ހަބަރު

ކުޑަކުދިންނަށް އަނިޔާ ކުރުމުން ދައުލަތުން އަމަލުކުރާ ގޮތާ މެދު ސުވާލު އުފެދޭ: އެޗްއާރުސީއެމް

Jan 29, 2015

ކުޑަކުދިންނަށް އަނިޔާކުރާ މައްސަލަތަކުގައި ދައުލަތުން އަމަލުކުރަމުންދާ ގޮތާ މެދު ސުވާލު އުފެދޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

ވ. ރަކީދޫގައި އިއްޔެ އަނިޔާވެރި ގޮތަކަށް މަރާލި އެންމެ ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރާ ގުޅިގެން އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ އިބްތިހާލަށް އަނިޔާ ލިބެމުންދާ ކަން އެނގި ތިބެ ރައްކާތެރި މާހައުލަކަށް އެ ކުއްޖާ ނުގެންދިއުމަކީ އެ ކޮމިޝަނުން ކުށްވެރިކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ދައުލަތުން އަމަލުކުރަމުންދާ އުސޫލުތަކާ މެދު ވެސް އެ ކޮމިޝަނުން ވަނީ ސުވާލު އުފައްދައިފަ އެވެ.

"ގެވެށި އަނިޔާގެ މައްސަލަތަކުގައި ގާނޫނީގޮތުން ލިބިދެވޭ ރައްކާތެރިކަން ހޯދައި ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމާއި އެއީ ދައުލަތުގެ އިހްތިޔާރަށް ދޫކުރެވިފައިވާ ކަމެއް ނޫން ކަން ވެސް މި ފުރުސަތުގައި ފާހަގަ ކުރަމެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ އެފަދަ ހިތާމަވެރި ހާދިސާއެއް ދިމާވާ ކޮންމެ ފަހަރަކު މުއައްސަސާތަކުގެ ދައުރު ހަރުދަނާ ކުރުމަށް އެންމެން ވެސް ވިސްނާ ކަމަށާއި ނަމަވެސް އެފަދަ ކަންކަމަކަށް އެދެވޭ ހައްލެއް ނުގެނެވޭނެ ކަމަށެވެ. އަދި އަނިޔާ ލިބޭ ކުދިން ދެނެގަނެވޭނެ ނިޒާމެއް އަވަހަށް ގާއިމް ކުރަންޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ދައުލަތުގެ ވަސީލަތްތައް ނެތް ކަމަށް ބުނެ މިއަދަކު މިފަދަ ކަންކަން ނުކޮށް ތިބުމުގެ ހުއްޖަތެއް އޮތް ކަމަކަށް މި ކޮމިޝަނަކުން ގަބޫލެއް ނުކުރަމެވެ، ސަބަބަކީ މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން ގައުމުން ގެއްލިގެންދާ ރައުސުލްމާލުގެ އަގު ބޮޑުވުމުވެ." އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން މިވަގުތަކީ ސިޔާސީ ނުވެ މަރުވި ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށާއި އެފަދަ ކަމެއް ދެން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރަންޖެހޭ ވަގުތު ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެކަމުގައި މެދުނުކެނޑި ދައުލަތުން ވެސް މަސައްކަތް ކުރުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ. އަދި މީޑިއާތަކުގެ އޭގެ ހަބަރު އާންމު ކުރުމުގައި އެ ކުއްޖާގެ ކަރާމަތަށް ގެއްލުން ވާ ފަދަ ގޮތަށް އަމަލު ނުކުރުމަށް އެދިފައިވެ އެވެ.