ރަތް ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަށް 24 ގަޑިއިރު ތެރޭގައި ދެ ފަހަރު ހަމަލާދީފި ކަމަށް ހޫސީން ބުނެފި އެވެ. ހަމާދިނީ ރޮކެޓާއި އަސްކަރީ ފެންވަރުގެ ޑްރޯން ބޭނުންކޮށްގެން ކަމަށް އެ ޖަމާއަތުން ބުންޏެވެ.
ހޫސީންގެ ތަރުޖަމާން ޔަހްޔާ ސާރީ ބުނި ގޮތުން، އެމެރިކާގެ ޝައުގުވެރިކަން އެކަމެއްގައި އޮތް ނަމަ ހޫސީން ހަމަލާދޭނެ އެވެ. ރަތްކަޑުގައި މިހާރު ހަރަކާތްތެރިވާ މަތިންދާބޯޓު އުފުލާ ޔޫއެސްއެސް ހެރީ ޓްރޫމަންއަށް ހަމަލާދިނީ، ބަދަލުހިފުމުގެ ގޮތުން ކަމަށްވެސް ތަރުޖަމާން ބުންޏެވެ.
އެމެރިކާއިން ވަނީ ކުރިން އިންޒާރުދިނުމެއް ނެތި ޔަމަނުގެ ވެރިރަށް ސަންއާއާށް ހަމަލާދީފަ އެވެ. އެމެރިކާ އާއި އިނގިރޭސިން ގުޅިގެން ދިން ހަމަލާތަކުގެ ބޭނުމަކީ، ހޫސީން ސައިޒުކުރުން ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.
ރަތް ކަނޑުގައި ދަތުރުކުރާ ކޮންޓޭނަރު ބޯޓުފަހަރަށް ހޫސީން ހަމަލާދިނުން ހުއްޓާލުމަށް ދާންދެން ޔަމަނަށް ހަމަލާދޭނެ ކަމަށް އެމެރިކާއިން އޮތީ ބުނެފަ އެވެ.
މެދުއިރުމަތި ދިރާސާކުރާ ތަޖުރިބާކާރުން ބުނާ ގޮތުން، ހޫސީންނަށް ހަމަލާދިނުމަށް އެމެރިކާއިން ބަހަނާއަކަށް ހަދައި ހޫސީންނަށް ހަމަލާދިނުމުގެ ފަހަތުގައި އޮތީ އެ ސަރަހައްދުގައި އޮތް އިޒުރޭލުގެ ޝައުގުވެރިކަމެވެ.
ހޫސީންގް ފަރާތުން އިޒުރޭލަށް ދީފާނެ ގެއްލުމަކުން ޔަހޫދީން ރައްކާތެރިކުރުމަކީ އެމެރިކާއަށް އޮތް ވާޖިބެއް ކަމަށް އެ ގައުމުން ދެކެ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުން އެމެރިކާ އޮތީ ހޫސީންގެ ބާރުކެނޑެންދެން ހަމަލާދޭ ގޮތަށެވެ. ހޫސީންގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް ހުސްވަންދެން ހަމަލާދިނުމަށް އެމެރިކާ ތައްޔާރު ކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ފައިޓަރު ޖެޓުތައް ފައްސާލުމުގެ ގާބިލުކަން ހޫސީންނަށް ވަނީ ލިބިފަ އެވެ. ހޫސީންގެ އަތުގައި ހުރި ހައިޕާސޮނިކް މިސައިލުން އެމެރިކާގެ އަމާޒުތަކަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެ ކަމަށްވެސް އަސްކަރީ ތަޖުރިބާކާރުން ބުނެ އެވެ.