ފިނިޕޭޖް

މިހާރު މެސީއޭ ކިއިދާނެ!

  • ނިއު އިން ދޫކޮށްލީމަ ފުޓްބޯޅަ ނުކުޅެން ވިސްނި
  • އެކަމަކު ފަހުން ހިތްވަރު ހޯދީ ރޮއްވާލި ޓީމުން
  • އެންމެ ލޯބިވި ކުއްޖާ އަލުން ބޭނުން

"އެކަމަކު އެހެން ނުކިޔައްޗޭ،" އިންޓަވިއުގައި މުހާތަބުކުރާނީ ކޮން ނަމަކުންތޯ ސުވާލުކުރުމުން 26 އަހަރުގެ އެޓޭކިން މިޑްފީލްޑަރު، އިސްމާއިލް އީސާ އެދުނީ އެއްގޮތަށް ވެސް މެސީއޭ ކިޔައިގެން އޭނާއާ ވާހަކަ ނުދެއްކުމަށެވެ.

"އެހެންވީމަ، އީސައޭ ދޯ ކިޔަންވީ؟،" ވީހާ ވެސް އޭނަ ގަޔާވާނެ ނަމަކުން އޭނާއާ މުހާތަބުކުރެވޭތޯ އަޅުގަނޑު މަސައްކަތްކުރީމެވެ.

"އެކަމަކު އީސަ އެއީ އަޅުގަނޑުގެ ބައްޕަ އަށް ކިޔާ ނަމޭ،" ރ. ކަނދޮޅުދުއަށް އުފަން ކުޅުންތެރިޔާ ހިނިގަނޑެއްގެ ތެރެއިން ދެން ބުނެލީ މިހެންނެވެ.

"އިސްމާއިލް ކިޔަސް ރަނގަޅުވާނެ."

އޭނަ އެދުނު ގޮތަކީ މިއީ އެވެ. ދެން އިވުނީ ކައިރީގައި ހުރި އިމާރާމާތެއްގެ ކުޑަދޮރުން ބޯދިއްކޮށްލައިގެން އޮތް ކުޑަ ފިރިހެން ކުއްޖަކު "މެސީ" އޭ ކިޔާފައި ނިކަން ބާރަށް މި އިސްމާއިލަކަށް ގޮވާލި އަޑެވެ. ސަބަބަކީ އެންމެން ވެސް އިސްމާއިލް އީސާ ދަންނަނީ "މެސީ" ގެ ގޮތުގައި ކަމަށްވާތީ އެވެ.

ހަގީގަތަކީ، އޭނާ އަށް މެސީއޭ ކިޔާތީ އެކަމަށް ބަޔަކު މީހުން މަލާމާތްކުރިޔަސް އަދި މެސީއޭ ކިޔަން ޚުދު އޭނާ ބޭނުންނުވިޔަސް "ދިވެހި ފުޓްބޯޅައިގެ މެސީއަކަށް" މިއަދު އިސްމާއިލް އީސަ ތަރައްގީވެފައިވާ ކަމެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ނުލިބުނަސް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއަދު އެ ޝަރަފް ކުޅުންތެރިޔަކަށް ހައްގުވާ ނަމަ އެ ކުޅުންތެރިޔަކީ މާޒިޔާގެ މި ހުނަރުވެރި މިޑްފީލްޑަރެވެ.

ޔަގީނަށް ވެސް މި ތައުރީފަށް ވުރެ ބޮޑު ހިތްހަމަޖެހުމެއް މިއަދަކު އީސައަކަށް ނެތެވެ. ތިރީގައި މި އޮތީ އަވަސް ވީކެންޑަށް އޭނާ ދިން ހާއްސަ އިންޓަވިއު އެވެ.

މާޒިޔާގެ ފެހީ ޖާޒީ އަށް އެނބުރި އައި ސަބަބާއި ނިއު ރޭޑިއަންޓުން އޭނާ ރޮއްވާލިޔަސް، އެ ޝަރަފްވެރި ނޫ ޖާޒީލާ އަދިވެސް ކެތްމަދުވެފައި ހުރި ސަބަބާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކި އެވެ.

އެންމެ ފުރަތަމަ ވެސް ހިނގާ ބަލަ، މާޒިޔާ އިން އެންމެފަހުން އޭއެފްސީ ކަޕްގައި ހޯދި މޮޅާ ބެހޭ ގޮތުން އަނގައެއްތަޅާލަން. މޮޅުވިޔަސް ކޯޗު ބުނަނީ ނުއެއް ކުޅެވުނޯ މޮޅަކަށް. އީސަ އަށް ހީވަނީ ކިހިނެތްހެން އެ މެޗު ދިޔައީ؟

"އަސްލު ކޯޗް ހިތްހަމަނުޖެހެއޭ އެ ބުނަނީ، އޯވަރޯލްކޮށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވިގެން އަސްލު. މިދިޔަ ހަފުތާގައި އެއްކޮށް މަސައްކަތްކުރީ ސީދާ ތިން ޕޮއިންޓަށް. އެ މެޗުން މޮޅުވާން. އެ އަޒުމުގައި ނުކުތީ ވެސް. ދެން ކޯޗު ހިތްހަމަނުޖެހެއޭ ބުނާއިރު އެ ބުނަނީ ވަރަށް ގިނަ ފުރުސަތުތަކެއް ލިބިފައި ބޭނުންނުކުރެވުނު ވާހަކަ. ގޯލު ޖަހަން ވެސް ބައިވަރު ފުރުސަތު ލިބުނު. އެ ހިތްހަމަނުޖެހުން ހެން އަޅުގަނޑަށް ހީވަނީ."

