ރާއްޖެ ކުޅިވަރު

ރާއްޖެ - ބޫޓާން މެޗުގެ ޓިކެޓް ވިއްކަން ފަށައިފި

Mar 27, 2016
3

ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާނޫން އަނެއް ދުވަހު ރާއްޖެ އާއި ބޫޓާން ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

މި މެޗަކީ 2018 ވަނަ އަހަރު ރަޝިޔާގައި ބާއްވާ މުބާރާތުގެ ކޮލިފައިންގައި މި ދެ ގައުމު ވެސް ކުޅޭނެ ފަހު މެޗެވެ. މިހާތަނަށް ކޮލިފައިންގައި ނުވަ މެޗު ކުޅެގެން ރާއްޖެ އޮތީ އެންމެ ތިން ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނާގަ އެވެ. ގަތަރާއި ޗައިނާ އަދި ހޮންކޮން ހިމެނޭ މި ގްރޫޕުގެ ފުލުގައި އޮތީ ބޫޓާނެވެ. އެ ގައުމަށް އެއްވެސް ޕޮއިންޓެއް ލިބިފައިނުވާއިރު ރާއްޖެ އަށް ތިން ޕޮއިންޓް ލިބުނީ ބޫޓާން އަތުން މޮޅުވެގެންނެވެ.

މި މެޗަށް ރާއްޖެ އާއި ބޫޓާން ވެސް މިއަދު މާލެ އަންނާނެ އެވެ. މެޗު ބަލަން ސިޑިބަރިން ޓިކެޓް ލިބޭނީ 50ރ. އަށެވެ. ގޮނޑިބަރީގެ ޓިކެޓް އުޅެނީ 100ރ. އާއި 150ރ. އަށެވެ.

މިދިޔަ ބުދަ ދުވަހު ޗައިނާގައި އެ ގައުމު އަތުން 4-0އިން ބަލިވި މެޗުގައި ރާއްޖޭގެ ޓީމުން ފެނިފައިނުވާ ކުޅުންތެރިންގެ ތެރެއިން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބުދުﷲ އާއި ގައުމީ ކެޕްޓަން މެލޭޝިޔާގެ ޕީޑީއާރުއެމްގެ އަލީ އަޝްފާގް (ދަގަނޑޭ) މި މެޗުގައި ފެނުން އެކަށީގެންވެ އެވެ.