މައްސަލަ ބޮޑުވެފައި ވަނިކޮށް ތެލެސީމިއާ ސެންޓަރު -- މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.
އެމްބީއެސް އަށް ރައީސް މުއިއްޒު މިއަދު ކުރެއްވި ޒިޔާރަތުގައި ވަނީ އެތަނުގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހާލަތު ބައްލަވާފަ އެވެ. އަދި އެ ވަގުތު ހިދުމަތް ހޯދަމުން ދިޔަ ބަލިމީހުންގެ އާއިލާތަކާ ބައްދަލުކުރައްވާ އެ މީހުންގެ ކަންބޮޑުވުން ރައީސް ވަނީ އަޑު އައްސަވާފަ އެވެ.
ރައީސް އޮފީހުން ބުނީ އާއިލާތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް މި ވަގުތުން ފެށިގެން ހައްލުކުރެވެން ހުރި ހުރިހާ ކަމެއް ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާކޮށް ފިޔަވަޅު އަޅަން ސަރުކާރުން ފަށާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް ޒިޔާރަތްކުރެއްވީ އެ ސާވިސަސްގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވައި އެ ތަނުގެ ބޭރުގައި ތެލެސީމިއާ ކުދިންގެ މައިންބަފައިން މުޒާހަރާކޮށްފައި ވަނިކޮށެވެ.
ތެލެސީމިއާ ކުދިންގެ މައިންބަފައިން ހިތްހަމަނުޖެހުނީ އެމްބީއެސްގައި ލިބެންޖެހޭ ބައެއް ވަސީލަތްތައް ނުލިބުމާއި، ކޮންމެހެން ހުންނަންޖެހޭ ބޭސް ނެތުމާއި ލޭ ދޭ މީހުން ދީފައި ހުންނަ ލޭ އެމްބީއެސްގެ އިހްމާލުން އުކާލަންޖެހުމާ އަދި ބަންދު ދުވަސްތަކުގައި އެމްބީއެސް ބަންދުކުރާ މައްސަލައިގަ އެވެ.