އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 3.43 ރުފިޔާ ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.
އަހަރީ އާންމު ޖަލްސާގައި 74 ހިއްސާދާރުން ބައިވެރިވިއިރު މީގެ ތެރޭގައި ޕްރޮކްސީ ހޯލްޑަރުންވެސް ހިމެނެ އެވެ.
މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.43 ރުފިޔާ ބަހަން ފާސްކުރިިއިރު މިއީ އުރީދޫ މޯލްޑިވްސްގެ 2023 ވަނަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހަން ނިންމި އަދަދަށްވުރެ 16 ލާރި އިތުރު އަދަދެކެވެ.
އުރީދޫ މޯލްޑިވްސްގެ 2023 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.27 ރުފިޔާ ވަނީ ބަހާފަ އެވެ.
އަހަރީ އާންމު ޖަލްސާގައި ވަނީ އުރީދޫ މޯލްޑިވްސްގެ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް ފާސްކޮށްފަ އެވެ. މީގެ އިތުރުން އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ ވަނީ ކަނޑައަޅާފަ އެވެ.
އުރީދޫއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބުނެވެ. ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު އުރީދޫއަށް ވަނީ ސާފު ފައިދާގެ ގޮތުގައި 684.1 މިލިއަން ރުފިޔާ ލިބިފަ އެވެ.