ނިމިދިޔަ ހަފުތާއަކީ ފުޓްބޯޅަ އާއިލާ އަށް ހިތާމަވެރި ހަފުތާއެކެވެ. ނެދަލޭންޑްސް އާއި އަޔެލްސް އަދި ބާސެލޯނާގެ ލެޖެންޑް އަދި ފުޓްބޯޅަ އަށް ޒަމާނީ ބަދަލު ގެނެސްދިން ޔޯހަން ކްރައިފް މަރުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާގެ ހަނދާންތައް ފުޓްބޯޅަ އާއިލާއިން އާކުރަމުންދާއިރު ކްރައިފްގެ އާއިލާއިން ބުނީ ގުނާއަދަދު ނުކުރެވޭ ވަރަށް ހިތާމައިގެ މެސެޖްތަކުން މިދިޔަ ދެ ދުވަހު އެއާއިލާ އަށް ލިބިފައިވާ ކަމަށެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ތިން ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔާ ކްރައިފް އަކީ ޕާސިން ގޭމް ތައާރަފްކޮށް، ޓޯޓަލް ފުޓްބޯޅަ ތައާރްފަކުރި ކޯޗެވެ. ކުޅުންތެރިއެއްގެ ގޮތުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށްފަހު އޭނާއަކީ ކޯޗެއްގެ ގޮތުގައި ވެސް ވިދާލި މީހެކެވެ.
ކްރައިފް އެންމެ ހާއްސައެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ދަރިފުޅު ޖޯޑީ ކްރައިފް އަށް ބާސެލޯނާގައި ކޯޗުކޮށްދިނުމެވެ.
އެއަށްވުރެ ކުރިން ކްރައިފް ފާހަގަކޮށްލަން ޖެހެނީ ގަވާއިދުތައް ހިފެހެއްޓި ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ނެދަލޭންޑްސްގެ ޓީމު 1974 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނުކުތީ އެޑިޑާސްގެ ޖާޒީގަ އެވެ. އެޑިޑާސްގެ ލޯގޯގައިވާ ތިން ފަށް ނެދަލޭންޑްގެ ޖާޒީ އައި ސޯޓްގައި އަދި އިސްޓާކީނުގައި ވެސް ދަމާހައި ހުއްޓެވެ. އެއިރު ޓީމުގެ ކެޕްޓަނަކީ ކްރައިފް އެވެ.
ނަމަވެސް އޭނާ މިޖާޒީ ލުމަށް ދެކޮޅުހެދި އެވެ. އެއީ އެޑިޑާސްއާ ވާދަވެރި ޕޫމާއިން ކްރައިފްއާއެކު މާކުރިން ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުމަކަށް އިހްތުރާމްކުރުމުގެ ގޮތުންނެވެ. ކްރައިފް އެއިރު ކުޅެމުންދިޔައީ ޕޫމާކިންގް ބޫޓުގަ އެވެ. ޕޫމާއިން އޭނާގެ ބޫޓު ސްޕޮންސާކޮށްފައިވާތީވެ އެޑިޑާސްގެ ޖާޒީލާން އޭއެއްބަސްވީ ޖާޒީގައިވާ ތިން ފަށް ދެ ފަށަށް ބަދަލުކުރުމަށް އެޑިޑާސްއިން އެއްބަސްވުމުންނެވެ.
ނެދަލޭންޑްސްގެ ޓީމުގެ އެއިރުގެ ފޮޓޯތައް ރަނގަޅަށް ބަލައިފިނަމަ މިކަން ސާފުވާނެ އެވެ. އެހެން ކުޅުންތެރިންގެ ޖާޒީގައި ތިން ފަށް ހުރި ނަމަވެސް ކްރައިފް ލައިގެންހުރީ އޭނާ އަމިއްލަ ޑިޒައިނެކޭ ވެސް ބުނެވިދާނެ އެވެ.