ޔަމަންގެ ވައިގެ ސަރަހައްދުގައި ޖާސޫސްކުރަން އުދުހުނު އެމެރިކާގެ އެމްކިޔޫ-9 މަރުކާގެ ރީޕާ ޑްރޯނެއް ހޫސީން ވައްޓާލައިފި އެވެ.
ރީޕާ ޑްރޯން އަކީ އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރާ އެންމެ ޒަމާނީ އަދި ވަރަށް އަގުބޮޑު ޑްރޯނެކެވެ. މީގެ ޑްރޯނެއްގެ އެވްރެޖް އަގަކީ 56.5 މިލިއަން ޑޮލަރެވެ. ޚަބަރުތައް ބުނާ ގޮތުން ރަތް ކަނޑުގައި އެމެރިކާއާ ކުރިމަތިލުންތައް ފެށި ފަހުން ހޫސީންގެ ހަމަލާތަކުގައި މި މަރުކާގެ 16 ޑްރޯން ވަނީ ވައްޓާލާފަ އެވެ.
އެމެރިކާއިން ކުރިއާލައި އިންޒާރުދިނުމެއް ނެތި ހޫސީންނަށް ހަމަލާދޭން ފަށާފައި މިވަނީ ރަތް ކަނޑު އަާމާންކުރުމަށް ކަމަށް ބުނެ އެވެ. ހޫސީންގެ ހަމަލާތަކާ ހެދި ރަތް ކަނޑުން ދަތުރުކުރާ މުދާއުފުލާ ކޮންޓޭނަރު ބޯޓުފަހަރަށް ނުރައްކާވެފައި އޮތުމުންނެވެ.
ޔަމަނުގެ ބޮޑު ބައެއް އިސްތިއުމާރުކޮށްގެން އުޅޭ ހޫސީން ބުނާ ގޮތުން، ރަތް ކަނޑުގައި ދަތުރުކުރާ ކޮންމެ ކޮންމެ އުޅަނދަކަށް އެ ޖަމާއަތުން ހަމަލާއެއް ނުދޭނެ އެވެ. ހަމަލާދޭނީ އިޒުރޭލަށް ދަތުުރުކުރާ ބޯޓުފަހަރަށާއި އެމެރިކާ އަދި އިނގިރޭސިންނާ ގުޅުހުން އޮންނަ ބޯޓުފަހަރަށެވެ.
އިޒުރޭލަށް މުދާއުފުލާ އުޅަނދުފަހަރަށް ހަމަލާދޭ ސަބަބަކީ، ހޫސީން ބުނި ގޮތުން، ފަލަސްތީންގެ ޣައްޒާގައި ޔަހޫދީން ގަތުލުއާންމު ހިންގާތީ އެވެ. ޣައްޒާގައި ދިރިއުޅާ އާންމު ރައްޔިތުން އެ މީހުންގެ ވަޒަނުން ނެރެން ޔަހޫދީ އިސްތިއުމާރީ ބާރުތަކުން މަޖުބޫރުކުރާތީ އެވެ.
އެމެރިކާ އާއި އިނގިރޭސިންނަކީ، އިޒުރޭލަށް ވަފާތެރި އަދި ޣައްޒާއަށް ހަމަލާދިނުމަށް އެހީތެރިވެދޭ ދެ ގައުމެވެ. އަސްކަރީ ގޮތުނާއި މާލީ ގޮތުން އަދި ފިކުރީ ގޮތުން ވެސް އެމެރިކާ އާއި އިނގިރޭސިން، އިޒުރޭލަށް އެހީތެރިވެދެ އެވެ.
ހޫސީންގެ ހަމަލާތަކުގެ އަމާޒަކަށް އެމެރިކާގެ ރީޕާ ޑްރޯންތައް ވުމަކީ، އެމެރިކާއަށް ވެސް ހިތްދަތި ކަމަކަށް ވާނެ އެވެ. ހޫސީންގެ ހަމަލާތަކުގައި ވައްޓާލާފައިވާ 16 ޑްރޯންގެ ޖުމުލަ އަގަކީ 900 މިލިއަން ޑޮލަރެވެ.
މިއީ ހޫސީންގެ ހަލާތަކުން އެމެރިކާގެ އަސްކަރީޑްރޯންތަކަށް ލިބޭ ގެއްލުމެވެ. އެމެރިހާގެ އެހެނިހެން ވަސީލަތްތަކަށް -- މަތިންދާބޯތު އުފުލާ މަނަވަރުތަކަށް ލިބޭ ގެއްލުން އަދި މިއަށް ވުރެ ބޮޑުވާނެ އެވެ.
ހޫސީން ބުނާ ގޮތުން ރަތް ކަނޑުގައި ދަތުރުކުރާ ކޮންމެ އުޅަނދަކަށް ހަމަލާދިނުމުގެ ގާބިލުކަން އެ ޖަމާއަތަށް ވަނީ ލިބިފަ އެވެ. ހޫސީންނަށް ހަތިޔާރު ސަޕްލައިކޮށްދޭ ކަމަށް މަޝްހޫރުވެފައި ވަނީ އީރާން އެވެ.