ހިޔާ ޓަވަރުގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލަން އުޅުނު މީހުންގެ ތެރެއިން މީހަކު، ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކުރުމުގެ ތުހުމަތުގައި މިދިޔަ އަހަރު ފަހުކޮޅު 12 މީހުން ހައްޔަރުކުރި އެވެ.
އެކަމަކު އެ މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވުމަށްފަހު ފަހުން ވަނީ ބަންދުން ދޫކޮށްލާފަ އެވެ.
މަސްތުތާތަކެތީގެ މައްސަލައެއްގައި މީހެއްގެ އިނގިލި ބުރިކޮށްލަން އުޅުނު 12 މީހުންގެ ތެރެއިން، އެހެން މައްސަލައެއްގައި އަލުން ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި، އާރެސް، ހަސަން ގާލިބް (38 އ) އެވެ.
އޭނާ ހައްޔަރުކުރީ ވައްކަމުގެ މައްސަލައެއް ގައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.
ހަސަން ގާލިބަކީ ކުށުގެ ރެކޯޑް ގިނަ މީހެއްކަން ބަންދު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
ހިޔާ ފްލެޓުގެ H9-20-11 އެޕާޓްމަންޓުގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި ގާލިބްއާއެކު 12 މީހުން ހައްޔަރުކުރީ މިދިޔަ ނޮވެންބަރު މަހު އެވެ. ފުލުހުން އެ މީހާ ސަލާމަތްކުރީ އޭނާގެ ބޯ ބޭލުމަށްފަހު، އިނގިލި ބުރިކުރަން އުޅެނިކޮށެވެ.