ކުރިން ވެސް މާޒިޔާ އަށް ކުޅުނު އީސަ. އަލުން ކީއްވެގެން އެނބުރި ތިއައީ؟ އަނެއްކާ އޭއެފްސީ ކަޕް ކުޅެންތަ؟ ނުވަތަ މިދިޔަ ސީޒަނުގެ މޮޅު ކުޅުމާ އެކު މާ ބޮޑަށް ޑިމާންޑްމަތިވީތަ؟

"މާޒިޔާ އިން އެންމެ ފުރަތަމަ ވެސް އަޅުގަނޑު ދިޔައީކީ ކްލަބާ މައްސަލައެއް ޖެހިގެނެއް ނޫން. އެ ޓީމު ދޫކޮށްފައި އޭރު ދިޔައިރު ވެސް އަބަދުވެސް އެ ކްލަބަށް ކުޅުމުގެ ޝައުގުވެރިކަން ހުރޭ. މިހާތަނަށް ކުޅެވުނު ކްލަބްތަކަށް ބަލާއިރު އެންމެ ރަނގަޅު އެއް ކްލަބް އެމީހުންނަކީ އަދި. މެނޭޖުމަންޓް، ލާރީގެ ގޮތުން ބެލިޔަސް އަދި ސެލަރީގެ ގޮތުން ބެލިޔަސް. ހުރިހާ ކަމެއްގައި ވެސް ރާއްޖެ އަށް ނަމޫނާ ކްލަބެއް."

"އަބަދުވެސް ބޭނުންވޭ މާޒިޔާގެ ކުޅުންތެރިއެއްގެ ގޮތުގައި ހުންނަން. އެމީހުންގެ އެ އޮތް މެނޭޖުމަންޓްގެ އިތުރުން އެ ކްލަބަށް އަޅުގަނޑު ބަދަލުވުމުގެ މައިގަނޑު އަނެއް ސަބަބަކަށް ވާނެ އޭއެފްސީ ކަޕް."

މިދިޔަ ސީޒަނުގައި އީގަލްސް އިން ހޯދި އާދަޔާހިލާފު ކާމިޔާބީގެ ވަރަށް، ވަރަށް ބޮޑު ހިއްސާއެއް އީސަ އަކީ. ކީއްވެގެންތަ ސީޒަނަކަށް ފަހު އެ ޓީމު ދޫކޮށްލީ؟ ބުނީމެއް ނޫން އެ ޓީމަށް ތަށި ހޯދައިދޭން ބޭނުންވާ ވާހަކަ ވެސް. ދެން އެންމެފަހުން ކިހިނެތް މިވީ؟

"އީގަލްސް އަށް އަޅުގަނޑު ބަދަލުވީ 2014ގައި. ވަރަށް ވަރަށް ތަފާތު ކާމިޔާބީތަކެއް ލިބުނު އީގަލްސްގައި. ގައުމީ މުބާރާތުގެ ފައިނަލާއި ލީގުގައި ތިން ވަނަ ހޯދުން އަލަށް. ވިހި ގޯލު ވެސް ޖެހުނު. އެ ހުރިހާ ކަމަކަށް ފަހު އެ ކްލަބު ދޫމިކޮށްލީ."

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އީގަލްސް އަކީ ކުރިއަށް ދާ ވަރަކަށް ރަނގަޅުވާނެ އެއް ކްލަބް ރާއްޖޭގައި. އެކަމަކު އަޅުގަނޑު ބޭނުންވީ އޭއެފްސީ ކަޕް ވެސް ކުޅޭ ތަންކޮޅެއް ބޮޑު ކްލަބެއްގައި މަސައްކަތްކުރަން. އެއީ މި ބަދަލު އައި ގޮތަކީ."

ނިއު ރޭޑިއަންޓުން ކީއްވެ އީސަ ދޫކޮށްލީ؟ އަދި ވަކިން ހާއްސަކޮށް އެއަށް ފަހު އީސަ މި ފެންނަނީ މުޅިން އާ ހިތްވަރަކާއި އާ އަޒުމަކާ އެކު ކުރިއަށް ވުރެ ހުނަރުވެރި އަދި އުއްމީދުން ފުރިފައިވާ ކުޅުންތެރިއެއްގެ ގޮތުގައި. ނިއު އަށް ފަހު އީސަ އަށް މިއައި އަވަސް އަދި އާދަޔާހިލާފު ބަދަލު ކިޔައިދީބަލަ؟

"ނިއު ރޭޑިއަންޓުން އަޅުގަނޑު ދޫކޮށްލުން، އެއީ ފުޓްބޯޅަ ކެރިއަރަށް އެއިޓް އިޔާސް ވީއިރު އަދިވެސް ހަނދާން ނުނެތޭ އެއް ދުވަސް. ތެދަށް ބުނަންޏާމު އެ ވާހަކަ ދެއްކީމަ އަޅުގަނޑު ވަރަށް ދެރަ ވެސް ވޭ. މިހާތަނަށް ފުޓްބޯޅައިގައި ހަގީގަތް ހޯދަން ބޭނުންވާ ހަމައެކަނި ކަންތައް ވެސް މެ އެއީ."

"ކީއްވެގެންތޯ ނިއު ރޭޑިއަންޓުން އަޅުގަނޑު ދޫކޮށްލީ؟ އެއީ ވަރަށް ކުޅޭހިތުން ވަރަށް ބޮޑު އުއްމީދެއްގައި ދިޔައީ އެ ޓީމަށް. އެކަމަކު ތިން މަސްވީ. ފުރަތަމަ ކުޅުނު ތިން މެޗުގައި ތިން ގޯލު ވެސް ޖެހުނު. ނުލާހިކު ރަނގަޅަށް ފެށުނީވެސް. ދެން އިންޖަރީވެގެން ތިން މަސް ދުވަހު ނުކުޅެ ހުންނަން ޖެހުނު. އެހިސާބުން އޭރު ނިއުގެ ކޯޗް ބަދަލުވިތަނާ ދިމާކޮށް ހެނދުނު ގުޅާލާފައި ބުނީ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ."

"ދިޔައީމަ ބުނީ ބޯޑުން ނިންމާފަ ޔޯ އޮތީ ރިލީޒްކުރަން. އެއްވެސް ކަހަލަ ޕޮޒިޓިވް ޖަވާބެއް ނުލިބުނު. އަދިވެސް ބަލަން ބޭނުންވާ ކަމެއް އެއީ ކީއްވެގެންތޯ އެ ޓީމުން އަޅުގަނޑު ދޫކޮށްލީ."

