ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކޮށްފި އެވެ.
ދައުލަތުން އިއްޔެގެ ވަގުތެއްގައި ދައުވާ އުފުލާފައިވަނީ ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ، އަހްމަދު ނިއުޝާދު (34 އަހަރު) އާއި، ޏ. ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް (29 އަހަރު) އެވެ.
ނިއުޝާދުއާއި އާޒިމްގެ މައްޗަށް ކުރަނީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.
ނިއުޝާދު އާއި އާޒިމުގެ މައްޗަށް ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކުރަނީ އޭޕްރީލް 27، 2024 ވަނަ ދުވަހު ފުވައްމުލަކު ގަސްދޮށުގެ ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާ ގުޅިގެން ތުހުމަތުކުރެވުނު ފަރާތްތަކުގެ ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ދިރާސާކުރިއިރު އެކިއެކި ފަރާތްތަކުން ކުދި އަދަދުތަކުން ފޮނުވާ ފައިސާ ގަނޑުކޮށް، އާޒިމްއާއި ނިއުޝާދުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާކަން ފާހަގަވުމުންނެވެ. އަދި އެކަން އިތުރަށް ތަހުގީގުކޮށް ބެލިއިރު، އާޒިމް އިސްވެހުރެ، ނިއުޝާދުއާއެކު މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމުކޮށް އެކި ފެންވަރުގައި، އެކި މިންވަރަށް، އެ ތަކެތި ބަންދުކޮށް ބާޒާރަށް ނެރުމުގައި ހަރަކާތްތެރިވާކަމާއި، އެކި ޑީލަރުންނަށް މުސާރަ ދީގެން، ހަމަޖެހިފައިވާ ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާތީއާއި، އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން ބަލަހައްޓައި، އޮގަސްޓް 01، 2024 ވަނަ ދުވަހުގެ ނިޔަލަށް އެ ނެޓްވޯކު ހިންގައި، އެ ނެޓްވޯކުގެ އެކި ފަންތީގައި ހަރަކާތްތެރިވި މީހުންނަށް އިރުޝާދު ދީފައިވާތީ އެވެ
މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ހަސަން އާޒިމްގެ މައްޗަށް ކުރަނީ ޖުލައި 01، 2019 އިން ފެށިގެން އޮގަސްޓް 01، 2024 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 5,998,696.60 ރުފިޔާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކުކުރެވޭ ހާލަތުގައި، އެ ފައިސާ އޭނާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ އެވެ.
މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ނިއުޝާދުގެ މައްޗަށް ކުރަނީ ޖުލައި 01، 2019 އިން ފެށިގެން އޮގަސްޓް 01، 2024 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން އޭނާގެ އެކައުންޓްތަކަށް ޖަމާކުރި 21,855,766.99 ރުފިޔާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކުކުރެވޭ ހާލަތުގައި، އެ ފައިސާ އޭނާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ އެވެ.
ނިއުޝާދުއާއި އާޒިމްގެ މައްޗަށް ކުރާ ދެ ދައުވާއާ އެކު އެ މީހުންގެ ބައެއް މުދަލާއި ފައިސާވެސް ދައުލަތަށް ނަފައިދިނުމަށް ކޯޓުގައި އެދިފައިވެ އެވެ.
ދައުލަތަށް ނަގައިދިނުމަށް އެދިފައިވާ މުދަލާއި ފައިސާ:
- އެއް މިލިއަން ރުފިޔާ (އިސްލާމިކް ބޭންކްގައި ހުރި)
- 4 ސައިކަލު
- 5 ކާރު
- 2 ޕިކަޕް
- 1 ކަނޑު އުޅަނދު
- 29 ސަންކޮނުއަ ގުރާ
- 9 ރިންގްނެކް ގުރާ
ނިއުޝާދުއާއި އާޒިމް ހައްޔަރުކުރަން ފުވައްމުލަކުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފެށި "އޮޕަރޭޝަން ވެށި ރައްކަލް" ގައި 58 މީހަކު ހައްޔަރު ކުރި އެވެ. އެ މީހުންގެ މައްޗަށް 75 މައްސަލައެއް ތަހުގީގުކުރިއިރު އޭގެތެރެއިން 65 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ.
ނިއުޝާދާއި އާޒިމަކީ ފުވައްމުލަކުގައި ހިންގާ ޑްރަގު ނެޓްވޯކްގައި އެންމެ އިސްކޮށް އުޅޭ ދެ މީހުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.