ބޮލީވުޑް

ޕަރިނީތީ އާއި މަނީޝްގެ ލޯބި ވެސް ނިމުމަކަށް

Mar 24, 2016

މި އަހަރާއެކު ބޮލީވުޑްގެ މަޝްހޫރު ގިނަ ޖޯޑުތަކެއް ލޯބީގެ ނިމުން އައި ވާހަކަ ދަނީ އިވެމުންނެވެ.

މަޝްހޫރު ލޯބވެރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފްގެ ހައަހަރުވީ ލޯބީގެ ގުޅުން ނިމުނު ވާހަކަ އާއެކު އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ ރުޅިވި ވާހަކަ ވެސް ވަނީ ފެތުރިފަ އެވެ.

އަނެއްކާވެސް ބޮލީވުޑް އިތުރު ޖޯޑެއްގެ ލޯބި ވަނީ ނިމުމަކަށް ގެނެސްފަ އެވެ. ޒުވާން ބަތަލާ ޕަރިނީތީ ޗޯޕްޅާ އާއި ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު މަނީޝް ޝަރްމާ ވަނީ އެދެމީހުންގެ ތިން އަހަރުވީ ލޯބީގެ ގުޅުން ވެސް ނިމުމަކަށް ގެނެސްފަ އެވެ.

ޔާޝް ރާޖްގެ ކުޑައިގެ ދަށުން ބޮލީވުޑަށް ތައާރަފުވި ޕަރިނީތީ އާއި މަނީޝް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އެއްބަސް ނުވި ނަމަވެސް ބޮލީވުޑްގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ވެސް މިދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަން އިނގެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުން ފާއިތުވި އަހަރެއްހާ ދުވަހުން ފެށިގެން ޕަރިނީތީ އާއި މަނީޝްއާ ދެމެދު މައްސަލަތައް ވަނީ ޖެހެން ފަށާފަ އެވެ. މިދެމީހުންގެ ދެމެދުގައި މައްސަލަޖެހި، މިގުޅުން އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަން ޔަގީންވުމުން ދެމީހުންގެ ދެމެދު އޮތް ގުޅުން ނިންމާލައި ހަމައެކަނި އެކުވެރިންގެ ގޮތުގައި ތިބުމަށް ނިންމާފައިވަނީ މިފަހުންނެވެ.

ބުނެެވޭ ގޮތުގައި މިފަހުން ޕަރިނީތީ އޭނާގެ އެކުވެރިންތަކަކާ އެކު ކުއީންސްލޭންޑަށް ޗުއްޓީ ހޭދަކުރަން ދިޔައީ މަނީޝްއާ ރުޅިވެ އެކަމުން އަރައިގަންނަން ބޭނުންވުމުންނެވެ.

ޕަރިނީތީ އާއި މަނީޝް ރުޅިވި ނަމަވެސް މަނީޝް ޕްރޮޑިއުސްކުރާ "މެރީ ޕިޔާރީ ބިންދޫ"ގެ ބަތަލާ އަކީ ޕަރިނީތީ އެވެ. އަދި މިފިލްމުގެ ޝޫޓިން ޕެރިހުގައި ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެކުރިން ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕަރިނީތީ ވަނީ މަނީޝް އަކީ އޭނާގެ ހަޔާތުގައި ވަރަށް ހާއްސަ މީހެއް ކަމަށާއި އޭނާ ދެކެ ވަރަށް ލޯބީވާ މީހެއް ކަމަށް ބުނެފަ އެވެ.

"އޭނާ އަކީ އަހަރެންގެ ހަޔާތުގައި ދިމާވި އެންމެ ރަނގަޅު މީހާ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާވެސް މެ" ޕަރިނީތީ ބުނެފައިވެ އެވެ.

އޭނާގެ އާއިލާ މީހުންނަށް ވެސް މަނީޝް ވަރަށް ކަމުދާ ކަމަށް ވެސް ޕަރިނީތީ ވަނީ ބުނެފަ އެވެ.

ބޮލީވުޑްގެ ގިނަ ޖޯޑުތަކެއް ރުޅިވަމުން އަންނައިރު، ފަރްހާން އަހްތަރު އާއި އަންހެނުން އަދޫނާ ވަނީ 14 އަހަރުވީ ކައިވެނި ނިމުމަކަށް ގެނެސް ވަރިވާން ހުށަހަޅާފަ އެވެ. އަދި އަރްބާޒް ޚާން އާއި މަލައިކާ އަރޯރާ ވެސް އެދެމީހުންގެ 17 އަހަރުވީ ކައިވެނި ރޫޅާލަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

ޕަރިނީތީ ބޮލީވުޑަށް ތައާރަފުވި "ލޭޑީސް ވާސަސް ރިކީ ބަލް" އާއި އޭގެފަހުން ކުޅުނު "ޝުދް ދޭސީ ރޮމޭންސް" ޑައިރެކްޓްކޮށްފައިވަނީ ވެސް މަނީޝް އެވެ.