ބުނެވިދާނެތަ އީސަ އެގޮތަށް "ޑަމްޕްކޮށްލުމަކީ" މިއަދު މި ފެންނަ އެނަޖައިޒްޑް އަދި ހުނަރުވެރި އީސަ އުފެދުނު ސަބަބޭ؟

"އެ ކްލަބުން އަޅުގަނޑު ދޫކޮށްލީމަ ހިތްވަރު ލިބުނީ ހީނުކުރާ ފަދަ ތަފާތު ގޮތަކަށް. ވަރަށް ބޮޑަށް ފުޓްބޯޅައާ މެދު ވިސްނަން ޖެހުނު. ހިތަށް އެރީ ބޭނުމޭ ޕްރޫވްކޮށްދޭން އަޅުގަނޑަށް ވެސް ފުޓްބޯޅަ ކުޅެވިދާނެކަން. ގަބޫލުކުރެވޭ ފެންވަރުގެ މީހަކަށް ވާން މަސައްކަތްކުރެވިދާނެކަން. މަސައްކަތްކުރެވޭނެކަން."

"އެހެން ދައްކަން ކުރެވުނު މަސައްކަތް އަސްލު. އެކަމަކު ނިއު ރޭޑިއަންޓުން ދޫކޮށްލި ހިސާބުން ވިސްނިން ފުޓްބޯޅަ ދެން ނުކުޅެން ވެސް. އެހެން ނަމަވެސް ހަގީގަތުގައި ދެން ބޭނުންވީ ކުޅެވިދާނެކަން ދައްކަން. ހާއްސަކޮށް ބަލަކަށް އަޅުގަނޑު ބޭނުންވީ ދައްކަން އަޅުގަނޑު ރާއްޖޭގައި ބޯޅަ ކުޅޭނެކަން. އެއީ އެންމެ ބޮޑު އަޒުމަކަށްވީ."

"ނިއު އިން ދޫކޮށްލުން އެއީ އަޅުގަނޑަށް ލިބުނު ހިތްވަރެއް. ނިއު ރޭޑިއަންޓަށް ހިތްބުރަ ކަމެއް ނެތް. އެކަމަކު އޭރު އޮތް މެނޭޖުމަންޓަށް އޯކޭއެއް ނޫން އަދިވެސް."

ނިއު އިން އީސަ ދޫކޮށްލުމުން އޭރު އެ ޓީމުގެ ކޯޗަކަށް ހުރި، ވެލިޒާ ޕޮޕޯވް ނިކަން ރުޅިގަދަވި ކަމަށް ވަނީ. އީސަ އެ ޓީމަށް ގެންދިޔައީ ވެސް ޕޮޕޯވަށް އީސަގެ ހުނަރު ފެނިގެން ކަމަށްވަނީ. އެހެންވީމަ އީސަ ދޫކޮށްލުން، އެއީ ނިއު އިން ހެދި ވަރަށް ބޮޑު ގޯހެއްތާ؟

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ނިއު އަށް ހެދުނު ގޯހަކަށް ވުރެ ބޮޑަށް އަޅުގަނޑު ގަބޫލުކުރާނީ މެނޭޖުމަންޓްގެ ކޮންމެ ވެސް ކަހަލަ މައްސަލައެއްގެ ގޮތުގައި. މެނޭޖުމަންޓަށް ހެދު ގޯހެއް އެއީ އަސްލު ތެދަށް ބުނަންޏާމު. އަޅުގަނޑު ވަރަށް ކުޅޭހިތުން ނިއު އަށް ބަދަލުވީ. ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ހުއްޓައި ބާތިލު ވެސް ކުރީ."

ވަރަށް ގިނަ ބަޔަކު މިހާރު އީސަ ފާހަގަކުރަނީ ރާއްޖޭގެ އެންމެ މޮޅު އަދި އެންމެ ހުނަރުވެރި އެޓޭކިން މިޑްފީލްޑަރުގެ ގޮތުގައި. އޮއްޕޮ އާއި ބޮންޑާ އަށް ފަހު އެ މަގާމުގެ ފުރިހަމަ ޒިންމާއަދާކުރާނެ ކުޅުންތެރިޔަކު ނުލިބިފައި ވަނިކޮށް އީސަގެ ހުނަރުން އެމަގާމު ފުރައިފި ކަމަށް އެންމެން ވެސް ބުނަނީ. އީސަ މި ވާހަކަ ގަބޫލުކުރަންތަ؟

"އޮއްޕޮ އާއި ބޮންޑާމެން ވަރެއް އަދި ނުވޭ. އެކަމަކު އެހެން ކިޔާތީވެ ގަބޫލުކުރަން ޕާސްތައް ރަނގަޅުކަމާއި ކްރިއޭޓިވްއޭ ކިޔާތީ އެ ވާހަކަ ގަބޫލުކުރެވޭ. އަދި ކޯޗުން އެ ވާހަކަ ދައްކަން އެކަން ފާހަގަކުރާތީ ވަރަށް ހިތްހަމަޖެހޭ. އަޅުގަނޑަށް ވެސް ގަބޫލުކުރެވޭ އެ ހުނަރު އަޅުގަނޑުގެ ކިބައިގައި ހުރި ކަމަށް."

"އެކަމަކު އޮއްޕޮ އާއި ބޮންޑާ ވަރެއް ނޫން. އިރާދަކުރެއްވިޔާ އެވަރު ވާނެ އަދި. އެއީ ޑްރީމްއަކީ ވެސް."

ކުރިން އީސަ އަކީ މިގޮތަށް އާންމުންގެ ތައުރީފު އޮހުނު ކުޅުންތެރިއެއް ނޫން. ބޮޑަށް މަލާމާތް ރައްދުވި ކުޅުންތެރިއެއް. ކޮބައިތަ އީސަގެ މި ޖާދޫއެއްގެ ސިއްރަކީ؟

"އަސްލު ސީރިއަސް ފުޓްބޯޅައަކަށް ވަގުތު ދެވުން. އެއީ. ފުޓްބޯޅައިގައި ކުރިއަށް ވުރެ ބޮޑަށް ސީރިއަސްވުން. ސީރިއަސްވީމަ އެ ތަފާތު މި އައީ. ގަޑި އަށް ޕްރެކްޓިހަށް ދިއުން ފަދަ ކަންތައް ރަނގަޅުކޮށްގެން. ކުރިން ޑިސިޕްލިން މައްސަލަ ވެސް ހުރޭ. ފުޓްބޯޅަ އަކީ ކުރިން ލައިފްގައި ހަތަރު ވަނަ ނުވަތަ ފަސް ވަނަ ކަންތަކަށް ވެފައި އޮންނަނީ."

