މޯލްޑިވިއަން އައިޑޮލް

އެންމެ ހިތް ހެޔޮ ސޯދިގަށް ހިތްދަތި ވަކިވުމެއް

  • ސޯދިގު ކަޓައިގެން ދިޔުމުން ބައިވެރިންގެ އަދަދު ހައެކަށް މަދުވީ
  • މިރޭގެ ޝޯ ހާއްސަކުރީ ޓެޑްރީގެ ލަވަތަކަށް
  • ސޯދިގު މިރޭ ހުށަހެޅި ލަވައަށް ޖަޖުން ތައުރީފުކުރި

މޯލްޑިވިއަން އައިޑޮލްގެ ތިންވަނަ ރައުންޑް ކަމަށްވާ ގާލާ ރައުންޑުގެ ހަވަނަ ޝޯއިން ލަވަކިޔުންތެރިޔާ ގއ. ކޮލަމާފުށީ، ކެނެރީގޭ އަބްދުﷲ ސޯދިގު ކަޓައިފި އެވެ. ސޯދިގު ކަޓާފައިވަނީ ބެލުންތެރިންގެ ވޯޓާއި ޖަޖުންގެ މާކްސް އެއްކޮށްލުމުން އެންމެ ދަށް ނަތީޖާއެއް ލިބިގެންނެވެ.

އިއްޔެ ރޭ ސޯދިގު ހުށަހަޅައިދިނީ، "ސަހަރޯއެ މާފުދޭށޭ" އެވެ. ސޯދިގު މި ލަވައަށް ޖަޖުންގެ ފަރާތުން ސޯދިގަށް ނެގަޓިވް އަދި ޕޮޒިޓިވް ކޮމެންޓްތައް ލިބިފައިވެ އެވެ. މިރޭ ސޯދިގު ލަވަ ހުށަހަޅައިދީފައިވަނީ ފާލިހުއާއެކު އެވެ.

"މިހާ ހިސާބަށް އާދެވުނީތީ ވަރަށް އުފާކުރަން،" ސޯދިގު މިރޭ ބުނީ މިހެންނެވެ.

ސޯދިގު ވަނީ ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ. އެގޮތުން ބެލުންތެރިންނަށާއި އާއިލާއަށާއި ޖަޖުންނާއި ބައިވެރިން އަދި ޕީއެސްއެމްގެ މުޅި ޓީމަށް ސޯދިގު ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

ސޯދިގު ބުނީ އޭނާ ޝޯއާ ވަކިވިނަމަވެސް، ލަވަ ކިޔުމުގެ ދާއިރާއިން ނުގެއްލޭނެ ކަމަށެވެ.

މޯލްޑިވިއަން އައިޑޮލްގައި "ނޯ އެލިމިނޭޝަން" ވަނީ އިއުލާންކޮށްފަ އެވެ. މި ބާރަކީ ޖަޖުންނަށް ލިބިދޭ ހާއްސަ ބާރެކެވެ. އެއް ފަހަރު ބޭނުންކުރެވޭ މި ބާރުގެ އެހީގައި ޖަޖުންނަށް ބައިވެރިޔަކު ޝޯއިން ވަކިވުން ހުއްޓުވޭނެ އެވެ. މި ބާރަކީ ކޮންމެ ވަގުތެއްގައި ވެސް ޖަޖުންނަށް ބޭނުން ކުރެވޭނެ ބާރެކެވެ.

އަންނަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ ގާލާ ރައުންޑްގެ ހަތްވަނަ ޝޯ ދައްކާނެއިރު ބެލުންތެރިންނަށް ވޯޓު ދިނުމުގެ ފުރުސަތު ޝޯ ފެށުމާއެކު ހުޅުވިގެންދާނެ އެވެ. ހޮނިހިރު ދުވަހު ހަވީރު ހަތަރެއް ޖަހަންދެން ވޯޓް ދިނުމުގެ ފުރުސަތު ލިބޭނެ އެވެ. އަންނަ ހަފުތާ އޮންނަނީ ގަދަ ހަތެއްގެ ކުރިމަތިލުމެވެ.