ލައިފްސްޓައިލް

ހަގީގީ ލޯބި ވެވޭނީ ކިތައް ފަހަރު؟

"އައިމް ސޯ އިން ލަވް ވިތް ޔޫ. ކާންޓް ލިވް ވިތައުޓް ޔޫ. މައި ބެޓާ ހާފް، މައި ސަން ޝައިން، މައި ހެޕިނެސް، މައި ވޯލްޑް، މައި ބޭބީ، މައި ޑާލްސް ޑޯންޓް ލީވް މީ އޯކޭ" ފޭސްބުކް ހުޅުވި އިރަށް ފުރަތަމަ ފެނުނު ސްޓޭޓަސް އެވެ.

"ފޭސްބުކް ރައްޓެއްސަކު" އޭނާގެ ލޯބިވެރިޔާއަށް ޓެގްކޮށްފައި ދެމީހުން އެކީގައި ނަގާފައި އިން ފޮޓޯ އަކާއެކު ޖަހާފައި އިން ސްޓޭޓަސް އެކެވެ. މިއީ އަހަރެން ހަމަ ދަންނަ ރައްޓެއްސެކެވެ. އެކަމަކު ދެމީހުން ދިމާ ނުވާތާ އަހަރު ތަކަކަށް ވުމުން އެއީވެސް ފޭސްބުކް ރައްޓެއްސަކަށް ވަނީ ވެފަ އެވެ. އަހަރެން ހަމަ އަޖިބުވެ އަންތަރީސްވެއްޖެ އެވެ. މީގެ ތިން ދުވަސް ކުރިންވެސް ހަމަ އެކަހަލަ ސްޓޭޓަސް އެއް އެހެން މީހަކަށް ޓެގްކޮށްފައި ޖަހާފައި އިނެވެ.

ހަމަ އޭގެ ހަތަރު މަހެއްހާ ދުވަސް ކުރިންވެސް އެކަހަލަ ސްޓޭޓަސް އެއް އެހެން މީހަކަށް ޓެގްކޮށްފައި ޖަހާފައި އިނެވެ. އިންތިހާއަށް ލޯބިވާ ވާހަކަ އެވެ. ވަކިން ނޫޅެވޭނެ ވާހަކަ އެވެ. ހަމަ ހުވަ އެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގި ތަލިން ކުޅު ހިކޭ ވަރުވެފަ އެވެ. އެންމެ ފަހުން މި އެކުވެރިޔާގެ ފޭސްބުކް ބަލައިލާން ބޭނުންވެއްޖެ އެވެ. ފަހަރަކު ފޮޓޯ އަކަށް ބަލަމުން ދިޔަ އީމެވެ. އަހަރެންގެ ލޯ ބޮޑަށް އަމާޒުވެފައި ހުރީ ފޮޓޯ ކެޕްޝަން ތަކަށެވެ. ހުރިހާ ފޮޓޯ އަކަށް ބަލައި ކެޕްޝަން ތައް ކިޔާ ނިންމާލި އިރު އަހަރެންގެ ސިކުނޑި ސުމަކަށް ހިނގައްޖެ އެވެ. ތިން އަހަރު ތެރޭ ނުވަ ވަރަކަށް މީހުންނާއެކު ފޮޓޯ ލާފައި މި ޒާތުގެ ކެޕްޝަންތައް ޖަހާފައި ހުއްޓެވެ. މިވާހަކަ ލިޔެލާން ހިތަށް އެރީވެސް އެހެންވެ އެވެ.

