ބޭރު ކުޅިވަރު

ޗެލްސީ އަށްވުރެ ބެލްޖިއަމްގެ ޓްރޭނިންތައް ފުރިހަމަ: ކޯޓުއާ

ޗެލްސީގައި ހަދާ ތަމްރީނުތަކަށްވުރެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ފެންވަރު މާ ރަނގަޅު ކަމަށް ގޯލްކީޕަރު ތިބައޫ ކޯޓުއާ ބުނެފި އެވެ.
އޭނާ މިހެން ބުނީ ޕޯޗުގަލްއާ ދެކޮޅަށް ބެލްޖިއަމް ކުޅޭ މެޗަށް ތައްޔާރުވާން ފެށުމުގެ ކުރިންނެވެ.

ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑުގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު ހުސްވި ސީޒަނުގައި އަލުން ޗެލްސީއާ ގުޅުނު ކީޕަރު ބުނީ ގައުމީ ޓީމުގެ ތަމްރީނުތައް ރަނގަޅީ މޮޅު ކުޅުންތެރިން ތިބުމުން ކަމަށެވެ.

"ހުސްމޮޅު ކުޅުންތެރިން ތިބީމަ ޓްރޭނިންގެ ފެންވަރު ރަނގަޅުވޭ ކުލަބަށްވުރެ. ކުލަބުގައި އަހަރެން ޖެހޭ ބައެއް ފަހަރު ތަމްރީނު ހަދަން ޒުވާން ކުޅުންތެރިންނާއެކު ވެސް. މީގެ ސަބަބުން ޖުމުލަކޮށް ބަލާއިރު ކުލަބުގެ ތަމްރީނުގެ ފެންވަރު ދަށަށްދޭ،" ކޯޓުއާ ބުންޏެވެ.

އުމުރުން މިހާރު 23 އަހަރުގެ ކީޕަރު ބުނީ އޭނާގެ ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އެބައޮތް ކަމަށާއި މިހެންވެ ޗެލްސީގައި އޭނާގެ ކުރިމަގު އޮންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ނަމަވެސް އަންނަ ސީޒަނުގައި އާކޯޗަކު ހަވާލުވެ، ޓީމު ރިފޯމްކުރަން އުޅޭތީވެ، ކުރިމަގާމެދު ވަކިއެއްޗެއް ބުނަން ދަތި ކަމަށެވެ.

މި ސީޒަނުގައި ޗެލްސީގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށަށްދިއުމުގެ ސަބަބުން އެ ޓީމަށް އަންނަ ސީޒަނުގައި ޔޫރަޕުގެ މުބާރާތަކުން ވެސް ފުރުސަތު ލިބުން ވަރަށް ދުރެވެ.