ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދެކަނބަލުން އިންޑިއާއަށް ފުރާވަޑައިގެންފި އެވެ. ރައީސް މައުމޫން އިންޑިއާއަށް ވަޑައިގަންނަވަނީ ނުރަސްމީ ދަތުރުފުޅެއްގަ އެވެ.
އެހެންވެ ރައީސް މައުމޫންގެ އިންޑިއާ ދަތުރުފުޅުގެ ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ.
މިއަދު ރައީސް މައުމޫންގެ ދެކަނބަލުން އިންޑިއާއަށް ފުރާވަޑައިގެންފައިވާއިރު، ރައީސް ޔާމީންގެ ދެކަނބަލުން ވެސް މިއަދު ވަނީ މެލޭޝިއާއަށް ވަޑައިގެންފަ އެވެ. ރައީސް ޔާމީން މެލޭޝިއާއަށް ކުރައްވަނީ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވެ އެވެ.
ރައީސްގެ ދެކަނބަލުން މިއަދު މެލޭޝިއާ ވަޑައިގެންނެވިއިރު މިދިއަ ހަފުތާގައި ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވެސް ވަޑައިގެންނެވި އެވެ.