އާސަންދަ

އާސަންދަ އޮފީހުގައި މޯލްޑިވިއަން ހޮލިޑޭސްގެ ކައުންޓަރެއް ބަހައްޓައިފި

Mar 24, 2016
1
  • ކައުންޓަރުން ތިން އެއާލައިނެއްގެ ޓިކެޓް ލިބޭ
  • ފަސޭހަކަމާއެކު ޓިކެޓް ނެގުމުގެ އިންތިޒާމެއް

އާސަންދަ އޮފީހުގައި މޯލްޑިވިއަން ހޮލިޑޭސްގެ ކައުންޓަރެއް ބަހައްޓައިފި އެވެ.

ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށްދާ މީހުންނަށް ފަސޭހަކަމާއެކު ހިދުމަތް ދިނުމަށް ބެހެއްޓި މި ކައުންޓަރުން ސްރީލަންކަން އެއާލައިންސާއި އިންޑިއަން އެއާލައިންސް އަދި މޯލްޑިވިއަންގެ ޓިކެޓު ލިބެން ހުރެ އެވެ. މި ކައުންޓަރު ބަހައްޓާފައިވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރު ތިންވަނަ ފްލޯގައި ހުންނަ އާސަންދަ އޮފީހުގަ އެވެ.

މި ކައުންޓަރާ ބެހޭ މައުލޫމާތު އަދި އާސަންދަ އޮފީހުން އާންމެއް ނުކުރެ އެވެ. ނަމަވެސް "އަވަސް" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫނު އަބްދުއްސަމަދު ވިދާޅުވެފައިވަނީ އާސަންދައިގެ ހިދުމަތް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ބޭސް ފިހާރަތައް އިތުރުކޮށް ރާއްޖޭން ބޭރުން ބޭސް ކުރުމުގެ އިންތިޒާމު ވަރުގަދަ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އާސަންދައިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭން ބޭރުން ބޭސް ފަރުވާ ހޯދި މީހުންގެ އަދަދު އަހަރު ދުވަހުގެ ތެރޭގައި ވަނީ 35 ޕަސެންޓް އިތުރުވެފަ އެވެ. މި ހިސާބުތައް ދައްކާ ގޮތުން 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން މިދިޔަ އަހަރުގެ ނޮވެމްބަރު 17ގެ ނިޔަލަށް ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކުން 4،807 މީހުން އާސަންދައިގެ ހިދުމަތް ހޯދާފައިވެ އެވެ.