މޯލްޑިވިއަން އައިޑޮލް

ހަމަ އެކަނި ލަވައެއް ނޫން، އަމާން ފިލްމީ ދާއިރާއިންވެސް ފެނިދާނެ!

އެދިޔައީ އެއްކަލަ ރޭ އައިސްފަ އެވެ. ހިތާމައިގެ ކަޅު ސާލެއް މުޅި ރާއްޖެ ވަށާލާފަ އެވެ. މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑުގެ އެލިމިނޭޝަން ޝޯ އެވެ. ރޭގެ ޝޯ އިން ވަކިވެގެން ދިޔައީ ޝޯގެ އެންޓަޓެއިނާ އެވެ. އިބްރާހިމް އަމާން އެވެ. ބެލުންތެރިންގެ ވޯޓާއި ޖަޖުންގެ މާކްސް އެއްކޮށްލުމުން އެންމެ ދަށް ނަތީޖާއެއް ލިބިގެންނެވެ. ނޫނެކެވެ. އަމާން ވަކިވީ މޯލްޑިވިއަން އައިޑޮލް މި މުބާރާތާއެވެ. އަމާންގެ ސަޕޯޓަރުންނަކާ އެއް ނޫނެވެ. އަމާންގެ ލަވަތައް އަދި ހަމަ ކުރިއަށް އޮތީ އެވެ.

ފުރަތަމަ އޮޑިޝަނަށް ދިޔައިރު އޮޑިޝަނުންވެސް ހޮވޭނެ ކަމަށް އުއްމީދު ނުކުރިއަސް އަމާން މިވަނީ މުބާރާތުގެ ގަދަ އަށަކާއި ހަމައަށް އައިސްފަ އެވެ. މިހާ ހިސާބަށް އާދެވުމުންވެސް އަމަން ބުނީ މިއީ އޭނާގެ ހުރިހާ ހުވަފެނެއް ހަގީގަތަކަށް ވެއްޖެ ކަމުހެ އިހުސާސެއް ކުރެވިއްޖެ ކަމަށެވެ. ގަދަ 10 އަކާއި ހަމައަށް އައި ހިސާބުން އަމާން ހުރީ ކަޓަން ތައްޔާރު ވެގެން ކަހަލަ އެވެ. މުބާރާތާއި އަމާން ވަކިވިކަން އިއުލާނު ކުރި އިރުވެސް އަވިއްސެއް ކަހަލަ އަމަންގެ ހަލަބޮލި ކަމަކަށް ބަދަލެއް ނާދެ އެވެ. އަދި ހާއްސަކޮށް ރޭވެސް ބޮޓަމް ތިނަކަށް ދިއުމުން އަމާން އަށް ވަނީ ކަޓާނެކަން ޔަގީންވެފަ އެވެ.

"ހޮޓް ސީޓަށް ޖައްސަ ޖައްސައިގެން ތިން ބުރު އެރީމަ އެނގޭ ކަޓަނީކަން އެ، އަންނަނީކަން ވެސް އެނގޭ. މިރޭ ހޮޓް ސީޓަށް އަންނާނެ ކަމަށްވެސް ހީކުރިން ރޭގެ ޕާފޯމެންސް އަސްލު ހިތް ހަމައެއް ނުޖެހޭ. ވަރަށް ބިރުން ހުރެ ކީވެސް. ކޮމްޕެޓިޝަން އެއްގެ މިހާ ހިސާބަށް އައިސް ނަގަން ނުޖެހޭ ރިސްކެއް ނެގުނީ." މުބާރާތުން ވަކި ވުމަށްފަހު އަވަސް އަށް ދިން އިންޓަވިއު އެއްގައި ހެވިފައި އިނދެ އަމާން ބުންޏެވެ.

ކުރީ ރޭގެ ލަވައަކީ އަމާން ނެގި ރިސްކެކެވެ. ނެރެވުނީ އަމާން ނެރެން އުޅުނު އެއްޗެއް ނޫން ކަމަށް އަމާން ރޭ ބުންޏެވެ. ކުރީ ރޭގެ ޝޯގައި ދެއްކުނު ޕާފޯމެންސް އަށް ބަލާފައި އަމާން ހުރީ ރޭގައި ވަކީވާން ތައްޔާރުވެގެންނެވެ.

އަމާން ކެޓުމަކީ މި މުބާރާތުގެ ބައެއް ބެލުންތެރިންނަށް އުފާވެރިކަން ގެނުވި ކަމަކަށްވެސް ވަނީ ވެފަ އެވެ. އަމާން މުބާރާތުން ކަޓަން ވެއްޖެ ކަމަށް އެތައް ބަޔަކު އައީ ބުނަމުންނެވެ. އަމާން އަށް ލަވަ ނުކިޔޭ ކަމަށާއި އަމާން ވަކިނުކޮށް ބަހައްޓާފައި ހުރީ ޝޯ އެންޓަޓެއިން ކުރަން ކަމަށް ބުނެ އެތައް ބަޔަކު ފާޑު ކި އެވެ.

