، އެ ސަރަހައްދު އަލުން ބިނާކުރުމެވެ.