ބޮލީވުޑް

"ރައީސް"ގައި ޝާހްރުކް އާއި ސަނީ ލިއޯނީގެ ލަވައެއް

Mar 27, 2016

ސުޕަސްޓާ ޝާހްރުކް ޚާން މިހާރު ކުޅެމުން އަންނަ ފިލްމު "ރައީސް"ގައި ހިމެނޭ އައިޓަމް ލަވައެއްގެ ޝޫޓިން ބަތަލާ ސަނީ ލިއޯނީ އާއެކު ފަށައިފި އެވެ.

ޝާހްރުކް، ސަނީ އާއެކު ފެނިގެންދާނީ 1980ގެ އަހަރުތަކުގައި އެންމެ މަޝްހޫރުވި ފިލްމު ގުރްބާނީގެ "ލައިލާ އޮ ލައިލާ"ގެ ރީބޫޓް ވާޝަން އެކެވެ.. މިލަވަ ޝޫޓް ކުރުމަށް މެހެބޫބް ސްޓޫޑިއޯގައި ވަނީ ހާއްސަ ސެޓެއް ތައްޔާރުކުރެވިފަ އެވެ.

މިފިލްމުގެ ޓީމުގައި ހިމެނޭ ފަރާތަކުން ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ވަނީ މިލަވަ އަކީ މިފިލްމުގައި ހިމެނޭ އައިޓަމް ލަވައެއް ކަމަށާއި މިލަވަ އަކީ އެއްވެސް ގޮތަކަށް ފިލްމު ނިންމާލުމުގެ ގޮތުން ބޭނުންކުރާނެ ލަވައެއް ނޫންކަމަށް ވެސް ބުނެފައިވެ އެވެ.

ހަތަރު ދުވަހުގެ ތެރޭގައި ޝޫޓްކުރުމަށް ހަމަޖެހިފައިވާ މިލަވަ އަކީ ފިނި ބުއިންތަކުގެ ނަމުގައި ބަނގުރާ ވިއްކާ ތަނަކާއި އެތަނުގައި ނަށާ އަންހެނެއްގެ ވާހަކަ އެވެ. މިލަވަގައި ޝާހްރުކް އާއި ސަނީގެ އިތުރުން ފަންސާސް ޖޫނިއާ އާޓިސްޓުންނާއި ވިހި ނެށުންތެރިން ހިމެނެ އެވެ.

"ރައީސް"ގައި ޝާހްރުކް އާއެކު ބަތަލާގެ ރޯލުން ފެނިގެންދަނީ ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު މާހިރާ ޚާން އެވެ. މިފިލްމުގެ މުހިންމު ރޯލަކުން ނަވާޒުއްދީން ސިއްދީގީ ވެސް ފެނިގެންދާނެ އެވެ.

ސަނީ ފިލްމުތަކުގައި މާ ގައިގޯޅި މަންޒަރުތައް ކުޅޭ ކަމަށް ބުނެ، މީގެކުރިން ބޮލީވުޑްގެ މަޝްހޫރު ތަރިން ވަނީ އޭނާއާ އެކު ފިލްމު ކުޅެން ދެކޮޅު ހަދާފަ އެވެ. ނަމަވެސް މިފަހުން ސަނީ ޓޯލްކް ޝޯއެއްގައި ދެއްކި ވާހަކަތަކަށް ފަހު ބޮލީވުޑްގެ މަޝްހޫރު ތަރިން ވަނީ އޭނާ އަށް ތައުރީފުކޮށްފަ އެވެ، އެގޮތުން އާމިރް ޚާން ވެސް ވަނީ ސަނީ އާއެކު ފިލްމު ކުޅެން ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ.

ޝާހްރުކްގެ އަންހެނުން ގޯރީ ޚާން އާއި ރިތޭޝް ސިދްވާނީ އަދި ފަރްހާން އަހްތަރު ޕްރޮޑިއުސްކުރާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ކުޑަ އީދުގަ އެވެ.