ކަނޑުމަތީގެ ހާދިސާ

އިންޖީނު ހުއްޓުނު ބޯޓެއްގައި ތިބި މީހުން ސަލާމަތްކޮށްދީފި

ނ. ހޮޅުދޫއިން މާލެއަށް ދަތުރުކުރަމުން ދިޔަ ހޮޅުދޫ ބޯޓުގެ އިންޖީނު ހުއްޓިއްޖެ އެވެ. އެ ބޯޓުގައި ތިބި މީހުން ސަލާމަތްކުރުމަށް ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޔަރު އަދުނާން ވިދާޅުވީ، ހޮޅުދޫ ބޯޓުގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްއަށް ރިޕޯޓްކުރީ މިއަދު ހެނދުނު 7:31 ހާއިރު ކަމަށެވެ. އެ ވަގުތުން ފެށިގެން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އަދުނާން ވިދާޅުވި ގޮތުގައި ބޯޓު ހުއްޓިފައިވަނީ، މާލެއާ 18 ނޯޓިކަލް މޭލު އުތުރުންނެވެ. އެ ބޯޓުގައި ތިން ބަލި މީހަކު ތިބިކަމުގެ މައުލޫމާތު ލިބޭ ކަމަށާއި ބޯޓުގައި ތިބި ޖުމްލަ މީހުންގެ އަދަދު އަދި ސާފުނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ބޯޓުގައި ތިބި މީހުން މިހާރު ސިފައިންގެ އުޅަނދަށް އަރުވައިގެން މާލެ ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި 9:50 ގައި މާލެއަށް އާދެވޭނެ ކަމަށް ވެސް އަދުނާން ވިދާޅުވި އެވެ.