"މިހާރު ދެން ތެދަށް ބުނަންޏާމު، ދީނީ ކަންތައް ނަގާފައި އެންމެ ބޮޑު ކަމަކަށް މި އޮންނަނީ ފުޓްބޯޅަކުޅުން. ކޮންމެއަކަސް ފުޓްބޯޅަ އަކީ މިހާރު ވަރަށް މުހިންމު އެއްޗެއް ލައިފްގައި. ވަރަށް ރަނގަށް މަސައްކަތްކުރަން ބޭނުންވޭ މިހާރު. އެކަމަކު އަދިވެސް ޕާފެކްޓެއް ނުވާނެ. ބައިވަރު އެއްޗެހި އަދިވެސް ދަސްކުރަން އެބަޖެހޭ."

ފުޓްބޯޅައިގެ ކެރިއަރުގައި އީސަ ރޮއްވާލި ޓީމަކީ ނިއު ރޭޑިއަންޓް ކަމަށް ވަނީ. އީސަ ވަރުގެ ހުނަރުވެރި ކުޅުންތެރިޔަކަށް އެ ޓީމު މިއަދު އެ ވަނީ ބޭނުންވެފައި. އެނބުރި އެ ޓީމަށް ގޮސްފާނަންތަ؟

"އެނބުރި ނިއު ރޭޑިއަންޓަށް ދާނަން. އެއްވެސް ކްލަބަކަށް، ރާއްޖޭގެ، އަޅުގަނޑު ނުބުނާނަން ނުދާނަމެކޭ. އެއީ ކޮންމެ ގޮތަކަށް ކަންތައްވިޔަސް އަންނަ އަހަރު ވާނެ ގޮތެއް އަޅުގަނޑަކަށް ވެސް ނޭނގޭނެ. ނިއު ރޭޑިއަންޓަށް ނުދާނަމެކޭ ދުވަހަކުވެސް ނުބުނާނަން. އެ ޓީމަކީ ގޯސް ކްލަބެއް ވެސް ނޫން. ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް. އެހެންވީމަ އެ ކްލަބަށް އަލުން ނުދާނަމެކޭ ދުވަހަކު ވެސް ނުބުނާނަން."

"މިދިޔަ ތިން އަހަރާ އަޅާބަލާއިރު އެމީހުން ޕްލެޔަރުންގެ ގޮތުގައި ވީކް. އެކަމަކު ޕްރޫވްކޮށް އެބަދޭ އެމީހުންނަށް ވާނެކަން. އޭއެފްސީ ކަޕްގައި ވެސް ރަނގަޅަށް އެބަކުޅޭ. ދެން އަޅުގަނޑު ގަބޫލެއް ނުކުރަން ކޮންމެހެން އެމީހުން އަޅުގަނޑު ބޭނުންވާނެއެކޭ. އަޅުގަނޑު ކަހަލަ ކުޅުންތެރިއެކޭ އެމީހުންނަށް ބޭނުންވަނީ."

ނިއު އިން އީސަ ދޫކޮށްލުމުން އެ ޓީމުގެ ބައެއް ސަޕޯޓަރުން އެކަމާ ވަރަށް އުފާކުރި. ބައެއް މީހުން ބުނެފައިވޭ އީސަ އަކީ ނިއުގެ ބެންޗުން ވެސް ފުރުސަތު ދޭ ފެންވަރުގެ ކުޅުންތެރިއެއް ނޫނޭ. ކީކޭ ބުނެލާނީ އެފަދަ ހިޔާލުތަކަށް؟

"ނިއުގެ ސަޕޯޓަރުން އެގޮތަށް ކޮމެންޓްކުރިޔަސް އަޅުގަނޑު ގަބޫލެއް ނުކުރަން ބެންޗުން ޗާންސް ނުދެވޭ ވަރުގެ ކުޅުންތެރިއެއް ކަމަކަށް އަޅުގަނޑަކީ. އަޅުގަނޑަކަށް ނުވެސް ފެނޭ ތިކަހަލަ ކޮމެންޓެއް ވެސް. ކޮމެންޓެއްކޮށްފަ ހުރި ކަމަކަށް ވެސް. އަޅުގަނޑު ގަބޫލެއް ނުކުރަން މި ތަނުގައި 22 މީހުން ތިބޭއިރު އަޅުގަނޑަކީ ބެންޗަށް ނާރާ ފެންވަރުގެ ކުޅުންތެރިއެއް ކަމަކަށް. ވަކިން ހާއްސަކޮށް 2009-2010 އިން ފެށިގެން ރާއްޖޭގެ ކްލަބެއްގެ ބެންޗަށް ނާރާނެ ކަމަކަށް ގަބޫލެއް ނުކުރަން."

"ދެން އަނެއްކޮޅުން ތަފާތު ހިޔާލު ހުންނާނީ ވެސް. އެއް ބަޔަކަށް ކަމުދާނެ، އަނެއް ބަޔަކަށް ކަމުނުދާނެ. އެއީ ދެން އަޅުގަނޑަކަށް އެއްވެސް މައްސަލައެއް ނޫން."

ގައުމީ ޓީމުގެ ފުރަތަމަ 11ގައި ގަވާއިދުން ހިމެނުމަކީ އީސަގެ ނިކަން ބޮޑު ހުވަފެނަކަށްވެފައި އޮތް ކަމެއް. މިއަދު މި ވަނީ އެކަން ގާތްގަނޑަކަށް ހަގީގަތަކަށްވެފައި. އެންމެން ވެސް މިއަދު ބޭނުންވޭ އެމީހުންގެ ޓީމުގައި އީސަ ހިމެނެން. ކޮން ކަހަލަ އިހްސާސްތަކެއްތަ ކުރެވެނީ ދަނޑުމަތީގައި އެންމެފަހުން މިހާ ޑިމާންޑްބޮޑު ނުވަތަ މުހިންމު ކުޅުންތެރިޔަކަށް ބަދަލުވީމަ؟

"ރާއްޖޭގައި ފުޓްބޯޅަ ކުޅޭ ކޮންމެ ކުޅުންތެރިޔަކު ވެސް ބޭނުންވާނެ ގައުމީ ޓީމަށް ކުޅެން. އެއީ އަސްލު ހަގީގަތަކީ. އަޅުގަނޑު ވެސް އެންމެ ކުރިން ވެސް ދެކެމުން އައި ހުވަފެނެއް. އެ ޗާންސް ވަރަށް ފަހުން ލިބެން ފެށީ. ވަރަށް އުނދަގޫ ޗާންސް ހޯދަން ވެސް. އެކަމަކު މިހާރު އެ ކޮންފިޑެންސްހުރޭ ޗާންސް ލިބޭނެ ކަމާއި ކުޅެވޭނެކަން. އަސްލު ބުނަންޏާމު ބުނެވޭނީ މިހާރު ވަރަށް ހިތްހަމަޖެހެއޭ ފުޓްބޯޅަ ކެރިއަރު ކުރިއަށް ދާ ގޮތާ މެދު. ހާއްސަކޮށް ގައުމީ ޓީމުން ފުރުސަތު ލިބޭތީ. ވަރަށް ވަރަށް ހިތްހަމަޖެހޭ."

