ހިންދީ ފިލްމު އިންޑަސްޓްރީގައި އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ކުރީގެ މަޝްހޫރު އެކްޓަރު ޝަޝީ ކަޕޫރު މަރުވެއްޖެ ކަމަށް އިއްޔެ ހެނދުނުން ފެެށިގެން ދެކެވެމުން އައި ވާހަކަތައް އޭނާއަށް ބޮޑުބޭބެ ކިޔާ ރިޝީ ކަޕޫރު ދޮގުކޮށްފި އެވެ.
އުމުރުން 78 އަހަރުގެ ޝަޝީ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ދެކެވެމުން އައި ވާހަކަ ދޮގުކުރަމުން ރިޝީ ކުރި ޓްވީޓެއްގައި ވަނީ އޭނާގެ ބޮޑުބޭބެގެ ހާލު މުޅިން ރަނގަޅު ކަމަށް ބުނެފަ އެވެ.
ރިޝީގެ އިތުރުން ޝަޝީގެ ދަރިފުޅު ކުނާލްވެސް ވަނީ އޭނާގެ ބައްޕަ މިވަގުތު ހުރީ ގޭގައި ކަމަށާއި އަދި ހާލު ރަނގަޅު ކަމަށް ވެސް ބުނެފަ އެވެ. އަދި އޭނާގެ ބައްޕަ މަރުވެއްޖެ ކަމަށް ބުނެ ދޮގު ހަބަރު ނުފެތުރުމަށް ވެސް ވަނީ އެދިފަ އެވެ.
ކިޑްނީ އަށް މައްސަލަތަކެއް ދިމާވެ ޝަޝީ މިފަހުން އުޅެނީ ވަރަށް ބަލިކޮށެެވެ.
އެކްޓުކުރުމުގެ އިތުރުން ފިލްމު ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސް ވެސް ކޮށްފައިވާ ޝަޝީ އަކީ ހަތްދިހައިގެ އަހަރުތަކުގައި އެންމެ ވިދާލި ތަރި އެވެ. ޝަޝީ ވަނީ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އަމީތާބް ބައްޗަން އާއި ޖާޔާ ބައްޗަން އަދި ރޭކާ ފަދަ ތަރިންނާއެކު ފިލްމުތަކުން ފެނިގެން ގޮސްފަ އެވެ.
"ދީވާރް"، "ކަބީ ކަބީ" އަދި "ނަމަކް ހަލާލް" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެން ގޮސްފައިވާ ޝަޝީ އަށް ވަނީ ހިންދީ ފިލްމު އިންޑަސްޓްރީ އަށް އޭނާ ކޮށްދީފައިވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ދާދާސާހެބް ޕަލްކޭ" އެވޯޑާއި ބޮލީވުޑުން ފަހަގަކޮށްލެވޭ މީހަކަށް އިންޑިއާ ސަރުކާރުން ދޭ ޝަރަފުވެރި އިނާމެއްކަމަށްވާ "ޕަދްމާ ޝްރީ" ވެސް ލިބިފަ އެވެ.