ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި، ކެނެރީގެ، އިބްރާހީމް އިމާދު (30އ) އާއި މއ. ވިންޑްސްޓަރ 1، މާލެ، މުޙައްމަދު ސިމްރާޙް (43އ) އަދި ގދ. ރަތަފަންދޫ، ޒަމާނީއާގެ، ސަލާހު ޝިހާބް (45އ) އެވެ.
ފުލުހުން ބުނި ގޮތުގައި މިމަހުގެ ނުވަ ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނުގައި 57.78 ގުރާމް ހުރިއިރު މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސިމްރާޙް އާއި ސަލާހު 15 ދުވަހަށް އަދި ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި އިބްރާހީމް އިމާދު ކޯޓުން ދޫކޮށްލާފައިވާތީ އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.