ހަބަރު

ފަސް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރަން ސާވޭ ފަށައިފި

Jan 29, 2015

އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ( އޮފިޑް) ލޯންގެ ގެ އެހީގައި ފަސް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމ ކުރަން ސާވޭ ކުރަން ފަށައިފި އެވެ.

އޮފިޑް ލޯން އެހީގައި ފެނާ ނަރުދަމާގެ ހިދުމަތް ގާއިމް ކުރަނީ ނ. ވެލިދޫ،  އާއި ބ. ތުޅާދޫ އާއި ރ. ހުޅުދުއްފާރާއި ގއ. ކޮލަމާފުއްޓާއި ގދ. ގައްދޫގަ އެވެ.

އެ ފަސް ރަށުގައި ފެނާއި ނަރުދަމާއަށް ބޭނުންވާ ޑިޒައިން އެންޑް ސްޕަވިޝަން ކޮންސަލްޓަންޓްސީގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަލްހަބްޝީ ކޮންސަލްޓެންޓާ އެވެ.

ކޮންސަލްޓެންޓުން ވަނީ ތުޅާދޫގެ ސާވޭގެ މަސައްކަތް ނިންމާފަ އެވެ. އަދި މި ހަފްތާގައި ކޮލަމާފުއްޓާއި ގައްދޫގެ ސާވޭކޮށް އަންނަ ހަފުތާގައި ވެލިދޫގެ އާއި ހުޅުދުއްފާރުގެ ސާވޭ ވެސް ފަށާނެ އެވެ.

މި ފަސް ރަށުގެ ފެނުގެ ނިޒާމް ޑިޒައިންގެ މަސައްކަތްތައް ޖުލައި 2015 ގައި ނިމި، އަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ޖުލައި 2015 މަހުގެ ފަހުކޮޅު އިއުލާން ކުރާނެ އެވެ. އަދި އޮކްޓޯބަރު 2015 ގައި  މިރަށްތަކުގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ބަޔަކަށް ދޭނެ އެވެ.