ސުޕްރީމް ކޯޓުން ހިއުމަން ރައިޓްސް ކޮމިޝަނާ ދެކޮޅަށް އުފުލި ސުމޯޓޯ މައްސަލާގައި އިއްވި ހުކުމާއި ގުޅިގެން އެކޮމިޝަންގެ ގާނޫނީ ބައެއް ޒިންމާތައް އަދާކުރުމުގައި ދަތި ކުރިމަތިވާ ކަމަށް ކުރިން ބުނި ނަމަވެސް، ހުކުމާއި ގުޅިގެން ޒިންމާ އަދާ ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ސުމޯޓޯ މައްސަލައެއްގައި ސުޕްރީމް ކޯޓުން ހިއުމަންރައިޓްސް ކޮމިޝަނަށް އިއްވި ހުކުމާއި އެކު އެ ކޮމިޝަނަށް ކޯޓުން ހުށަހެޅި ގައިޑްލައިނެއް އަލުން ދިރާސާކުރުމަށްފަހު އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެންބަރު ޝިފާގު މުފީދު ވިދާޅުވީ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ ސަބަބުން ކޮމިޝަނަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމެއް އެ ކޮމިޝަނުގެ މައްޗަށް އިއްވި ނަމަވެސް އެ ހުކުމާއި ގުޅިގެން އެ ކޮމިޝަނުގެ މޭންޑޭޓުގެ ތެރޭގައިވާ އެއްވެސް ޒިންމާއެއް އަދާކުރުމުގައި ހުރަހެއް ކުރިމަތިނުވާ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި، ސުޕްރީމްކޯޓުގެ ހުކުމަކީ އެ ކޮމިޝަންގެ ހަޔާތުގައި ވެސް ޒިންމާތައް އަދާކުރުމުގައި ދިމާވި އެންމެ ބޮޑު ހުރަސް ކަމަށް ބުނެފައިވީ ނަމަވެސް، އޭރު އެގޮތަށް ގަބޫލުކުރެވިފައި އޮތީ ގައިޑްލައިން ތަރުޖަމާ ކުރުމުގައި އަރާފައި އޮތް އޮޅުމެއްގެ ސަބަބުން ކަމަށް ޝިފާގު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިދިޔަ ހަފުތާ ގެ ބުދަ ދުވަހު އުއްތަމަ ފަނޑިޔާރާއެކު ގައިޑް ލައިނާއި ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށާއި އެ ކުރި މަޝްވަރާތަކުން ހުރިހާ އޮޅުމެއް ސާފުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ރައްޔިތުންނަށް އަންގަން ބޭނުން އަޅުގަނޑުމެންނަށް އެއްވެސް ހުރަހެއް ނެތްކަން. ރައީސުލް ޖުމްހޫރިއްޔާ ނުވަތަ ދިވެހި ސަރުކާރުގެ މުއައްސަސާއަކުންވެސް އަދި ރާއްޖޭގެ އެއްވެސް ކޯޓަކުން ވެސް އަޅުގަނޑުމެންގެ ޒިންމާތައް އަދާކުރުމުގައި މިހާތަނަށް އެއްވެސް ހުރަހެއް އަޅާފައި ނުވާކަން އަޅުގަނޑު ފާހަގަކުރަން. ހިއުމަންރައިޓްސް ކޮމިޝަން މިހާރުވެސް މަސައްކަތްކުރަމުން މި ގެންދަނީ ކޮމިޝަންގެ ގާނޫނާއި ގާނޫނުއަސާސީން ކޮމިޝަނަށް ލިބިފައިވާ ފުރިހަމަ މިނިވަންކަމާއެކު،" ޝިފާގު ވިދާޅުވި އެވެ.
އެކޮމިޝަނުން މިހާރުވެސް މަސައްކަތްކުރަނީ ގާނޫނުން ލިބިދީފައިވ ފުރިހަމަ މިނިވަންކަމާ އެކުގައި ކަމަށެވެ. ސޫމޯޓޯ މައްސަލަޔާއި ގުޅިގެން ކޯޓުން ކޮށްފައިވާ ހުކުމާއި މެދު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި، އެހެންނަމަވެސް އެ ހުކުމާއި އެކު އައި ގައިޑްލައިން ގައި އެގާރަ ނުކުތާއެއް ހިމަނާފައިވާއިރު އެ އެގާރަ ނުކުތާގައިވެސް ބުނެފައިވަނީ އެކޮމިޝަނުން މިހާރުވެސް އަމަލުކުރަމުންދާ ގާނޫނުތަކާއި އެއްގޮތަށް އަމަލުކުރުމަށް ކަމަށެވެ. އެހެންކަމުން އެ ގައިޑްލައިނަކީ އެކޮމިޝަންގެ މަސްއޫލިއްޔަތު ކޮމިޝަނަށް ހަނދުމަކޮށްދޭ ގައިޑްލައިނެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ގައިޑްލައިނުގެ ނުކުތާތައް ބަޔާންކުރުމަށްފަހު ބުނެފައި ވާގޮތުން، ހިއުމަންރައިޓްސް ކޮމިޝަންގެ މޭންޑޭޓަކަށް ވާންޖެހޭނީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސީން ބަޔާންކޮށްފައިވާ ކަންކަން ކަމަށް ވާތީ، މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކަކީ އެ ކޮމިޝަނުން ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން ކުރުމުގައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކަމަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގުވެވުނު ހިނދު އިންސާނީ ހައްގުތައް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި އެ ހުކުމުގައި ބަޔާންކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް އަމުރު ކުރާ ކަމަށް،" އެ އިބާރާތް އެގޮތަށް އައުމުން ކޮމިޝަންގެ މޭންޑޭޓް އަދާކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ދޭހަވާ ކަމަށް ޝިފާގު ވިދާޅުވި އެވެ.
ޝިފާގު ވިދާޅުވީ ގައިޑްލައިނުގައިވާ ކަންތައްތަކާ ގުޅިގެން އުއްތަމަ ފަނޑިޔާރާއި މަޝްވަރާކުރަންޖެހުނީ، އެބޭފުޅުން ކޮމިޝަނާއި ގުޅުނު އިރު، އެ ގައިޑްލައިނާއި ގުޅިގެން ވަކި ގޮތަކަށް ކޮމިޝަންގެ މަސްއޫލިއްޔަތުތައް ސެޓު ކޮށްގެން މިހާތަނަށް މަސައްކަތް ކުރަންޖެހުމުން، އަލުން އެ ގައިޑްލައިން ދިރާސާކުރި އިރު، އެ ގައިޑްލައިން އާ ގުޅިގެން ކޮމިޝަނަށް ގާނޫނުތަކުން ލިބިދީފައިވާ އެއްވެސް މިނިވަންކަމަކަށް ހުރަހެއް ހުރިކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. އަދި އެ ކޮމިޝަނުން އެ ގައިޑްލައިނާ ގުޅިގެން ވަކި ގޮތަކަށް ވަކި ކަންތައްތަކެއް ބަދަލުކޮށްގެން މަސައްކަތްތައް ކުރިއަށްގެންދަންޖެހޭ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.