ކުށްކުރުން

އުމުރުން ދުވަސްވީ މީހަކު މާރާމާރީ މައްސަލައެއްގައި ވާނުވާ ބަންދަށް

އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު މާރާމާރީއެއްގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މާރާމާރީއެއްގެ ތުހުމަތުގައި އާދިއްތަ ދުވަހު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވަނީ މއ. ކޫލްއައިސިސް އަހްމަދު ރަޝީދު އެވެ.

ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާގެ އުމުރަކީ 61 އަހަރެވެ.

މި މައްސަލައިގައި އަހްމަދު ރަޝީދާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ބަންދު އަމުރުގައިވެ އެވެ.

ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ހާދިސާގެ ރިޕޯޓާއި، ހެއްކެއްގެ ބަޔާނުގައި އަހްމަދު ރަޝީދު ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރު ދައްކައި، މީހަކަށް ހަމަލާދިނުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އަހްމަދު ރަޝީދު ފިލައިގެން ދިއުމުގެ އިހުތިމާލު އޮތުމުންނާއި މުޖުތަމައުގެ ރައްކާތެރިކަމަށް އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމީ ކަމަށް، ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމު ނެރުއްވި އަމުރުގައި ވިދާޅުވެފައިވެ އެވެ.