ދުވަހަކު ވެސް ގަބޫލުކުރިންތަ ދިވެހި ފުޓްބޯޅައިގައި މި ފެންވަރުގެ ކުޅުންތެރިޔަކަށް ވެވިދާނެ ކަމަށް؟

"ގަބޫލުކުރެވޭ އަސްލު. ވަރަށް ގިނަ މީހުން ހާއްސަކޮށް ކޯޗުން، ޕްލެޔަރުން ވެސް ބުނޭ ސީރިއަސްވެއްޖެއްޔާ މޮޅުވާނެއޭ. ރަނގަޅަށް ކުޅެފިއްޔާމު، މިކަމާ އުޅެފިއްޔާމު ރަނގަޅު މީހަކަށް ވެވޭނެއޭ. ކޮންމެވެސް އެއްޗެއް ފެންނާނީތާ އެހެން ބުނާނީ ވެސް. އެހެންވީމަ އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން ރާއްޖޭގައި މީހުން ގަބޫލުކުރާ ފެންވަރުގެ ކުޅުންތެރިޔަކަށް ވެވިދާނެކަން. އަދި އެންމެ ޓޮޕަށް ނުދެވުނަސް."

ދަނޑުމަތީގައި އީސަ އަށް މެސީއޭ ކިޔާތީ ބައެއް މީހުން ވަރަށް މަލާމާތްކުރޭ. ވަކިން ހާއްސަކޮށް "މެސީ" ގެ ނަމުން އީސަ މަޝްހޫރުވި ދުވަސްކޮޅު ފުޓްބޯޅަ ފޭނުން ވަރަށް ޖޯކު ވެސް ޖަހާ. އެކަމަކު އީސަ އަށް ކުރިން އެގޮތަށް މަލާމާތްކުރި މީހުން މިއަދު އެތިބީ ހައިރާންވެފައި. މިއީ ކޮން ކަހަލަ ފިލާވަޅެއްހެން ހީވަނީ؟

"ތެދަށް ބުނަންޏާމު އަސްލު ބޭނުމެއް ނޫން އެއްވެސް އިރެއްގައި، ދަނޑުމަތީގަ ވެސް އަދި ދަނޑުން ބޭރުގައި ވެސް މެސީއޭ ކިޔާކަށް. އެއީ މާއްޓޭ ކިޔައިގެން އުޅުނު ނަމެއް."

"އަސްލު ގަބޫލުކުރަން ޖެހޭނެ ކޮންމެ މީހަކު ވެސް ކޮންމެ ފަދަ މީހަކަށް ވެސް ވެދާނެކަން. އަޅުގަނޑާ ދިމާލަށް މެސީއޭ ކިޔައިގެން ފާޑުކިޔާ ބަޔަކު އެ ފާޑުކިޔަނީ މުޅިން އެހެން ގޮތަކަށް ކަމަށް ގަބޫލުކުރަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕްލެޔަރެއްގެ ގޮތުގައި މިހާރު އަޅުގަނޑަށް ރަނގަޅަށް ޕާފޯމްކުރެވޭ. ދެން އެގޮތަށް މަލާމާތްކުރުން، މިސާލަކަށް މެސީއޭ ކިޔާތީ ކުރަންޏާ އޯކޭ. އެކަމަކު ޕްލެޔަރެއްގެ ގޮތުގައި ދައްކާ ޕާފޯމެންސަށް މިހާރު މަލާމާތްކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރަން. އަޅުގަނޑުގެ ޕާފޯމެންސަށް މަލާމާތްކުރެވިދާނެ ކަމަކަށް."

"އެއަށް ވުރެ އިރާދަކުރެއްވިޔާ ކުޅުން ވެސް ރަނގަޅު. ރަނގަޅުކުރަމުން މި ދަނީ ވެސް. ގަބޫލުކުރަން ޖެހެނީ ކުރިން އަދި ކިތަންމެ ސަކަރާތް މީހަކު ވެސް ރަނގަޅު މީހަކަށް ބަދަލުވެދާނެކަން."

ބައެއް މީހުންގެ ނަޒަރުގައި އީސަ އަށް މިއަދު މެސީއޭ ކިޔުމަކީ ޖޯކެއް ނޫން. ރާއްޖޭގެ މެސީއެކޭ ބުނެވޭ ފެންވަރަށް އީސަ ތަރައްގީވެއްޖެ ކަމަށް ފުޓްބޯޅައިގެ ދިވެހި އެކުސްޕާޓުން ބުނަނީ. އީސަ އަށް ހީވަނީ ކިހިނެތް؟

"މެސީއޭ ކިއިދާނެ. އެކަމަކު އަޅުގަނޑު ބޭނުމެއް ނޫން އެހެން ކިޔާކަށް. އެހާ މޮޅު މީހެއްގެ ނަމުން. އަޅުގަނޑަށް ރަނގަޅީ އަޅުގަނޑުގެ އަސްލު ނަމުން ގޮވާލީމަ. ހެޕީ ވެސް ވޭ. އަސްލު ބޭނުމެއް ނޫން އެއްވެސް މީޑިއާއަކުން ވެސް އެއްވެސް ނޫހަކުން ވެސް މެސީއޭ ކިޔާފަ އަޅުގަނޑާ މުހާތަބުކުރާކަށް."

"އަޅުގަނޑު އެއްވެސް އިރެއްގައި މަސައްކަތެއް ނުކުރަން މެސީއަށްވާކަށް. އަޅުގަނޑަކީ މެސީއޭ ކިޔައިގެނެއް ވެސް ނޫޅެން. އެކަމަކު ކުރިއަށް ވުރެ ރަނގަޅަށް ފުޓްބޯޅަ މިއަދު ކުޅެވޭކަން އަޅުގަނޑު ވެސް ގަބޫލުކުރަން. އެކަމަކު ކޮންމެހެން މެސީއޭ ނުކިޔަސް އެންމެ ރަނގަޅުވާނެ."