އަހަރެންގެ ހިތުގައި އުފެދުނީ ހަމަ އެންމެ ސުވާލެކެވެ. މީހުން މިކިޔާ ޒާތުގެ އިޝްގީ ލޯތްބެއް މިވެވެނީ ކިތައް ފަހަރު ހެއްޔެވެ؟ ގިނަ މީހުން އިއްތިފާގު ވަނީ ހަގީގީ ލޯތްބެއް ވެވޭނީ އެއް ފަހަރު އެންމެ މީހެއް ދެކެ ކަމަށެވެ. ދެ މީހުން ދެކެވެސް ލޯބިވެދާނެ ޔޯލަ އެވެ. ނަމަވެސް ކޮންމެސް އެއް ލޯތްބެއް އަބަދުވެސް ހިތުގައި ހަރުލާ ހުންނާނެ ކަމަށްވެ އެވެ. އެކަމަކު ނުވަ މީހުން ދެކެ ލޯބިވެދާނެ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ލިބޭތޯ އެތައް ބައެއްގެ ކައިރީގައި އެހިއްޖެ އެވެ. އެތައް ދިރާސާއެއް ކޮށްފީމެވެ. އަހަރެން ހޯދަން އުޅޭ ޖަވާބު ލިބުނު ކަމަކަށް ނުވި އެވެ. މިކަމާ ހިސާބަކަށް އަހަރެން ގާތަށް ރުޅިވެސް އަންނަ ގޮތްވި އެވެ.

ދެން ވިސްނުނު އެހެން ކަމެއް އެބޯތެވެ. ޕޮސިބިލިޓީ އެކެވެ. އެއީ ލޯބި ހެއްޔެވެ؟ ނޫނީ އެމީހެއްގެ ގައިގައި ހުންނަ ބައެއް ސިފަ ތަކެއްގެ ސަބަބުން ލައިކް ވަނީ ހެއްޔެވެ؟ އެކަމަކު ލައިކް ވުމާ ލޯބި ވުމުގައި ހާސް ފަރަގު ހުންނާނެ އެވެ. ތަޖުރިބާ ކާރުން ބުނަނީ މިހެން ނެވެ.

ސައިންސްވެރިން ބުނަނީ ލޯތްބަކީ ފޮނި އެއްޗަކަށް ވާ ފަދައިން ގެއްލިއްޖެ ނަމަ ހަބަރަށްވުރެވެސް ހިތި އެއްޗެއް ކަމަށެވެ. ލޯބީގެ ވާހަކަތަކުންވެސް އަދި ފިލްމު ތަކުންވެސް ފެންނަނީ މި މަންޒަރެވެ. ކޮންމެވެސް ސަބަބަކާއި ހެދި ލޯބވެރިޔާ ވަކިވެގެން ހިތް ހަލާކުވާ މަންޒަރެވެ. ލޯތްބައްޓަކައި ފުރާނަ ދުއްވާލާ މަންޒަރެވެ. ނަމަވެސް ހަގީގީ ދިރިއުޅުމުން ފެންނަ މަންޒަރުތައް މިހާ ތަފާތީ ކީއްވެ ކަމެއް ނޭނގެ އެވެ. ލޯބި ނުލިބިގެން ދަން ޖެހިގެން މަރުވާ މަންޒަރު ފެނެ އެވެ. އެކަމަކު އެތައް ބަޔަކު ދެކެ އިންތިހާ އަށް ލޯބިވާ މީހުންވެސް ފެނެ އެވެ. މި އީކުއޭޝަން ބެލެންސް ކުރާނެ ގޮތެއް ނުވިސްނުނެވެ.

ހުރިހާ މީހުންދެކެ ހަގީގީ ލޯބިވަނީ ހެއްޔެވެ؟ ނޫނީ އެއީ މިކިޔާ "ޕްލާސްޓިކް ނޫނީ އާޓިފިޝަލް" ލޯބި ހެއްޔެވެ؟ ނޫނީ ވަގުތީ އުފަލަކަށްޓަކައި ދައްކާލާ ދަޅައެއް ހެއްޔެވެ؟ މިއަދުގެ މުޖުތަމައުން ވަރަށް އާއްމުކޮށް ފެންނަމުންދާ މަންޒަރެކެވެ. ހެދުން ބަދަލުކުރާހެން ލޯބިވެރިން ބަދަލުކުރާ މަންޒަރެވެ. ހުރިހާ ލޯބިވެރިން ދެކެވެސް އިންތިހާއަށް ލޯބިވުމެވެ.