ސިހުރު ހެދުން

ވައިކަރަދޫ މަހާނައެއްގެ މަތިން ސިހުރެއް ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެ

ސިހުރު ހަދައި ވަޅުލަން ތައްޔާރުކޮށްފައިވާ ކަމަށް ބެލެވޭ އެއްޗެހިތަކެއް ހދ. ވައިކަރަދޫ ގަބުރުސްތާނު ތެރެއިން ފެނިއްޖެ އެވެ. އެ ތަކެތި ފެނިފައިވަނީ މިއަދު ހެނދުނު ގަބުރުސްތާނުގެ މަހާނައެއް މަތިންނެވެ. ފެނުނު އެތި ވަނީ ވަރަށް ބޮޑަށް ވެސް ބަންދުކޮށްފަ އެވެ.

ވައިކަރަދޫ ކައުންސިލްގެ މެންބަރު އަހުމަދު ނަސީމް މިއަދު އަވަސްއަށް ވިދާޅުވީ، މަހާނައެއްގެ މަތިން ފެނިފައިވާ އެއްޗަކީ ސިހުރު ހަދާފައިވާ ވަޅުލާފައި އޮތް އެއްޗެއް ކަމަށް ބެލެވޭ ކަމަށާއި މިހާރު އެ އެތި ނަގައި ރައްކާކޮށްފައިވާ ކަމަށެވެ.

ނަސީމް ވިދާޅުވީ، އެ ރައްކާކުރީ އެ އެއްޗެހި ރަނގަޅަށް ބަލައި ތަހުގީގު ކުރަން ކަމަށެވެ.

"މީގެކުރިން ވެސް ހަމަ މިފަދަ އެއްޗެހިތަކެއް ރަށުން ފެނުނު، އެފަހަރު އެ ފެނުން މީހުން އެ އެއްޗެހިތަައް ވެސް އެއީ ކޯންޗެއްކަން ރަނގަޅަށް ނުބަލައި އަންދާލީ، މިފަހަރު ބޭނުންވޭ މި ދިރާސާކުރަން،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ، ވައިކަރަދޫއަކީ ސިހުރު ކަންތައް ވަރަށް ބޮޑު ރަށެއް ކަމަށާއި ރަށުގައި މީހުން އާބާދު ނުވެ ހުސްވަނީ ވެސް ސިހުރުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

"ރަށުން އެންމެން ފައިބައިގެން ދަނީ، ހަދާފައިވާ ސިހުރުގެ ސަބަބުން ކަމަށްވޭ،" ނަސީމް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފުލުހުން އެއްޗެއް ނުުބުނެ އެވެ.