ވަރަށް ގިނަ ބަޔަކު ބުނި ހަވީރުން ހޮވާ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެންމެ ހައްގު އެކަކަކީ އީސައޭ. އެކަމަކު އެހެނެއްނޫންވީކީ. ގަދަ ފަހެއްގައި ވެސް އީސަ ލައްވައިނުލި. ކޮބައިތަ އީސަގެ ހިޔާލަކީ؟

"ހަވީރު ގަދަ ފަހެއްގައި ނުހިމެނުން އަޅުގަނޑަށް ވެސް ނޭނގޭ މާ ބޮޑަކަށް ކިހިނެތްވި ކަމެއް ކަމަކަށް. އެކަމަކު އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑަކީ ކަމަށް ހަވީރުގެ އެވޯޑް މި އަހަރު ލިބެން ޖެހޭ ކުޅުންތެރިޔާއަކީ. މި އަހަރު އަދި ހާއްސަކޮށް. އެއީ އެ ވަރަށް ޕާފޯމްނުކުރެވުނީ އެ ހިސާބަށް ދާން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަވީރު އެވޯޑް ލިބެނީ ކްލަބަށް ލިބޭ ކާމިޔާބުތަކަށް ބިނާވެގެން."

"އެކަމަކު ޓޮޕް ފައިވަށް އަޅުގަނޑު ވެސް އުއްމީދުކުރިން. ކަންދިމާކުރި ގޮތުން އެކަން އެހެނެއްނުވި. ދެން އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑަކީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަކަށް މިދިޔަ އަހަރު."

ބައެއް މީހުން ބުނަނީ ގަދަ ފަހެއްގައި އަލީ އަޝްފާގު (ދަނގަޑޭ) ހިމަނާފައި ވަނީ އީސަ އެ ރޭހުން ކަޓުވާލުމުގެ ބޭނުމުގައި ކަމަށް. އަނެއްކާ އީސަ އެ ވާހަކަ ގަބޫލުކުރަންތަ؟ އަދި މިފަހަރުގެ ގަދަ ފަހެކާ މެދު ހިތްހަމަޖެހޭތަ އީސަ އަނެއްކާ؟

"ދަނގަނޑޭ (ގަދަ ފަހެއްގައި ހިމެނިގެން) އަސްލު އެއްވެސް މީހަކަށް އެއްވެސް އެއްޗެ ނުބުނެވޭނެ. އެއީ އޭނާ އަށް ހައްގު ކަމެއް އޭގައި ހިމެނުން. އަޅުގަނޑު ވެސް ގަބޫލުކުރަން ބޭރުގައި ޕާފޯމްކޮށްފައި ހުރީމަ އެ މައްސަލަ އަތުވެދާނެކަން. އެކަމަކު އަޅުގަނޑު ގަބޫލެއް ނުކުރަން އެއްގޮތަކަށް ވެސް އަޅުގަނޑު ކަޓުވާލަންކޮށްފައިވާ ކަމެއް ކަމަކަށް."

"ގަދަ ފަހެކާ މެދު އަޅުގަނޑު ހިތްހަމަވެސް ޖެހޭ. ދަނގަޑޭ އޭގެ ތެރޭގައި ހިމެނިގެން އެއްވެސް މައްސަލައެއް ނެތް."

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އަސަދުﷲ އެގެންދިޔައީ ދެ ވަނަ އަހަރު. ވަރަށް ގިނަ ބަޔަކު ބުނޭ އަސަދުﷲ އަށް އެ އެވޯޑް ހައްގެއް ނޫނޭ. އީސަ ގަބޫލުކުރަނީ ކިހިނެތް؟

"އަޅުގަނޑު ހަމަ ސަތޭކަ ޕަސެންޓް ގަބޫލުކުރަން އެ ނިންމުން. އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އަސަދުﷲ އަށް ހައްގު. ވަރަށް މަސައްކަތްކުރާ ކުޅުންތެރިއެއް އަސަދުﷲ އަކީ. އަޅުގަނޑަށް ވެސް ފެނޭ އޭނާ މަސައްކަތްކުރާ ވަރު. ހަމަ ސަތޭކަ ޕަސެންޓް ޑިޒާވް އޭނަ އަށް އެވޯޑް."

އީސަ އަކީ 2014 ވަނަ އަހަރުގެ ތިން ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާ. މިހާރު އުމުރުން 26 އަހަރު. ހީވޭތަ ތަރި ނުއޮއްސެނީސް މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިދާނެހެން؟

"އަސަދުﷲ އާއި ސެންޓޭ. ސެންޓޭ އަކީ ވެސް ވަރަށް ގާތް، އެކުގައި މަސައްކަތްކުރާ ކުޅުންތެރިއެއް. އަދި ވަރަށް ފާހަގަކޮށްލަން ބޭނުންވޭ އިންމަ. ކުރިއަރަމުން އަންނަ މޮޅު ކުޅުންތެރިއެއް."

ދިވެހި ފުޓްބޯޅަ އަށް ކުރާ ބޮޑު ހޭދައަކީ ބޭކާރު ޚަރަދެއް ކަމަށް ވަރަށް ގިނަ ބަޔަކު ބުނޭ. ޚަރަދުކުރާވަރާ ބަލާފައި ދިވެހި ފުޓްބޯޅަ ކުރިނާރާ މައްސަލަ ވެސް ބޮޑު. އީސަ އަށް ހީވަނީ ކިހިނެތް؟

"ކުރިނާރައެކޭ ވެސް ނުބުނެވޭނެ. ރާއްޖެ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ސާފް ޗެމްޕިއަންޝިޕް. އޭގެ ކުރިން ވެސް އަދި ފަހުން ތައްޓެއް ނުލިބޭ. ދެން އަޅުގަނޑު ވެސް ގަބޫލުކުރަން ގަބޫލުކުރަން ދަތިވާހާ ވަރަށް ވެސް ޓީމުގެ ފެންވަރު ދަށްވެގެންދާކަމަށް. އަދި ރަނގަޅަށް މަސައްކަތްކޮށްފައި ހީނުކުރާ ފަދަ ނަތީޖާ ވެސް ނެރެފައި އެބަހުރި. ތައްޓެއް ނުލިބުން ނުވަތަ ފައިނަލެއްގައި ކުޅެނުލެވޭތީހެން އަޅުގަނޑަށް ހީވަނީ މައްސަލައަކަށް ވެގެން އުޅެނީ."

