ބައްތި ފޯނެއް ވަގަށް ނަގައިގެން ހުކުމެއް އިއްވާފައިވާ މީހަކު، ސައިކަލެއް ވަގަށް ނަގައިގެން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ސައިކަލް ވަގަށް ނަގައިގެން ހައްޔަރުކުރީ މ. ޝާކިރީހިޔާ، ހަމްދާން އަލީ އެވެ. އޭނާގެ އުމުރަކީ 35 އަހަރެވެ.
ސައިކަލެއް ވަގަށް ނެގި މައްސަލައިގައި ހަމްދާން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.
ހަމްދާންގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާވަނީ ވަގަށް ނެގި ސައިކަލުގެ އަސްލު އޮޅުވާލަންވެސް މަސައްކަތްކޮށްފަ އެވެ.
ރިކޯޑްތަކުން ދައްކާ ގޮތުގައި ހަމްދާން އަކީ ކުރިން ބައްތި ފޯނެއް ވަގަށް ނެގި މައްސަލައެއް ސާބިތުވެ ޖަލު ހުކުމެއް އިއްވާފައިވާ މީހެކެވެ.
މާލޭގެ ފިހާރައަކުން ނޮކިއާ ފޯނެއް ވަގަށް ނެގި މައްސަލައިގައި ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހަމްދާންގެ މައްޗަށް ކުރިން ކޯޓުން ހުކުމެއް އިއްވާފައިވެ އެވެ.