- އިނގިރޭސިވިލާތުގެ މާކެޓު 13 ޕަސެންޓް އިތުރުވި
- ޗައިނާ މާކެޓު 9.8 ޕަސެންޓް ދަށަށް
- ޔޫރަޕުން އައި ޓޫރިސްޓުން އަދަދު އިތުރުވި
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ފަސް ޕަސެންޓް އިތުރުވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި މިދިޔަ މަހުގެ ޓޫރިސްޓް އެރައިވަލް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީން ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖެއަށް 229،035 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 217،541 ޓޫރިސްޓުންނާ އަޅާ ބަލާއިރު 5.3 ޕަސެންޓް އިތުރު އަދަދެކެވެ.
މި ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 5.3 ޕަސެންޓް އިތުރުވި ނަމަވެސް ފެބްރުއަރީ މަހަށް އެކަނި ބަލާނަމަ މިއަދަދު އުޅެނީ ދަށުގަ އެވެ. މި އަހަރުގެ ފެބްރުއަރީ މަހު 120،639 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު، މިދިޔަ އަހަރު ޒިޔާރަތް ކޮށްފައިވަނީ 120،468 މީހުންނެވެ. މިއީ 0.1 ޕަސެންޓުގެ ކުރިއެރުމެކެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި ޓޫރިސްޓުން އައި އަދަދު އިތުރުވިނަމަވެސް ޗައިނާ މާކެޓުުން އައި ޓޫރިސްޓުންގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. މި އަހަރުގެ މިހާތަނަށް 57،571 މީހުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކުރީ 63،881 މީހުންނެވެ. މިއީ ގާތްގަނޑަކަށް 9.8 ޕަސެންޓުގެ ދަށްވުމެކެވެ.
ޓޫރިސްޓުން އައި ބައެއް ގައުމުތައް- ފެބްރުއަރީ މަސް
- ރަޝިޔާ މާކެޓުން 13 ޕަސެންޓް އިތުރު
- އިނގިރޭސިވިލާތް 21.1 ޕަސެންޓް އިތުރު
- އިޓަލީން 12.5 ޕަސެންޓް އިތުރު
- ޖާމަން 4.1 ޕަސެންޓް އިތުރު
މި ހިސާބުތައް ދައްކާ ގޮތުން ރަޝިޔާއިން މިދިޔަ މަހު ރާއްޖެއަށް 3،274 މީހުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި 2،882 މީހުންނާ އަޅާ ބަލާއިރު 13.6 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ މަހު އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 10،603 މީހުންނެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި 8.752 މީހުންނާ އަޅާ ބަލާއިރު 21.1 ޕަސެންޓް އިތުރު އަދަކެވެ. ޖަރުމަނުވިލާތުން މިދިޔަ މަހު ރާއްޖެއަށް 9،247 މީހުން ޒިޔާރަތް ކުރި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 8،879 މީހުންނާ އަޅާބަލާއިރު 4.1 ޕަސެންޓް އިތުރު އަދަދެކެވެ.