ދިވެހި ފުޓްބޯޅައާ ފީފާއާ ވެސް މި ވަނީ މައްސަލަޖެހިފައި. ބައިނަލްއަގުވާމީ ފުޓްބޯޅަ އިން ރާއްޖެ ސަސްޕެންޑްކުރާ ވާހަކަ އިވެނީ. އެކަން ވެގެންދާނީ ދިވެހި ފުޓްބޯޅައަށް ލިބޭ ކިހާ ބޮޑު ގެއްލުމަކަށް؟

"ސަސްޕެންޑްކޮށްފިއްޔާ ވަރަށް ދެރަ. އަޅުގަނޑަކަށް ނުވެސް ނިދޭނެ ތެދަށް ބުނަންޏާމު. ދިރިއުޅުން މި އޮންނަނީ މިއަށް ބިނާވެފައި. ފުޓްބޯޅައިން ލިބޭ އާމްދަނީން ކުރިއަށް ދަނީ. ފުޓްބޯޅައިން ލިބޭ އެއްޗަކުން ދިރިއުޅެނީ. ފީފާ އިން ރާއްޖެ ސަސްޕެންޑްކޮށްފި ނަމަ އެކަން ވެގެންދާނީ މިތާ ގޭދޮށު ކުދިންނާ އެކު ފުޓްބޯޅަ ކުޅެލުން ފަދަ ކަމަކަށް. ވަރަށް ދެރަވާނެ އެހެން ވެއްޖެ ނަމަ."

ދެން ހިނގާ މުޅިން އެހެން ދިމާލަކަށް ޖެހިލަމާ. -- މީހުން ބުނޭ، ވަކިން ހާއްސަކޮށް އަންހެން ކުދިން ބުނާ ގޮތުން ނަމަ ދިވެހި ފުޓްބޯޅައިގެ ދަނޑުން މިއަދު ފެންނަން ހުރި އެންމެ ރީތި ފިރިހެނަކީ އީސަ. އެ ވާހަކަ އަޑުއިވުނީމަ ކޮން ކަހަލަ އިހްސާސެއްތަ ކުރެވެނީ؟ އަނެއްކާ އީސަ ވެސް ގަބޫލުކުރާ ގޮތްތަ އެއީ؟

"ގަބޫލެއް ނުކުރަން. ދަނޑުމަތިން ފެންނަ އެންމެ ރީތި މީހާއޭ، އެހެނެއް ގަބޫލެއް ނުކުރަން އެއްވެސް އިރެއްގައެއް. ގަބޫލެއް ނުކުރަންވިއްޔާ އެހާ ރީތި ކަމަކަށް ވެސް. ދެން އަންހެން ކުދިންނެއް ނުވެސް ވަދޭ ދޯ ދަނޑަކަށް މިހާރަކު. އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑަކީ ފުޓްބޯޅަކުޅޭ އެންމެ ރީތި މީހާ ކަމަކަށް. ބައިވަރު ރީތި މީހުން އުޅޭނެތާ އަދި."

"ދެން އުފާވޭ ބައެއް މީހުން ނަމަވެސް އެހެން ކިޔާތީ. އަނެއްހެން މާ ބޮޑު ކަމެއް ނީނދޭ."

ވަރަށް ގިނަ އަންހެން ކުދިންގެ މެދުގައި ފުޓްބޯޅަކުޅުންތެރިންނަކީ ނިކަން މަގްބޫލު ބައެއް. އަންހެން ކުދިން ދެން މާ ހިތްކިޔާ ބަޔަކަށް ފުޓްބޯޅަ ކުޅުންތެރިން މިވަނީ. ކޮބައިތަ ފުޓްބޯޅަ ކުޅުންތެރިންނާ އަންހެން ކުދިންނާ ދެމެދު އޮތް ހިތާއިހިތުގެ ގުޅުމަކީ؟

"ވެދާނެ އެގޮތަށް ސަޕޯޓްކުރަނީ ފުޓްބޯޅަ އަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ކަމަށް. ވަރަށް ގިނަ މީހުން ބަލާތާ ފުޓްބޯޅަ. އަންހެން ކުދިން ވެސް. އަދި ވަކިން ހާއްސަކޮށް ގައުމީ ޓީމު ކުޅޭ ނަމަ ވަރަށް ބައިވަރު މީހުން ވަދޭތާ. އެ އިންނަ ލޯތްބެއްގެ ސަބަބުން ނުވަތަ ކުޅޭގޮތް ރަނގަޅުވެގެންހެން ހީވަނީ."

ފުޓްބޯޅަ ކުޅުންތެރިއަކަށްވީމަ އީސަ އަށް ހީވޭތަ އަންހެން ކުދިންގެ މެދުގައި އީސަގެ މަގްބޫލުކަން ވަކިން ބޮޑުހެން؟ ނުވަތަ މަޝްހޫރުވީމަ އީސައާ ހެދި އުޅޭ އަންހެން ކުދިން ގިނަހެން ހީވޭތަ؟

"އެގޮތަކަށް ހީއެއް ނުވޭ. މަޝްހޫރުވީމަ ނުވަތަ ގިނަ ބަޔަކު ދަންނަ މީހަކަށްވީމަ އަންހެން ކުދިން ގިނައިން ވެއޭ، އެގޮތަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެގޮތަށް ގުޅައިގެން ވެސް އެކަހަލަ ކަންތަކެއް ނުކުރޭވިއްޔާ. އެހެންވީމަ."

އީސަ ވެސް ނިކަން އަންހެން ކުދިންނާ ހެދި އުޅޭ ކަމަށް ވަނީ. މިހާތަނަށް ކިތައް ބިޓުން ނަގައިފިން. އަނެއްކާ މިހާރު ސިންގަލްތަ؟

"މިހާރު ސިންގަލް. ގާތްގަނޑަކަށް ހަތަރު މަސް ވަރުވެއްޖެ މިހެން އުޅޭތާ. ވަރަށް ލޯބިވާ މީހެއް އެންމެ ފަހުން ރައްޓެހިވި ކުއްޖާއަކީ. އަދި އިރާދަކުރެއްވިއްޔާ ލައިފަށް އަންނާނެ. އެއީ އުއްމީދުކުރާ ގޮތަކީ. ވަރަށް ލޯބިވާ މީހެއް އެއީ. އެހެން ބުނެލަން ބޭނުންވަނީ."

