ރައީސް އޮފީސް

ރޯދަ ފަހު 10ގައި ވަޒީފާއަށް ނިކުންނަ މުވައްޒަފުންނަށް އިނާޔަތް ދެނީ

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ -- ފޮޓޯ: އަވަސް
0%
0%
0%

ރޯދަމަހުގެ ފަހު 10ގައި ދައުލަތުގެ އިދާރާތަކުގައި މުވައްޒަފުން މަސައްކަތަށް ނިކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ އިނާޔަތް ދޭ ގޮތަށް ނޭޝަނަލް ޕޭ ކޮމިޝަނުން ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް އިސްލާހު ގެނެސްފި އެވެ.

މި އިސްލާހުގައި ހިމެނިގެން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި މުހިންމު ބަދަލުތަކުގެ ތެރޭގައި ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭ ކަމަށް ކަނޑައަޅާ މުވައްޒަފުން މަސައްކަތަށް ނިކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ އިނާޔަތް ދޭންވާނެކަމުގައި ބަޔާންކޮށްފައިވެ އެވެ.

ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ހިމެނޭ ހުރިހާ ދުވަހަކީ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް" ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން ރަސްމީ ބަންދުތަކުގައި މަސައްކަތް ކުރުމުން ލިބޭނެ ކަމަށް އެ ގާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތް ދޭންވާނެކަމުގައި ބަޔާންކޮށްފައިވެ އެވެ.

ރޯދަ މަހުގެ މި ދުވަސްތަކުގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރަންވާނީ ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށްކަމުގައިވެސް ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް ގެނައި އިސްލާހުގައިވެ އެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކަށް ގެނައި އިސްލާހުގައިވާ ގޮތުން ރާއްޖޭގެ ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރާނީ ރަސްމީ ބަންދު ދުވަސްތަކާ އެއް ގޮތަށެވެ.

މިގޮތަށް ފައިސާ ދިނުމުގައި މިހާރު ކަނޑައަޅާފައި އޮންނަ 10 އިންސައްތައިގެ ތެރޭގައި އެ ދުވަސްތައް ނުހިމަނައި، އެ ދުވަސްތަކުގައި އިދާރާއިން މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތު ވަގުތުތަކަށް އިތުރުގަޑީގެ ފައިސާ ދެވޭނެ ކަމުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން މަގާމަށް ކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވިކަމުގައިވިޔަސް ހާޒިރީ އިނާޔަތް ދޭންވާނެކަމުގައި ކަނޑައަޅާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345