މޯލްޑިވިއަން އައިޑޮލް އަކީ "ބާތު ރޫމް ސިންގާ" އަކުން ޕަބްލިކް ސިންގާ އަކަށް އަމާން ބަދަލުކޮށްލި މުބާރާތެކެވެ. އަމާންއަކީ ކާކުކަން އަދި އޭނާގެ ހުނަރު މީހުންނަށް އެނގިގެން ދިޔައީ މި ޝޯ އިންނެވެ. މީގެކުރިން ރާއްޖެ ބޭއްވި ވޮއިސް އޮފް މޯލްޑިވްސް، ރަން އަޑު ފަދަ ލަވަ މުބާރާތްތަކުގައި އަމާން ބައިވެރި ނުވީ އޭރު އަމަން އަކީ ލަވަ ކިޔޭ މީހެއް ކަން އޭނާއަށް ނޭނގޭތީ އެވެ. އެ ހުނަރު އެއްވެސް މީހަކަށް އޭރު ފާހަގަވެފައެއް ނެތެވެ. ނަމަވެސް އަމާން އަށް ލަވަ ކިޔޭކަން އަންގައިދީ މި މުބާރާތުގައި ބައިވެރިވާން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ޑިޓިއުން ބޭންޑެވެ.

"މީތި ފެށިއިރު އައި ވޯޒް ގޮއިންޓު ސްޓާޓް ވޯކަލް ޓްރެއިނިން ވިތް ޑިޓިއުން ބޭންޑް، އެކަމަކު މުބާރާތަށް އިއުލާނު ކުރީމަ އަމާން ބޭނުންވީ އަމިއްލަ ގައިގައި ހުރި އެއްޗަކުން މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވެގެން ކިހާ ހިސާބަކަށް ދޭތޯ. އެކްސްޕެކްޓެއް ނުކުރަން އޭރު ހުރި ސްޓޭޖުން އެއްގޮތަކަށްވެސް އޮޑިޝަނުންވެސް ފާސް ވާނެ ކަމަކަށް." ވަރަށް ސީރިއަސް މޫޑެއްގައި އަމާން ކިޔައިދިނެވެ.

ލަވަ ކިޔުމުގެ ދާއިރާއަށް އަމާން ނެރުމުގައި ޑީޓިއުން ބޭންޑުގެ ހިއްސާ ބޮޑެވެ. އެބޭންޑުގެ ކޮންމެ މެމްބަރަކަށްވެސް ހާއްސަ ޝުކުރެއް އަމާން އަދާކުރި އެވެ. އެކަމަކު އެންމެ ހާއްސަ ޝުކުރެއް ތޭރަ ސޯ އަށެވެ. އަމާންގެ ފީލް ނެރެން އެންމެ ބޮޑު އެހީއެއް ވެދިން ކަމަށް އަމަން ބުނީ ތޭރަ ސޯ އެވެ. އަމާންގެ ވާހަކައިގައި 13 ސޯ އަށް އެތައް ތައުރީފަކާއި ޝުކުރެއް ވަނީ އަދާކޮށްފަ އެވެ.

"ކުރިން ނޭނގޭ އަމާން އަކީ ކާކު ކަމެއް. މަގުމަތީ ހިނގާފައި ދިޔަޔަސް މީހަކު ބަލާވެސް ނުލާނެ. އެކަމު މިއަދު ވަރަށް އުފާވޭ ޕީއެސްއެމުން ދިން ޗާންސެއްގެ ސަބަބުން މިހާރު މީހުން ލުކްއަޕް ކުރާނެ މީހަކަށް ވާނެ. އައި އޯލްވޭސް ވޯންޓެޑް ޓު އިންސްޕަޔާ އަދާސް. އެއީ އަމަންގެ މޮޓޯ އެއް. ބީ އިންސްޕަޔާޑް އެން އިންސްޕަޔާ އަދާސް"

އަމާންގެ ގައިގައި ހުރީ ހަމައެކަނި ލަވަ ކިޔުމުގެ ހުނަރެއް ނޫނެވެ. އެކްޓު ކުރުމުގެ ހުނަރަކީވެސް ގުދުރަތުން އޭނާ އަށް ލިބިދީފައިވާ ހަދިޔާ އެކެވެ. އެހެން ވީމާ އަމާން އަށް ފިލްމު ކުޅެވިދާނެ ކަމަށް އަމާން ބުނެ އެވެ. އަދި އެދާއިރާއިން އަމާން ފެނުމުގެ ޗާންސް އެބައޮތް ކަމަށާއި ފަހުން ވާނެ ގޮތެއް ނޭނގޭ ކަމަށް އަމާން ބުންޏެވެ. އަމާންގެ އިންޓަރެސްޓް އެކަމަށްވެސް އެބަހުއްޓެވެ. އެހެން ވީމާ ލަވަ ކިޔުމުގެ ދާއިރާ އާ އެކު ފިލްމީ ދާއިރާއިންވެސް އަމާން ފެނިދާނެ އެވެ.