ބްރޭކަޕެއްގެ އަސަރު ފުޓްބޯޅަ ކެރިއަރަށް ކުރޭތަ އަދި ބިޓެއް ހުރުމުން އޭގެ ފައިދާ ކުރޭތަ؟

"ގެޓްއޯވާވުމުގެ މައްސަލައެއް ނުޖެހޭނެ އަޅުގަނޑުގެ. އަޅުގަނޑުގެ ލައިފްގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން އަޅުގަނޑު. ގަޑިއަށް އޮފީހަށް ދިއުމާއި ބަރާބަރަށް ޕްރެކްޓިހަށް ދިއުން މި ހުރިހާ ކަމެއް ވެސް ނޯމަލްވާނެ."

"ބިޓެއް ހުރުމުން އޭގެ އަސަރުކުރާނެ. އަންހެން ކުއްޖާގެ ސަޕޯޓަކީ ވަރަށް މުހިންމު އެއްޗެއް. ކޮންމެއަކަސް އަޅުގަނޑަށް ވަރަށް ސަޕޯޓް ލިބުނު މިހާތަނަށް. ކެރިއަރުގައި ކުރިއަށް ދާން ބަލާއިރު ވަރަށް މުހިންމު މީހެއް އަޅުގަނޑު ރައްޓެހިވެގެން އުޅުނު ކުއްޖާއަކީ."

އެއްވެސް އަންހެން ކުއްޖަކަށް ބުނެވިދާނެތަ އީސައޭ، އެހެރަ ފުޓްބޯޅަ ކުޅޭ އީސައޭ ތިމަންނަގެ ހިތް ހަލާކުކޮށްލީ؟ ތިމަންނަ އަށް ލޯބީގައި ކެހި ދިނީ. އެހެން ބުނެވޭވަރުގެ ކަމެއް އީސަކޮށްފައި އޮވެދާނެތަ؟

"އެހެން ބުނެވިދާނެ. އަންހެން ކުއްޖަކަށް ބުނެވިދާނެ ހަމަ ތިމަންނަ އަށް ލަނޑު ދިނީ އަޅުގަނޑޭ. ނުވަތަ ބޭވަފާތެރިވީއޭ. އެކަމަކު ދެން ބައިވަރު ކަންތައްތައް ހުންނާނެ. އެހެންވިޔަސް އެގޮތަށް ބުނެވިދާނެ. (އަންހެން ކުއްޖާ) ކުށްވެރިކުރާކަށް ބޭނުމެއް ނޫން އަޅުގަނޑު. އަޅުގަނޑަށް ވެސް ހަމަ ބުނެވިދާނެތާ ހަމަ އެގޮތަށް. ކޮންމެއަކަސް ވަރަށް އުނދަގޫ ވާހަކައެއް ތިއީ މިގޮތަށް ދައްކަން."

ހަދިޔާއެއްގެ ގޮތުގައި އީސަ އަށް އަންހެން ކުއްޖަކު ދިން ބޫޓެއްގެ ވާހަކަ ވަރަށް މަޝްހޫރުވި. އެ ކުއްޖާގެ ނަން ވެސް ލިޔެފައި އޮތް އެ ބޫޓް ލައިގެން އީސަ އެތައް ދުވަހެއް ވަންދެން ކުޅުނު ކަމަށް ވެސްވޭ. ކޮބާ މިހާރު އެ ބޫޓް؟

"އެ ބޫޓެއް ނެތް މިހާރަކު. އަދި އެންމެ ހާއްސަ ހަދިޔާއަކަށް ވެސް ނުވާނެ މިހާރަކު. މިހާރު އެއަށް ވުރެ މާ ބޮޑެތި ހަދިޔާތައް ލިބިއްޖެ. ތެދަށް ބުނަނީ ނަމަ މާ އަގުބޮޑު، މާ އިމްޕޯޓެންޓް އެއްޗެހި ލައިފްގައި ލިބިއްޖެ."

"ދެން އެ ބޫޓް ސޭވްކޮށްގެން އުޅޭ ވަރެއް ނޫން. އެއް އިރެއްގައި ވެސް ހާއްސަ ބޫޓެއް ނޫން އެއީ."

މީހުން ބުނޭ އީސައަކީ، އީސަ އަށް ވުރެ ބޮޑެތި އަންހެނުންނަށް ހިތްކިޔާ ފިރިހެނެކޭ. އުމުުރުން ދޮށީ އަންހެނުން އީސަ އަށް މާ ކަމުދަނީތަ އަނެއްކާ؟

"ލައިކެއް ނުވޭ. އެއްވެސް ވަރަކަށް ލައިކެއް ނުވޭ. އޭޖު އެއްވަރުވިޔަސް އޯކޭ. ރައްޓެހިވާން ބަލާއިރު އަޅުގަނޑަށް ރަނގަޅީ އޭޖު އެއްވަރިއްޔާ. އޭރުން އަންޑަސްޓޭންޑިންއާ އެއްޗެހި ހުންނާނެތީ. އެކަމަކު މާ ބޮޑަށް ކުޑަވީމަ ކަމަކުނުދޭ. އަންހެން ކުއްޖާ ކުޑަވެގެން ގޮސް އުމުރުގައި ތިން އަހަރުގެ ތަފާތެއް ހުއްޓަސް މާ ކުޑައީ. އުމުރު އެއްވަރުވީމަ އެންމެ ކަމުދަނީ."

"އަޅުގަނޑަށް ވުރެ )އުމުރުން( ބޮޑެތި (އަންހެނުންނަކަށް) ވަކި އިންޓްރެސްޓެއް ނުހުރޭ."

  • ފޮޓޯގްރާފަރު: މިލްޒީރޯ ނިޝާން
  • ސްޓައިލިސްޓް: ނޫރާ
  • ވޯޑްރޯބް: ކޮޓަން ކްލަބް
  • އެސިސްޓަންޓް: ޝިއުސް
  • ޕްރޮޑަކްޝަން މެނޭޖަރު: އަހުމަދު ނާއިފް