ޖޭއެސްސީ

ހާތިފްގެ ވިސްނުން: ޖޭއެސްސީގެ އޮނިގަނޑަށް ބަދަލު ގެނައުމަކީ ހައްލެއް ނޫން

ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ހާތިފް ހިލްމީ -- ފޮޓޯ ހައިކޯޓު
100%
0%
0%

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާ ގޮތް ބަދަލުކޮށްގެން ބޭނުންވާ ހައްލުތައް ލިބިގެންދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވެއްޖެ އެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުކާމައި، ސިވިލް ކޯޓުގެ ފަނޑިޔާރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ހާތިފް ފަނޑިޔާރުކަމުގެ މަގާމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންނެވިތާ ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ.

ޖޭއެސްސީއަށް ބަދަލު އަންނަންވީ ގޮތުގެ ހިޔާލެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން ހާތިފް ވިދާލުވީ ބަދަލު އަންނަންވީ ޖޭއެސްސީއަށް އައްޔަންކުރާ އަދި އިންތިހާބު ކުރާ މެންބަރުންގެ ވިސްނުމަށް ކަމަށެވެ. އަމިއްލަ މަސްލަހަތަށް ވުރެ، މިނިވަން ޝަރުއީ ދާއިރާއެއް އޮތުމުގެ މުޙިއްމުކަން އިސްވާ ދުވަހަކުން އެ ބަދަލު އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބަންދުކުރެވެން އޮތީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށްގެން ކަމަށް ދެކެވޭ ވާހަކައާއި ގުޅޭ ގޮތުން ހާތިފް ވިދާޅުވީ އެގޮތަށް ބަޔަކަށް ވިސްނެނީ ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމުން، އެ މީހުން މެދުވެރިކޮށް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާތީ ކަމަށެވެ.

މީހަކު މުސްތަގިއްލުވެ، އިންސާފުވެރި ވާނީ އެ މީހަކު އައްޔަނުކުރާ ހައިސއްޔަތުން ނުވަތަ އިޖުރާއާތުގެ ސަބަބުންތޯ ނުވަތަ އެ މީހާގެ ކިބައިގައި ހުންނަ ރަނގަޅު ސިފައެއްގެ ސަބަބުންތޯވެސް ހާތިފް ސުވާލު އުފެއްދެވިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެވެސް އަދި ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެވެސް ވައުދެކެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އެންމެ މުހިއްމު ކަމަކީ ޖޭއެސްސީ އިސްލާހުކުރުން ކަމަށާއި އެކަން ނުކޮށް ރައްޔިތުންނަށް އިންސާފު ލިބެން ނެތް ކަމަށް މިހާރުގެ އެޓާނީ ޖެނެރަލް އަހްމަދު އުޝާމްވެސް ކުރިން ވިދާޅުވެފައިވެ އެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވުމަށް ބަންޑާރަނައިބަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ވަނީ މިފަހުން ގޮވާލައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910