ހަބަރު

ނާޒިމުގެ ގެއިން ފެނުނު ހަތިޔާރުގެ ފޮޓޯ އާންމުކޮށްފި

Jan 29, 2015

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ، ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ ހަތިޔާރުގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.

ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު ދެއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ ފިސްތޯލައަކާއި ތިން އުންޑަ ގޭތެރެއިން ފެނުނު ކަމަށެވެ.

ސީޕީ ވިދާޅުވީ ހަތިޔާރު ފެނުނީ މިހާރު ޑިފެންސް މިނިސްޓަރުކަމުން ވަކިކޮށްފައިވާ ނާޒިމް އުޅުއްވި ކޮޓަރި ތެރެއިން ކަމަށެވެ. އަދި ފެނުނު ފިސްތޯލަ އަކީ ހަނގުރާމަވެރި ހަތިޔާރެއް ކަމަށާއި އޭގެ އިތުރުން އެއަށް ލައްވާ ތިން ވަޒަނާއި ގޮވާޒާތުގެ އެއްޗެއް ވެސް ފެނުނު ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

ސީޕީ ހުސައިން ވަހީދު ވިދާޅުވި ގޮތުގައި ނާޒިމްގެ އެޕާޓްމެންޓުން ހަތިޔާރު ފެނުމުން އެކަން އެމްއެންޑީއެފްގެ ސަމާލު ކަމަށް ވެސް ގެނައި ކަމަށާއި ނަމަވެސް އެމްއެންޑީއެފުން އެއްވެސް ހަތިޔާރެއް މަދުވެފައި ނުވާ ކަމަށް އެތަނުން އަންގާފައިވާ ކަމަށެވެ. އަދި ނާޒިމްގެ އަތުގައި ވެސް ހަތިޔާރު ގެންގުޅުމުގެ ހުއްދައެއް އޮތްކަން މިހާތަނަށް ތަހުގީގަށް އެނގިފައިނުވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

"މި ހަތިޔާރަކީ ލީތަލް ހަތިޔާރެއް، މީހެއްގެ ފުރާނަ ދުއްވާލުމުގެ ގާބިލްކަން ލިބިފައިވާ ހަތިޔާރެއް. އަދި މި ވަޒަންތަކަކީ މި ހަތިޔާރަށް ލައްވާ ވަޒަންކަން މިހާތަނަށް ބެލިބެލުމުން އެނގޭ. އަދި އެކްސްޕްލޯސިވް ޑިވައިސްއަކީ މީގައި އިތުރު ބައިތަކެއް ހިމެނުމަށް ަފަހު ބޮޑެތި ގެއްލުންތަކެއް ދެވޭ ފަދަ ގާބިލްކަމެއް ލިބިގެންވާ އެއްޗެއްގެ ގޮތުގައި ބަދަލު ކުރެވިދާނެ،" ސީޕީ ވިދާޅުވި އެވެ.

ސީޕީ ހުސައިން ވިދާޅުވި ގޮތުގައި އެތަނުން ފެނުނު ޕެން ޑްރައިވަކީ އެހެން ބައެއް މައްސަލަތަކާ ގުޅޭ މައުލޫމާތު ހިމެނޭ ޕެން ޑްރައިވެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ތަންތަން ބެލުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމްގެ މައްޗަށް ހަތިޔާރު ގެންގުޅުމުގެ ތުހުމަތު ކުރެވޭއިރު އޭނާ ހައްޔަރު ނުކޮށް ހުރީ ކީއްވެގެންތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުން ވެސް އެއަށް ސީދާ ޖަވާބެއް ސީޕީ ނުދެއްވި އެވެ. އޭގެ ބަދަލުގައި ސީޕީ ވިދާޅުވީ ނާޒިމް ހައްޔަރު ނުކޮށް ހުރީ އޭނާ ހައްޔަރު ކުރަން މިވަގުތު ނުފެންނާތީ ކަމަށެވެ. އަދި ހައްޔަރު ކުރަންޖެހޭ ކަމަށް ފެނިއްޖެ ނަމަ އެކަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަނީ ތަހުގީގު އަވަހަށް ނިންމައި، ޕްރޮސެކިއުޓަރުންނާ ހަމައަށް ފޮނުވުމަށް. އޭގެކުރިން ކޮންމެހެން ހައްޔަރު ކުރަންޖެހޭ ކަމަށް ތަހުގީގު ޓީމަށް ފެނިއްޖެ ނަމަ ކޯޓު އަމުރަކަށް ގޮސްފައި ހައްޔަރު ކުރުމަކަށް ފަހަރެއްގައި ވެސް ފަހަތަށް ނުޖެހޭނަން." ސީޕީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން ކޯޓު އަމުރެއް ހޯދީ ގެއެއްގައި ހަތިޔާރު ގެންގުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށާއި އެެެއީ ނާޒިމް އުޅުއްވާ ގެ ކަމެއް ކުރިން ނޭނގޭ ކަމަށެވެ.